ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ޓީމަކީ ސަރަހައްދުގެ ގަދަބާރު އިންޑިއާ އެވެ. މުބާރާތުގައި މިހާތަނަށް އެ ޓީމު ވަނީ ހަތް ފަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އިންޑިއާއިން ވަނީ 1993، 1997،1999، 2005، 2009، 2011، 2015 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ހަތަރު ފަހަރު އެ ޓީމުން ވަނީ މުބާރާތުގެ ރަނަރަޕް ކަން ހޯދާފައެވެ.

އެންމެ ފަހުން އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕުގެ ތަށި އުފުލާލީ 2015-16 ގައެވެ. އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި މުބާރާތުގައި އިންޑިއާ އަކީ ރަނަރަޕެވެ. އެންމެފަހުގެ ޗެމްޕިއަނުންނަކީ ރާއްޖެއެވެ.

އިންޑިއާގެ ބާރު ގަދަކަމުން ސާފް ޗެމްޕިއަންޝިޕަކީ އެ ގައުމަށް މާ މުހިއްމު މުބާރާތަކަށް ނުވެއެވެ. އެއީ ސަރަހައްދީ ގޮތުން ލިބިފައިވާ ކާމިޔާބީތަކާއި މި ސަރަހައްދުގެ އެހެން ގައުމުތަކާއި އެ ގައުމާއި އަޅާކިޔޭ ވަރަށްވުރެ ތަފާތުވުމުން ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް މިފަހަރަކީ އިންޑިއާއިން މި މުބާރާތް ސީރިއަސްކޮށް ނަގާ ފަހަރެކެވެ.

މިފަހަރު އިންޑިއާއިން މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ނޭޕާލް އާއެކު އެ ގައުމުގައި ވަނީ އެކުވެރިކަމުގެ ދެ މެޗު ކުޅެފައެވެ. އިންޑިއާއިން ނޭޕާލުގައި ކުރި ކޭމްޕުގައި ކުޅުނު އެކުވެރިކަމުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ނޭޕާލާއި ސެޕްޓެމްބަރު ދެވަނަ ދުވަހު ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އޭގެ ތިން ދުވަސް ފަހުން މި ދެ ޓީމު ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗު އިންޑިއާ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

އިންޑިއާ ޓީމު ރާއްޖެ އައިސް އެއާޕޯޓުގައި

މުބާރާތަށް އެ ޓީމުން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑުގައި އެ ޓީމުން މި މުބާރާތް ސީރިއަސްކޮށް ނަގާ މިންވަރު ހާމަވެއެވެ. އެ ޓީމުން ބުނާގޮތުން މި މުބާރާތަކީ ކުރިޔަށްއޮތް ވޯލްޑްކަޕް ކޮލިފައިންގެ މެޗުތަކަށް ޓީމު ތައްޔާރުވާން ލިބޭ ރަނުގެ ފުރުސަތެކެވެ. ނަމަވެސް ނެގި ސްކޮޑަށް ބަލާއިރު ފެންނަނީ ތަފާތެވެ.

އިންޑިއާ ޓީމު މި މުބާރާތް ފަށަން ގާތްވިއިރު ވަނީ ކޮވިޑުގެ ހިޔަނި އެޅިފައެވެ. އެއާއެކު އެ ޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ ކަމަށްވާ ކީޕަރު އަމްރިންދާ ސިންގް ވަނީ ކޮވިޑަށް ފައްސިވުމުގެ ސަބަބުން ސްކޮޑުން ބާކީކޮށްފައެވެ. ނަމަވެސް ސުނިލް ޗެތްރީ ފަދަ ތަޖުރިބާކާރު ކުޅުންތެރިން މި ސްކޮޑުގައި ހިމެނެއެވެ.

ކޯޗު އިގޯ ސްޓިމެކް އެކުލަވާލި 23 ކުޅުންތެރިންގެ މި ސްކޮޑުގައި މައިގަނޑު ގޮތެއްގައި ތިބީ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިންނާއެކު އިންޑިއާގައި މިވަގުތު ނެގެން އޮތް އެންމެ ވަރުގަދަ ސްކޮޑެވެ.

އިންޑިއާ އިން މުބާރާތަށް އެކުލަވާލި ސްކޮޑުގައި އެކުލެވޭ 23 ކުޅުންތެރިން

ގޯލްކީޕަރު: ގުޕްރީޓް ސިންގް، ވިޝާލް ކައިތް، ދީރާޖް ސިންގް މޮރަންތަމް

ޑިފެންޑަރ: ޕްރިތަމް ކޯޓާލް، ސެރިޓަން ފެނާންޑޭޒް، ޗިންގްލެންސަނާ ސިންގް، ރާހޫލް ބެކޭ، ސުބަޝިޝް ބޯސް، މަންދަރު ރާއޯ ޑެސާއީ

މިޑްފީލްޑަރު: އުދަންތާ ސިންގް، ބްރެންޑަން ފެނާންޑޭޒް، ލަލެންޑްމަވިއާ، އަނިރޫދް ތާޕާ، ސަހަލް އަބްދުލް ސަމަދު، ޖެކްސަން ސިންގް، ގްލެން މާޓިންސް، ސުރޭޝް ސިންގް، ލިސްޓަން ކޮލާސޯ، ޔާސިރު މުހައްމަދު

ފޯވާޑް: މަންވީރު ސިންގް، ރަހީމް އަލީ، ސުނިލް ޗެތްރީ، ފާރޫގް ޗައުދަރީ

މުބާރާތަށް ތައްޔާރުވާން އިންޑިއާ އާއި ނޭޕާލް ކުޅުނު އެކުވެރިކަމުގެ މެޗުގެ ތެރެއިން

މުބާރާތުގައި އިންޑިއާ ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ޝެޑިއުލް

އޮކްޓޯބަރު 4 (ހޯމަ): ބަންގްލަދޭޝް - އިންޑިއާ (16:00)

އޮކްޓޯބަރު 7 (ބުރާސްފަތި) އިންޑިއާ - ސްރީލަންކާ (16:00)

އޮކްޓޯބަރު 10 (އާދީއްތަ) ނޭޕާލް - އިންޑިއާ (21:00)

އޮކްޓޯބަރު 13 (އަންގާރަ) އިންޑިއާ - ދިވެހިރާއްޖެ (21:00)