ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅެން ޖެހުމަކީ ފަސޭހައެއް ކަމަށާއި އިންޑިއާ އާމެދު ބަންގްލަދޭޝް ޓީމުން ވިސްނާގޮތެއް ނުބަލާނެ ކަމަށް އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ބުނެފި އެވެ.

މިއީ މި މުބާރާތުގައި އިންޑިއާ ކުޅޭ ފުރަތަމަ މެޗެވެ. ބަންގްލަދޭޝް ވަނީ މިހާތަނަށް އެއް މެޗު ކުޅެފައެވެ. އެ ޓީމު މޮޅުވީ ސްރީލަންކާ އަތުން 1-0 ގެ ނަތީޖާއަކުންނެވެ. ލީގު ބުރުން ކުޅޭ މި މުބާރާތުގެ ފައިނަލަށް ދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.

މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އިންޑިއާގެ ކޯޗު ބުނީ އެންމެ ފުރަތަމަ ޓާގެޓަކީ ފުރަތަމަ މެޗުން މޮޅަކާއެކު ފަށަން ކަމަށެވެ. ރާއްޖެވެސް ފުރަތަމަ މެޗުގައި މޮޅަށް ކުޅުނު ކަމަށާއި ނަމަވެސް ބަލިވުމުން އެނގިގެންދިޔައީ މުބާރާތުގެ އުނދަގޫކަން ކަމަށް އިންޑިއާގެ ކޯޗު ބުންޏެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންޑިއާގެ ކޯޗު-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ބަންގްލަދޭޝް އާ ދެކޮަޅަށް ކުޅޭއިރު އެއް މެޗު އިތުރަށް އެ ޓީމަށް ލިިބިފައި އޮތުމަކީ ބަންގްލަދޭޝްއަށް ލިބޭ ފަސޭހައެއްކަމަށް ބެލެވިދާނެ، އިންޑިއާއިން އެކަމަށް ސަމާލުވާންޖެހޭ، އެހެންވީމަ އިންޑިއާގެ ހުރިހާ ވިސްނުމެއްވެސް ހުރީ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާ ނެރެން، މި މާހައުލަށް ހޭނެންވެސް އެބަޖެހޭ" އިންޑިއާގެ ކޯޗު ބުންޏެވެ.

މި ޕްރެސް ކޮންފަރެންސްގައި އިންޑިއާގެ ކޯޗު ވަނީ ބަންގްލަދޭޝް ފުރަތަމަ މެޗުން މޮޅުވީ "މަޖާ" ޕެނަލްޓީއެއް ލިބިގެންކަން ފާހަގަކޮށްފައެވެ. އެއީ ލަންކާ ކުޅުންތެރިޔާގެ އަތުގައި ޖެހުނީ އޭރިއާގެ ބޭރުންކަމަށާއި އެއީ ޕެނަލްޓީއެއް ނޫންކަމަށް ގަބޫލުކުރާ ކަމަށް ކޯޗު ބުންޏެވެ. އެއާއެކު މި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވި ބަންގްލަދޭޝް ނޫސްވެރިން ވަނީ ފުލުފުލުގައި ކޯޗު އެހެން ބުނުމުން ސުވާލުކޮށް ޕްރެސްގައި ރުޅިވެރިކަން ފާޅުކޮށްފަައެވެ.

އިންޑިއާއިން މި މުބާރާތަށް ރާއްޖެ އައިސް ތިބެނީ ޕެރަޑައިޒް އައިލޭންޑް ރިސޯޓުގައެވެ. އެ ޓީމުން ފަރިތަކުރުންތައް ބާއްވަނީ އެ ރިސޯޓުގެ ދަނޑުގައެވެ.