ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ދެކޮޅަށް ކުޅޭ ބަންގާޅުގެ ޗެމްޕިއަން ބަޝުންދަރަ ކިންގްސް ޓީމަށް އެޑްވާންޓޭޖުތަކެއް އެބަހުރި ކަމަށް މާޒިޔާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

އޭއެފްސީ ކަޕުގެ ގްރޫޕް ޑީގައި ހިމެނޭ ޓީމުތަކުގެ ތެރެއިން އެންމެ ފޯމުގައި އޮތް ޓީމަކީ ބަޝުންދުރަ ކިންގްސް އެވެ. އެ ޓީމު ވަނީ މިދިޔަ ހަފުތާގައި ބަންގްލަދޭޝް ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗު ބުނީ ވާދަވެރި މެޗުތަކެއް ބަޝުންދުރަ އަށް ލިބިފައިވާ ކަމަށާއި އެއީ އެ ޓީމަށް ލިބޭ އެޑްވާންޓޭޖެއް ކަމަށެވެ.

"ބަޝުންދުރަ ޓީމުގެ ކޯޗު އޮސްކާ ބްރުޒޮން އަކީ ރާއްޖޭގައި މަސައްކަތްކުރި ކޯޗެެއް، އޭނައަށް މި ކުޅުންތެރިން (ދިވެހި ކުޅުންތެރިން) އެނގުން އެއީ އެޑްވާންޓޭޖެކޭ ބުނެވިދާނެ، ކޮންމެ ގޮތެއްވިޔަސް އަހަރެމެން ޓާގެޓަކީ ވާހަކަ ދެއްކުމުގެ ބަދަލުގައި މެޗުން ރަނގަޅު ނަތީޖާއެއް ނެރުން" މެޗަށްފަހު ކޯޗު ބުންޏެވެ.

ރާއްޖޭގެ ނިއުރޭޑިއަންޓްގެ ކުރީގެ ކޯޗު އޮސްކާ ބްރުޒޮންގެ ކޯޗުކަމުގެ ދަށުން ބަޝުންދުރަ ކިންގްސް ވަނީ ތާރީހީ ގިނަ ރެކޯޑުތަކެއް އެ ކުލަބުގައި ހަދާފައެވެ. މިވަގުތު އެންމެ ފޯމުގައި ވަނީވެސް އެ ޓީމެވެ. އެއީ މި ގްރޫޕުގެ އެހެން ޓީމުތަކުންވެސް ދެކޭ ގޮތެވެ.

މާޒިޔާގެ ކޯޗު ބުނީ އެ ޓީމުން މި މެޗާއި ކުރިމަތިލަނީ ރާއްޖޭގެ ފުޓުބޯޅައިގެ ހައްގުގައި ކަމަށާއި ގަލޮޅުދަނޑުގައި އެ ޓީމުން ކުޅޭނީ ދިވެހި ފުޓުބޯޅަ ދިފާއުކުރަން ކަމަށެވެ. އަދި މުޅި ޓީމުންވެސް އެކަން ކުރާނީ ސަތޭކަ ޕަސެންޓް ދަނޑުމަތީގައި ދީގެންކަމަށް ކޯޗު ބުންޏެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ މި މުބާރާތުގައި މިހާރު ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު އޮތް މާޒިޔާ އިން ކުޅޭނީ ވަރަށް ބޮޑަށް ގައުމީ ރޫހުގައި ކަމަށާއި ގަލޮޅު ދަނޑުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ލިބޭ ފަސޭހައެއް ކަމަށެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިިން

އޭއެފްސީ ކަޕަށް ތައްޔާރުވުމުގެ ގޮތުން މާޒިޔާ އިން ވަނީ ސައުދީ އަރަބިއްޔާގައި ތިން ހަފްތާއެއްހާ ދުވަހުގެ ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށްފަ އެވެ. މި ކޭމްޕުގެ ތެރެއިން ޖުމްލަ ތިން މެޗެއް ކުޅެފައިވެއެވެ. ފުރަތަމަ މެޗުގައި އެ ގައުމުގެ ވަރުގަދަ ޓީމެއް ކަމަށްވާ އަލް އިއްތިހާދުގެ 19 އަހަރުންދަށުގެ ޓީމާއި ވާދަކޮށް 2-1 އިން މޮޅުވިއެވެ. ދެވަނަ މެޗުގައި ވާދަކުރީ އެ ގައުމުގެ ދެވަނަ ޑިވިޝަނުގެ ދެ ޓީމު ކަމަށްވާ އަލް ވަހްދާ އާއި ޖިއްސާ އެފްސީ އެވެ. މި ދެ މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ.