ރާއްޖެއިން އެކަނި ސަރަހައްދީ މުބާރާތެއް ހޯސްޓުކުރާ މިއީ ފުރަތަމަ ފަހަރެވެ. މިއީ ރާއްޖޭގެ ފުޓުބޯޅައިގެ ހަޔާތުގައި ވެސް ފާހަގަކޮށްލެވޭ މުބާރާތެކެވެ. މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނޭޕާލްއާއެވެ. މިހާތަނަށް ނޭޕާލާއި ރާއްޖެ ކުޅުނު ކޮންމެ މެޗަކީވެސް ވަރަށް ވާދަވެރިކޮށް ނިމިގެންދިޔަ މެޗުތަކެކެވެ.

ރާއްޖެގަޑިން މިރޭ 21:00 ގައި ރާއްޖެއާއި ބައްދަލުކުރާ ނޭޕާލަކީ ހަލުވި ގޭމެއް ކުޅޭ ޓީމެކެވެ. ވަކިވަކި ކުޅުންތެރިންގެ ހުނަރަށްވުރެ ބޮޑަށް އަވަސް ކުޅުމެއް ކުޅެމުން އަންނަ ޓީމެކެވެ. ޓީމުގައި މިހާރު ތިބި ކުޅުންތެރިންނަކީ އެ ގައުމިގެ ޔޫތު ޓީމުން ފުރޭނިގެން ސީނިއާ ޓީމަށް އައި ކުޅުންތެރިންނެވެ. މިއީ ނޭޕާލުގެ ތާރީހުގައިވެސް މިހާތަނަށް ފެންނާނެ އެންމެ ވަރުގަދަ ޓީމުކަމަށް އެ ގައުމުގެ މީޑިއާތަކުން ސިފަކުރެއެވެ.

ތަށި ދިފާއުކުރަން ނިކުންނަ ރާއްޖެ ބަލިކުރުމަކީ ނޭޕާލުގެ ވަރަށް ބޮޑު އަމާޒެކެވެ. އެ ޓީމުން މި މުބާރާތަށް ތައްޔާރުވީ ވަރުގަދަ އިންޑިއާ އާއެކު އެކުވެރިކަމުގެ ދެ މެޗެއް އަމިއްލަ ގައުމުގައި ކުޅުމަށްފަހު އެވެ. ފުރަތަމަ މެޗުން އެއްވަރުވިއިރު ދެވަނަ މެޗުން އިންޑިއާ މޮޅުވީ ކިރިޔަ ކިރިޔާާއެވެ. އެ ގައުމުގެ އަމާޒަކީ މިފަހަރުގެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދުމެވެ.

ހެޑް ޓު ހެޑް

ދިވެހިރާއްޖެ އަދި ނޭޕާލް އެންމެ ފުރަތަމަ ބައްދަލުކޮށްފައިވަނީ 1984 ވަނަ އަހަރު ސައުތް އޭޝިއަން ފެޑެރޭޝަން ގޭމްސްގަައެވެ. ނުވަތަ މިހާރުގެ ގޮތުން ބުނާނަން ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ނޭޕާލް މޮޅުވެފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ރާއްޖެއާއި ނޭޕާލް އެންމެ ފަހުން ބައްދަލުކުރީ 2018 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މެޗު ރާއްޖެ ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މިރޭ ބައްދަލުކުރާ މި މެޗަކީ މި ދެޓީމުގެ ތާރީހަށް ބަލާއިރު 17 ވަނަ ކުރިމަތިލުމެވެ. މީގެތެރެއިން ރާއްޖެއިން ވަނީ 8 ފަހަރު ނޭޕާލް އަތުން މޮޅުވެފައެވެ. ނޭޕާލަށް މޮޅުވެވުނީ 4 ފަހަރެވެ. އެއްވަރުވީ ވެސް ހަތަރު ފަހަރެވެ. ނޭޕާލް އަތުން ރާއްޖެ އެންމެ ފަރަގުބޮޑުކޮށް މޮޅުވެފައިވަނީ ރާއްޖެއާއި ލަންކާ ގުޅިގެން 2008 ގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ރާއްޖެ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.

ނޭޕާލަކީ 1993 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވުނު ފުރަތަމަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ބައިވެރިވަމުން އަންނަ ގައުމެކެވެ. މުބާރާތުގައި ނޭޕާލް އެންމެ ދުރަށް ދެވުނީވެސް ސެމީފައިނަލާއި ހަމައަށެވެ. އަދި މިހާތަނަށް ފައިނަލާއި ހަަމައަށް އެ ގައުމަށް ވާސިލެއް ނުވެއެވެ.

ދެ ޓީމުން އަރާނެކަމަށް ބެލެވޭ ފުރަތަމަ އެގާރަ

ނޭޕާލް: ކިރަން ލިމްބޫ (ކެޕްޓަން)، ގައުތަމް ސްރެޝްތާ، އަނަންތާ ތަމަންގް، ޕޫޖަން އުޕަރްކޮޓީ، ސުމަން އަރްޔަލް، ސަންތޯޝް ތަމަންގް، ތެޖް ތަމަންގް، ސުމަން ލާމާ، އަންޖަން ބިސްޓާ، ނަވަޔޫގް ސްރެޝްތާ، މަނީޝް ދަންގީ

ދިވެހިރާއްޖެ:، މުހައްމަދު ފައިސަލް (ކީޕަރު)، އަކްރަމް އަބްދުލް ޢަނީ (ކެޕްޓަން)، އަހުމަދު ނުއުމާން، ހައިޝަމް ހަސަން، މުހައްމަދު އުމެއިރު، އަލީ އަޝްފާގު، އިބްރާހިމް މަހުދީ ހުސެއިން، ހަމްޒާ މުހައްމަދު، އައިސަމް އަލީ، އަލީ އައިސަމް، ހުސެއިން ނިހާން

އަލީ ސުޒެއިން ( ދިވެހިރާއްޖެ)

މިއީ އުނދަގޫވާނެ މެޗެއްގެ ގޮތުގައި ކޯޗު ސިފަކުރެއެވެ. އެއީ ނޭޕާލުން އެންމެފަހުން އިންޑިއާ އާއި ދެކޮޅަށް ކުޅުނު ކުޅުމަށް ބަލާއިރު ބޮޑެތި ކުރިއެރުންތަކެއް އެ ޓީމުން ހޯދިކަން ފާހަގަވުމުންނެވެ. ނަމަވެސް ގަތަރު ކޭމްޕާއެކު މުޅި ޓީމު ވަރަށް ބޮޑަށް އެކަތިގަނޑަކަށް ވެފައިވާ ކަމަށާއި މި މެޗުން ރަނގަޅު ނަތީޖާއެއް ނެރެން މުޅި ޓީމުން ގަދައަޅާ މަސައްކަތްކުރާނެ ކަމަށް ކޯޗު ބުންޏެވެ. އަދި ޖުމްލަކޮށް މުބާރާތަށް ވި ތައްޔާރީތަކާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް ކޯޗު ބުންޏެެވެ.

ކިރަން ޝްރެސްތާ (އެސިސްޓަންޓް ކޯޗު)

ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ދިވެހި ކުޅުންތެރިންގެ ހުނަރު ފާހަގަކޮށްލެވޭ ކަމަށާއި އަމިއްލަ ދަނޑުގައި ކުޅޭއިރު މިއީ ނޭޕާލުން ސަމާލުވާނެ ކަމެއްކަމަށް އެ ޓީމުގެ އެސިސްޓެންޓް ކޯޗު ކިރަން ޝްރެސްތާ ބުނެއެވެ. ނަމަވެސް މުބާރާތަށް ވި ތައްޔާރީތަކަށް ބަލާއިރު މި މެޗުން ނޭޕާލަށް ތަފާތު ދައްކާ ތާރީހު ބަދަލުކުރެވިދާނެ ކަމަށް ކޯޗު ބުންޏެވެ.