ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާއިރު ސްރީލަންކާ އަކީ މި މުބާރާތުގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ގައުމެކެވެ. ސަރަހައްދީ މި ބޮޑު މުބާރާތް އެންމެ ފުރަތަމަ ފަށައިގަތް އިރު އެންމެ ވަރުގަދަ ގައުމުތަކުގެ ތެރޭގައި ސްރީލަންކާ ހިމެނުނެވެ. ނަތީޖާއެއްގެ ގޮތުން 1995 ވަނަ އަހަރު ބޭއްވި ދެވަނަ ސާފް ޗެމްޕިއަންޝިޕް އެ ޓީމު ކާމިިޔާބުކުރި އެވެ. ދެން އެ ޓީމަށް މި މުބާރާތާއި އެންމެ ދުރަށްވެސް ދެވުނީ ފައިނަލާއި ހަމައަށެވެ.

ނަމަވެސް މިހާރު ސްރީލަންކާ އަކީ ވަރަށް އާދައިގެ ޓީމެކެވެ. ސާފް ޗެމްޕިއަންޝިޕް 2013 ގައި ރާއްޖެއިން ވަނީ ލަންކާ ކޮޅަށް 10 ލަނޑު ޖަހާފައެވެ. މި މެޗަކީ ލަންކާގެ ފުޓުބޯޅައިގެ ހާލަތު އެންމެ ދަށްކޮށް ފެނިގެންދިޔަ ފަހަރެވެ. އޭގެފަހުން އަދިއަދަށް ދާންދެން ވެސް ލަންކާއަށް ފުޓުބޯޅައިގައި ފެންނަނީ ވަރަށް ނިކަމެތިކޮށެވެ. އެންމެފަހުން 2018 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ލަންކާ ނިންމާލީ އެއްވަރުވެގެންނެވެ.

ރާއްޖޭގައި މިފަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕާއި އެ ގައުމުން ކުރިމަތިލަނީ ރާއްޖޭގެ ނިއުރޭޑިއަންޓްގައި މީގެކުރިން ކޯޗުކަންކުރި ބޮސްނިއާގެ އާމިރް އަލަގިޗްގެ އިރުޝާދުގެ ދަށުންނެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ސްރީލަންކާ ވަނީ ސައުދީ އަރަބިއްޔާގައި ކޭމްޕުކޮށްފައެވެ. ޖުމްލަ ދެ ހަފުތާވަންްދެން ސައުދީ އަރަބިއްޔާގައި ސްރީލަންކާ ގައުމީ ޓީމު ވަނީ ކޭމްޕުކޮށްފައެވެ. މިފަހަރު ލަންކާ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ ތެރޭގައި އިނގިރޭސިވިލާތުގައި ކުޅެމުން އަންނަ މާވިން ހެމިލްޓަން އަދި ޑިލިއަން ޑި ސިލްވާ ވަނީ މި ސްކޮޑުގައި ހިމަނާފައެވެ. ލަންކާ ޓީމު ލީޑުކުރާނީ ރާއްޖޭގެ ކުލަބް އީގަލްސް ގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ. އޭނާގެ ތަޖުރިބާއާއި ރާއްޖޭގެ މާހައުލަށް ހޭނިފައިވުމަކީ ސްރީލަންކާ އަށް މި މުބާރާތުގައި ލިބޭނެ އެންމެ ބޮޑު އެހީއެވެ. އެކަން އެ ޓީމުގެ ކޯޗުވެސް ފާހަގަކުރެއެވެ.

ސާފް ޗެމްޕިއަންޝިޕަށް ސްރީލަންކާ އިން އެކުލަވާލި 23 ކުޅުންތެރިންގެ ސްކޮޑު

ގޯލްކީޕަރުން: ސުޖަން ޕެރޭރާ ، ޕްރަބާތް ރުވަން އަރުނަސިރި، ކަވީޝް ފެނާންޑޯ

ޑިފެންޑަރުން: ޗަމޮދް ދިލްޝާން، ހަރްޝާ ފެނާންޑޯ، ސުނިލް ރޯޝަން އައްޕުހަމީ، ޗަރިތާ ރަތްނަޔަކެ، ޑަކްސަން ޕަސްލަސް، އަސިކޫރް ރަހްމާން

މިޑްފީލްޑަރުން: މުހައްމަދު މުސްތާގު، މުހައްމަދު ފަޒާލް، މާވިން ހެމިލްޓަން، ޖޫޑް ސުޕަން، ޗަލަނަ ޗަމީރާ، ކަވިންދު އިޝާން، ޑިލޮން ޑި ސިލްވާ، އެޑިސަން ފިގުރާޑޯ، އަމާން ފައިޒަރު

ފޯވާޑުން: އަހްމަދު ވަސީމް ރަޒީކް، މުހައްމަދު އާކިބް، ސުޕުން ދަނަންޖަޔަ ވިޖެސިންހަ، ރިފްކާން މުހައްމަދު، މުހައްމަދު ޝިފާން،

ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ލަންކާއިން ބޭއްވި ފަރިތަކުރުންތަކުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާ ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް

1 އޮކްޓޯބަރު : ސްރީލަންކާ - ބަންގްލަދޭޝް (16:00)

4 އޮކްޓޯބަރު : ސްރީލަންކާ - ނޭޕާލް (21:00)

7 އޮކްޓޯބަރު : އިންޑިއާ - ސްރީލަންކާ (16:00)

10 އޮކްޓޯބަރު : ދިވެހިރާއްޖެ - ސްރީލަންކާ (16:00)