ޓޯކިއޯ އޮލިމްޕިކްސް 2020 ގެ ފިރިހެނުންގެ 100 މީޓަރު ދުވުމުގެ ބައިން ރަން މެޑަލް އިޓަލީގެ ދުވުންތެރިޔާ ލަމޯންޓް މާސެލް ޖޭކޮބްސް ހޯދައިފި އެވެ.

މި ކާމިޔާބީއާއި އެކު ޖޭކޮބްސް ވެގެންގޮސްފައިވަނީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާގެ މަގާމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ޖެމެއިކާގެ އުސައިން ބޯލްޓަށްފަހު މި އިވެންޓު ކާމިޔާބުކުރި ފުރަތަމަ އެތްލީޓަށެވެ.

އެންމެފަހުން ބޭއްވި އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގެ އިވެންޓަށްފަހު ބޯލްޓް ވަނީ ރިޓަޔާވެފައެވެ. އެފަހަރު އޭނާ ބުނީ އިތުރު ފަހަރަކު ދެން ނުދުވާނެ ކަމަށެވެ.

އޮލިމްޕިކްސްގެ ތާރީހުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ބޯލްޓް ވަނީ އޮލިމްޕިކްސް އެންމެ ފަހުން ބޭއްވި ފަހަރުވެސް 100 މީޓަރު ދުވުމުން ރަންމެޑަލް ހޯދާފައެވެ. އެގޮތުން 2008 ވަަނަ އަހަރު ޗައިނާގައި ބޭއްވި ބެއިޖިން އޮލިމްޕިކްސް އާއި، 2012 ވަނަ އަހަރު އިންގްލެންޑުގައި ބޭއްވި ލަންޑަން އޮލިމްޕިކްސް އަދި 2016 ވަނަ އަހަރު ބްރެޒިލުގައި ބޭއްވި ރިއޯ އޮލިމްޕިކްސްގެ 100 މީޓަރު އަދި 200 މީޓަރު އިވެންޓުން ބޯލްޓް ވަނީ ރަން މެޑަލް ހޯދާފައެވެ.

ދުވުމުގެ ކެރިއަރު ބޯލްޓް ރަސްމީކޮށް ނިންމާލީ އެންމެފަހުން 2016 ގައި ބޭއްވި އޮލިމްޕިކްސް އަށް ފަހު ޖެހިގެން އައި އަހަރު ބޭއްވި ވޯލްޑް ޗެމްޕިއަންޝިޕަށްފަހު އެވެ. އުމުރުން 26 އަހަރުގެ ދުވުންތެރިޔާ ރަން މެޑަލް ހޯދީ ފައިނަލް އިވެންޓުގައި ވާދަކޮށް 9.80 ސިކުންތުން ނިންމައިގެންނެވެ. އޭނާއާއި ޖެހިގެން ރިހި މެޑަލް ހޯދީ 9.84 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ދުވުންތެރިޔާ ފްރެޑް ކޭލީ އެވެ. ލޯ މެޑަލް ލިބުނީ ކެނެޑާގެ ދުވުންތެރިޔާ އަންދްރޭ ޑެ ގްރާސޭ އެވެ. އެއީ 9.89 ސިކުންތުންނެވެ.

ޖޭކޮބްސް ހޯދި މި ޝަރަފާއެކު އޭނާ ވެފައިވަނީ 1992 ގެ ފަހުން އޮލިމްޕިކްސްގެ 100 މީޓަރު ދުވުމުގައި ބޯލްޓަށްފަހު މި ބައިން ރަންމެޑަލް ހޯދި ފުރަތަމަ އެތްލީޓަށެވެ.