ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތަކަށް ތައްޔާރުވުމުުގެ ގޮތުގައި ސައުދީ އަރަބިއްޔާގައި މިހާރު ކޭމްޕުކުރަމުން އަންނަ މާޒިޔާއިން އެ ގައުމުގެ ވަރުގަދަ އަލް އިއްތިހާދުގެ 19 އަހަރުންދަށުގެ ޓީމު ބަލިކޮށްފިއެވެ.

ގަދަ ހޫނުގައި ކުޅުނު އެކުވެރިކަމުގެ މި މެޗު މާޒިޔާ ކާމިިޔާބުކޮށްފައިވަނީ ފަހަތުން އަރާ ކާމިިޔާބުކުރި ލަނޑުތަކާއި އެކު 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާއިން ފަަހަތުން އަރާ ކާމިޔާބުކުރި ދެ ލަނޑު ޖަހައިދިން ކުޅުންތެރިންނަކީ ސެއިން ވިންސެންޓްގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އާއި ރާއްޖޭގެ އުއްމީދީ ކުޅުންތެރިޔާ ނާއިޒު ހަސަން (ދާދު) އެވެ. މި މެޗުގައި މާޒިޔާ ގަދަ ހޫނުގައި ކުޅުނުއިރު ކޯޗު ހުރީ މެޗެއް ކުޅުމުގެ ފުރުސަތު ލިބުމުން ހިތްހަމަޖެހިފައެވެ.

މިދިޔަ މަހު މާޒިޔާއިން އޭއެފްސީ ކަޕަށް ތައްޔާރުވާން ފެށިއިރު އަދިވެސް އިތުރު އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޓްރެއިނިން ކޭމްޕަކީ އެފްއޭއެމުން ތަނަވަސްކޮށްދިން ފުރުސަތެކެވެ. ޓްރެއިނިން ކޭމްޕަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 14 ގައެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ ހިމެނެނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރަ ކިންގްސް އާއި އެއް ގްރޫޕެއްގައެވެ. މި ގްރޫޕުގެ ހަތަރުވަނަ ޖާގަ ލިބޭ ޓީމެއް ޔަގީންވާނީ މާލޭގައި ކުޅޭ ޕްލޭއޮފް މެޗަށްފަހު އެވެ. މި މެޗުގައި ބައްދަލުކުރަނީ ރާއްޖޭގެ ކުލަބް އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު ސިޓީ އެފްސީ އެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްސްޓޭޖުން ޖާގަ ލިބޭނެ އެވެ.

ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ބައްދަލުކުރާ ޕްލޭއޮފް މެޗު ކުޅޭނީ އަންނަ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އެއަށްފަހު ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާނީ އަންނަ މަހުގެ 18، 21 އަދި 24 ވަނަ ދުވަހުއެވެ.