ބަންގްލަދޭޝްގައި މިއަދު ފެށި ފީބާ އޭޝިއާ ކަޕް ކޮލިފިކޭޝަން ބުރުގެ ފުރަތަމަ މެޗު ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

ކޮލިފައިންގެ ފުރަތަމަ މެޗު ރާއްޖެ އިން މިއަދު ކާމިޔާބުކުރީ ނޭޕާލްއާ ބައްދަލުކޮށް 63-60 ޕޮއިންޓުންނެވެ.

ކޮލިފައިން ބުރުގައި ރާއްޖެ އާއި ނޭޕާލްގެ އިތުރުން ދެކުނު އޭޝިއާ ސަރަހައްދުން ދެން ވާދަކުރަނީ ބަންގްލަދޭޝް އާއި ބޫޓާނުގެ އިތުރުން ސްރީލަންކާއެވެ. 2021 ވަނަ އަހަރު އޮންނަ ފީބާ އޭޝިއާ ކަޕަށް ކޮލިފައިވާނީ މި ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ޕޮއިންޓު ހޯދާ ދެ ޓީމެވެ.

ނޭޕާލްގެ މައްޗަށް ރާއްޖެ އިން ކުރި ހޯދިއިރު ބަންގްލަދޭޝް އިން ވަނީ ބޫޓާންގެ މައްޗަށް މިއަދު ކުރި ހޯދާފައެވެ. ބަންގްލަދޭޝް އެ މެޗު ކާމިޔާބުކުރީ 61-49 ޕޮއިންޓުންނެވެ.

ކޮލިފިކޭޝަންގެ ދެވަނަ މެޗުގައި މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ ބޫޓާންއާ ދެކޮޅަށެވެ.

އަދި މި މަހުގެ 29 ވަނަ ދުވަހު ލަންކާއާ ދެކޮޅަށް ރާއްޖެ ނިކުންނައިރު ފަހު މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ނިކުންނާނީ މި މަހުގެ 30 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު