މާދަމާ މާލޭގައި ފަށާ ސަރަހަައްދީ އެންމެ ބޮޑު ކުޅިވަރު އީދު ކަމަށްވާ އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ގައުމީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން މުޅި މާލެ ވަށާ ބޮޑު ސައިކަލު ބުރެއް ބާއްވައިފިއެވެ.

މި ސައިކަލް ބުރުގެ ކުރީ ސަފުގައި ހަރަކާތްތެރިވި ފާހަގަކޮށްލެވޭ ބޭފުޅުންގެ ތެރޭގައި ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ހިމެނެއެވެ. މީގެއިތުރުން ފުޓުބޯޅައިގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ކޯޗުންނާއި ގިނަ އަދަދެއްގެ އާންމުން މި ސައިކަލު ބުރުގައި ވަނީ ބައިވެރިވެފައެވެ.

ގައުމީ ޓީމުގެ ކުޅުންތެރިން ސައިކަލު ބުރުގެ ބައިވެރިންނާއެކު-- ވަގުތު އިމޭޖަސް: އަހުމަދު އަޝްހާދު

އާންމުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި ސައިކަލު ބުރުގެ ތެރެއިން ބައިވެރިން ވަނީ ގައުމީ ޓީމުގެ ކުޅުންތެރިން ތިބި ހޮޓެލް ޖެން ސަރަހައްދަށް އައިސް ޓީމުގެ ކުޅުންތެރިންނާއެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ. ގައުމީ ޓީމުގެ ކުޅުންތެރިންވެސް ވަނީ ސައިކަލުބުރުގެ ބައިވެރިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައެވެ.

ޖުމްލަ ފަސް ގައުމެއް ވާދަކުރާ މި މުބާރާތް ރާއްޖޭގައި ކުރިޔަށްދާނީ އޮކްޓޯބަރު 1 އިން 16 ގެ ނިޔަލަށެވެ. ލީގު އުސޫލުން މުބާރާތް ކުރިޔަށްދާއިރު ޗެމްޕިއަން ޓީމު ހޮވާނީ މި ލީގު ބުރުން އެންމެ ރަނގަޅު ދެ ޓީމުގެ މެދުގައި ފައިނަލް ކުޅެގެންނެވެ.

ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ނޭޕާލް އާއެވެ. މި މެޗު ކުޅޭނީ ހުކުރުދުވަހުގެ ރޭ 21:00 ގައެވެ. މި މެޗު ފަށާނީ މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަހުމަދު

    ގައުމީޓީމޭ ކިޔާގެން ކިހާވަރެއްގެ ކޮރަޕްޝަނެއް ހިންގާނެބާ؟

    12
    2
  2. ހުސެން

    ކޮބާހޭ މަހުލޫފު ނެގި ލާރިގަނޑ އަދިވެސް ސަސްޕެންޑް ގަތޯ މީކިހާދެރަކަމެއް..

    14
    1
  3. އާދަމުގެދަރި

    ކޮވިޑަށް ރައްކާތެރިވޭ. ކޮވިޑް ނުފަތުރާތި.