އަންނަ ހުކުރުދުވަހު ރާއްޖޭގައި ފަށާ އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކަން ހުޅުވާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ބޮޑު ތަރުޙީބެއް ލިބިއްޖެ އެވެ.

ސަރަހައްދީ އެންމެ ބޮޑު ކުޅިވަރު މުބާރާތުގެ ޓިކެޓު ވިއްކަން ފަށާފައިވަނީ މިއަދު މެންދުރުފަހު ވަގުތުގައެވެ. ވަގުތުގެ ނޫސްވެރިން ގަލޮޅު ދަނޑު ސަރަހައްދަށް ދިޔައިރު ގިނަ އަދަދެއްގެ ބަޔަކު ވަނީ ޓިކެޓު ގަންނަން ކިއު ހަދާފައެވެ.

ފުރަތަމަ ދުވަހުގެ މެޗުތަކުގެ ޓިކެޓު ގަންނަން ކިއު ހަދާފައި-- ވަގުތު އިމޭޖަސް-- އަބްދުﷲ އަބީދު

ފުރަތަމަ ޓިކެޓު ވިއްކާނީ ހުކުރު ދުވަހު ހަވީރު ސްރީލަންކާ އާއި ބަންގްލަދޭޝް ކުޅޭ މެޗާއި އެރޭ ރާއްޖެ އާއި ނޭޕާލް ބައްދަލުކުރާ މެޗަށެވެ. ކޮންމެ މެޗެއްގެ ޓިކެޓް ވެސް ވިއްކާނީ ވަކި ކައުންޓަރަކުންނެވެ. އެ ގޮތުން ރާއްޖެ މެޗުގެ ޓިކެޓް ވިއްކާނީ އޮލިމްޕަސް ކައިރި ކައުންޓަރުންނެވެ. އަދި ލަންކާ އާއި ބަންގްލަދޭޝް މެޗުގެ ޓިކެޓް ވިއްކާނީ ސިޑިބަރި ކައުންޓަރުންނެވެ.

ދަނޑަށް ވަންނަ ޓިކެޓުތަކުގެ ތެރެއިން ގޮނޑިބަރީގެ ޓިކެޓެއް ވިއްކަނީ 100 ރުފިޔާއަށެވެ. އަދި ސިޑިބަރީގެ ޓިކެޓު އުޅެނީ 75 ރުފިޔާއަށެވެ. ޓިކެޓު ވިއްކަން ފަށާނީ މެންދުރުފަހު 14:00 އިން ރޭގަނޑު 23:00 އާއި ހަމައަށެވެ. މީގެއިތުރުން މާދަމާ ޓިކެޓު ވިއްކާނީ ހެނދުނު 10:00 އިން އިރުއޮއްްސި 18:00 އަށް އަަދި ރޭގަނޑު 20:00 އިން 23:00 އަށެވެ.

ފުރަތަމަ ދުވަހުގެ މެޗުތަކުގެ ޓިކެޓު ގަންނަން ކިއު ހަދާފައި-- ވަގުތު އިމޭޖަސް-- އަބްދުﷲ އަބީދު

ޓިކެޓު ވިއްކާނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ޖެހިކަން ހާމަވާ ވެކްސިން ކާޑާއި އައިޑީ ކާޑު ހުށައެޅުމުން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ. އަދި ޓިކެޓާއެކު މެޗު ބަލަން ދަނޑަށް ވަންނައިރު ވެސް އައިޑީކާޑާއި ވެކްސިން ކާޑު އަތުގައި ބާއްވަން އެފްއޭއެމުން އެދެއެވެ.

ވެކްސިން ކާޑު އަދި މެޗު ޓިކެޓު-- ވަގުތު އިމޭޖަސް-- އަބްދުﷲ އަބީދު

މީގެއިތުރުން އެފްއޭއެމުން ވަނީ މެޗުގެ ހާފްޓައިމުގައި އެއްވެސް ސަޕޯޓަރަކަށް ބޭރަށް ނުދެވޭގޮތަށް ނިންމާފަައެވެ. މިއީވެސް ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.