ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރުމަށް ރާއްޖެ ފުރުމުގެ ކުރިން ހެދި ކޮވިޑު ޓެސްޓުތަކުން އިންޑިއާ ގައުމީ ޓީމުގައި މިވަގުތު އެންމެ ފޯމުގައި ހުރި ކީޕަރު އަމްރިންދާ ސިންގް ކޮވިޑަށް ފައްސިވުމުގެ ސަބަބުން ސްކޮޑުން ބާކީކޮށްފިއެވެ.

ރާއްޖޭގައި ބޭއްވި އޭއެފްސީ ކަޕުގައި އޭޓީކޭ މޯހަން ބަގާންއަށް ކުޅުނު ކީޕަރު ކޮވިޑަށް ފައްސިވިއިރު އެ ޓީމުން ގަވާއިދުން ފުރަތަމަ އެގާރައިގައި ހިމަނަމުން އައި އެއް ކީޕަރު ކަމަށްވާ ބެންގަލޫރު އެފްސީއަށް ކުޅެމުން އަންނަ ގުރްޕްރީތް ސިންގް ސްކޮޑުގައި ހިމެނެއެވެ. ނަމަވެސް އޭނާ މިވަގުތު ހުރީ ރަނގަޅު ފޯމެއްގައި ނޫނެވެ.

އަމްރިންދާ ސްކޮޑުން ބާކީކުރުމާއެކު އޭނާގެ ބަދަލުގައި ސްކޮޑަށް ދެން ނެގި ކުޅުންތެރިއަކީ އެފްސީ ގޯއާ އަށް ކުޅެމުން އަންނަ އެ ގައުމުގެ އެންމެ އުއްމީދީ އެއް ކީޕަރު ކަމަށްވާ 21 އަހަރުގެ ދީރާޖް ސިންގް އެވެ.

ސާފް ޗެމްޕިއަންޝިޕަށް އިންޑިއާއިން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުން ދެން ފުރުސަތު ގެއްލުނީ މުމްބާއި ސިޓީ އެފްސީއަށް ކުޅެމުން އަންނަ ބިޕިން ސިންގް އެވެ. އޭނާވެސް ސްކޮޑުން ބާކީކުރީ ކޮވިޑަށް ފައްސިވުމުގެ ސަބަބުންނެވެ. އެހެންނަމަވެސް އިންޑިއާއަށް ލިބޭ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ އުދަންތާ ސިންގް ފިޓުވެ ސްކޮޑުގައި ހިމެނުމުންނެވެ. އެންމެފަހުން ނޭޕާލް އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ ދެ މެޗުގައިވެސް އޭނާ ކުޅެފައެއް ނުވެއެވެ.

އިންޑިއާ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން މިވަގުތު ތިބީ އިންޑިއާގެ ބެންގަލޫރުގައެވެ. ޓީމު ރާއްޖެ އަންނާނީ މިއަދުގެ ވަގުތެއްގައެވެ. ޖުމްލަ ފަސް ގައުމު ވާދަކުރާ މުބާރާތް ކުރިޔަށްދާނީ ލީގު އުސޫލުންނެވެ. ޗެމްޕިއަންކަން ލިބޭނީ މި ލީގު ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ މެދުގައި ފައިނަލް ކުޅެގެން މޮޅުވާ ޓީމަކަށެވެ.

މުބާރާތުގައި އިންޑިއާ ކުޅޭ މެޗުތައް

އޮކްޓޯބަރު 4 (ހޯމަ): ބަންގްލަދޭޝް - އިންޑިއާ (16:00)

އޮކްޓޯބަރު 7 (ބުރާސްފަތި) އިންޑިއާ - ސްރީލަންކާ (16:00)

އޮކްޓޯބަރު 10 (އާދީއްތަ) ނޭޕާލް - އިންޑިއާ (21:00)

އޮކްޓޯބަރު 13 (އަންގާރަ) އިންޑިއާ - ދިވެހިރާއްޖެ (21:00)