އިނގިރޭސި ޕްރިމިއާ ލީގު ހުޅުވި މެޗުގައި މިފަހަރު ލީގަށް އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑް އަތުން އާސެނަލް ހިތްދަތިގޮތަކަށް ބަލިވެއްޖެ އެވެ.

ބްރެންޓްފޯޑްގެ ގެ އަމިއްލަ ދަނޑު ކަމަށްވާ ކޮމިއުނިޓީ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެޓީމު ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެެވެ. މި މެޗުގައި ބްރެންޓްފޯޑް ޓީމު ވަނީ އާސެނަލް ކައިރިން މޮޅު ކުޅުމެއް ކުޅެފައެވެ. މިއީ ސީޒަން ހުޅުވި މެޗެއްގައި އާސެނަލް ބަލިވި ފުރަތަމަ ފަހަރެވެ.

ޕްރިމިއާ ލީގުން ބްރެންޓްފޯޑް އަށް ޖާގަ ލިބިފައިވަނީ މިދިޔަ ސީޒަނުގެ އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ގެ ޕްލޭއޮފް މެޗުން މޮޅުވެގެންނެވެ. މިއީ ވޭތުވެދިޔަ 74 އަހަރު ތެރޭ އިނގިރޭސި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި 1992 ގައި އިނގިރޭސި ޕްރިމިއަރ އަށް ލީގު ރީބްރޭންޑު ކުރިފަހުން އެ ޓީމު ކޮލިފައިވެ ހޯދި ފުރަތަމަ މޮޅެވެ.

މި މެޗާއި ކުރިމަތިލިއިރު އާސެނަލްގެ މުހިއްމު ދެ ކުޅުންތެރިންނަށް ނުކުޅެވެއެވެ. އެގޮތުން އާާސެނަލްގެ ދެ ފޯވާޑުން ކަމަށްވާ ޕިއޭ އެެމެރިކް އޮބާމަޔަން އާއި އަލެކްސަންޑަ ލަކަޒޭޓް މި މެޗުގައި ނުކުޅެވުނުއިރު ކުރިޔަށްހުރި ދެތިން މެޗެއްގައި ވެސް އެ ކުޅުންތެރިންނަށް ކުޅެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ. އ

އާސެނަލް އާއި ދެކޮޅަށް ބްރެންޓްފޯޑް އިން މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 22 ވަނަ މިނެޓުގައެވެ. މި ލަނޑު ބާސާ އަދި ލިވަޕޫލްގެ ޔޫތު ޓީމަށް ކުޅުނު ސާޖީ ކަނޯސް ކާމިޔާބުކޮށްފައިވަނީ އިތަން ޕިނޮކް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މި ލަނޑަށްފަހު ވެސް ބްރެންޓްފޯޑް ދިޔައީ ނުރައްކާކުރަމުންނެވެ. އެގޮތުން އެ ޓީމުން ވަނީ 73 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މިއީ ކްރިސްޓިއަން ނޯގާޑް ކާމިޔާބުކުރި ލަނޑެކެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލަށް ދެން ކުރިޔަށްއޮތީ ވަރުގަދަ ދެ މެޗެވެ. މި މަހުގެ 22 ވަނަ ދުވަހު އެ ޓީމު އަމިއްލަ ދަނޑުގައި ކުޅޭނީ ޗެލްސީއާއި ދެކޮޅަށެވެ. އޭގެފަހުން ދެން އެ ޓީމު ކުޅޭނީ ލިވަޕޫލާއި ދެކޮޅަށެވެ.