ބެލަރޫސްގެ އޮލިމްޕިކްސް ޓީމާއި މައްސަލަ ޖެހި އެނބުރި ގައުމަށް ނުދާން ގަދަ ދެއްކި އެ ގައުމުގެ ދުވުންތެރިޔާ ކްރިސްޓީނާ ޓިމަނޮވްސްކާޔާ އަށް ޖަޕާނުން ހިމާޔަތްދިނުމަށް ފަހު ޕޮލޭންޑަށް ފޮނުވާލައިފި އެވެ.

އުމުރުން 24 އަހަރުގެ ދުވުންތެރިޔާ އާއި ބެލަރޫސްގެ ޓީމާއި ދެމެދު މައްސަލަ ބޮޑުވީ އޭނާ ކޯޗުންނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރުމާއި ގުޅިގެންނެވެ. ކޯޗުންނަށް ފާޑުކިޔާފައިވަނީ މި އޮލިމްޕިކްސްގައި އޭނާ ފަރިތަނުކުރާ އިވެންޓެއްގައި ބައިވެރިކުރަން މަޖުބޫރުކުރުމުންނެވެ.

ކްރިސްޓީނާ ނިންމީ އެ އިވެންޓުގައި ބައިވެރިނުވާށެވެ. އެއާއެކު ބެލަރޫސްގެ ކޯޗިން ޓީމުން ނިންމީ އޭނާ އަނބުރާ ގައުމަށް ފޮނުވާލާށެވެ. ނަމަވެސް ކްރިސްޓީނާ އެނބުރި ގައުމަށް ދާން ބޭނުމެއްނުވި އެވެ.

މިފަހަރުގެ އޮލިމްޕިކްސް އަށް ކްރިސްޓީނާ ތައްޔާރުވީ 200 މީޓަރު ދުވުމުގައެވެ. ނަމަވެސް ބެލަރޫސް ޓީމުން އެންގީ 400 މީޓަރު ރިލޭ އިވެންޓުގައި ބައިވެރިވާށެވެ.

އެނބުރި ގައުމަށް ފުރުވާލަން ޖަޕާނުގެ އެއާޕޯޓަށް ގެންދިއުމުން ކްރިސްޓީނާ ވަނީ އެ ގައުމުގެ ފުލުހުންގެ ކިބައިން ހިމާޔަތަށް އެދިފައެވެ. އެއާޕޯޓަށް ގޮސް އެކަމަށް އެދުމުން ޖަޕާނުގެ ފޮރިން މިނިސްޓްރީއާއި އޮލިމްޕިކްސް ޓޯކިއޯގެ އިސްވެރިންގެ މަޝްވަރާއަށްފަހު ވަނީ ހިމާޔަތްދީފައެވެ. އަދި ޕޮލޭންޑުން ހާއްސަ ވިސާއެއް ހަމަޖައްސައިދިނުމަށް ފަހު މިހާރު އޭނާ ވަނީ އެ ގައުމަށް ފުރުވާލާފައެވެ.

މީޑިއާތަކަށް ވާހަކަދައްކަމުން ކްރިސްޓީނާ ބުނީ އޭނާ ގައުމުދެކެ ވަރަށް ލޯބިވާ ކަމަށާއި މި ނިންމުން ނިންމީ އެނބުރި ގައުމަށް ދިއުމުން ގިނަ ކަންކަމާއި ކުރިމަތިލާން ޖެހޭތީ ކަމަށާއި ރައްކާތެރިކަން ނެތުމުން ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ބެލަރޫސް ޓީމުން ބުނާ ވާހަކަ ތަފާތެވެ. އެ ޓީމުން ބުނަނީ ކްރިސްޓީނާގެ ސިކުނޑީގައި މައްސަލަ އުޅޭ ކަމަށާއި ނަފްސާނީ ގޮތުން އެއީ ހަމަޖެހޭ މީހެއް ނޫން ކަމަށެވެ. ނަމަވެސް މި ވާހަކަތައް ކްރިސްޓީނާ ދޮގުކޮށްފައިވެއެވެ. މި މައްސަލަ އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ) އިން ވަނީ ތަހުގީގުކުރަން ފަށާފައެވެ.