އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާ އާއި ދެކޮޅަށް ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނޭޕާލް މުބާރާތުގެ ފައިނަލުގެ އުއްމީދު ބޮޑުކޮށްފިއެވެ.

މި މޮޅާއެކު ނޭޕާލް އޮތީ ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކު އެވެ. ނޭޕާލް ވަނީ ފުރަތަމަ މެޗުގައި ރާއްޖެ 1-0 އިން ބަލިކޮށްފަައެވެ. ދެވަނައިގައި އޮތީ މިއަދު ހަވީރު އިންޑިއާއާއި މެޗު އެއްވަރުކުރި ބަންގްލަދޭޝް އެވެ. އެ ޓީމު އޮތީ ހަތަރު ޕޮއިންޓާއެކު އެވެ.

މުބާރާތުގައި މި ދެ މިހާތަނަށް މި ވަނީ ދެ މެޗު ކުޅެފައެވެ. ސްރީލަންކާ ކުޅުނު ފުރަތަމަ މެޗުން ވަނީ ބަންގްލަދޭޝް އަތުން ބަލިވެފައެވެ. އަދި ނޭޕާލް ކުޅުނު ފުރަތަމަ މެޗުގައި ވަނީ ދިވެހިރާއްޖެ 1-0 އިން ބަލިކޮށްފައެވެ.

ދެ ގައުމަށްވެސް ނިސްބަތްވާ ސަޕޯޓަރުންތަކެއް މި މެޗު ބެލުމަށް ދަނޑަށް ވަދެފައިވެއެވެ. މެޗު ފަށައިގެން ނޭޕާލަށްވުރެ ލަންކާ ފެނުނީ ވަރުގަދަ ފިޒިކަލް ކުޅުމެއް ކުޅުނު ތަނެވެ. އަދި ނޭޕާލް ދިޔައީ އެ ޓީމުގެ ހަލުވި ޕާސިން ގޭމް ކުޅެމުންނެވެ.

ނޭޕާލާއި ސްރީލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗު ފަށައިގެން ސްރީލަންކާ ވަނީ ވަރަށް އަވަސް ކުޅުމެއް ކުޅެން މަސައްކަތްކޮށްފައެވެ. މެޗުގެ ކުރީކޮޅު ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބެއްނުވި އެވެ.

މެޗުގައި އެންމެ ފުރަތަމަ ލަނޑުޖަހާ ލީޑުނަގާފައިވަނީ ނޭޕާލެވެ. ލަންކާގެ ޑިފެންޑަރުން ކައިރިން ނަވަޔޫގް ސްރެޝްތާ ރީތިކޮށް ދެމިގަނެގެން އޭރިއާ ތެރޭގައި ހުރި ސުމަން ލާމާ މި ލަނޑު ކާމިޔާބުކުރީ ފަސޭހަކަމާއެކު އެވެ. މި ބޯޅަ ގޯލަށް ވަނީ ލަންކާގެ ކީޕަރު ސުޖަން ޕެރޭރާގެ އަތުގައި ޖެހި މަތީ ދަނޑީގައިވެސް ޖެހިފައެވެ. ލަންކާގެ ޑިފެންޑަރުން ތިބީ ހުއްޓިފައެވެ.

ފުރަތަމަ ހާފު ނިމެން ދަނިކޮށް ނަތީޖާ ހަމަހަމަކުރަން ލަންކާއަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ލަންކާގެ އަހުމަދު ވަސީމް ނޭޕާލުގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު އެތެރެއަށް ވަންނަން މަސައްކަތްކުރި ބޯޅައާއެކު ކުރިޔަށް އަރަން އުޅެނިކޮށް އޭނާ ވަނީ ކައްސާލާފައެވެ. އެ ބޯޅައާއެކު ކުރިޔަށްދިޔަ ނަމަ ނުރައްކާވީހެވެ.

ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވެ ނޭޕާލަށް ހިލޭޖެހުމެއް ލިބުނެވެ. އަންޖަން ބިސްޓާ ފޮނުވާލި މި ހިލޭޖެހުން އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ބޯޅަ ލަންކާގެ ކެޕްޓަން އަދި ކީޕަރު ސުޖަން ޕެރޭރާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި ހާފު ފެށިތާ ހަ މިނެޓުފަހުން ނޭޕާލުން ލީޑު ފުޅާކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަންޖަން ބިސްޓާ އެވެ. މިއީ ނަވަޔުގް ސްރެޝްތާ ފޮނުވާލި ހަމަލާ ސުޖަން ޕެރޭރާ މަތަކުރި ބޯޅައެއް ރީބައުންސަށް އަންޖަން ބިސްޓާ ކާމިޔާބުކުރި ލަނޑެކެވެ.

ނޭޕާލުން ދެވަނަ ލަނޑު ޖެހިތާ ހަ މިނެޓުފަހުން ސްރީލަންކާ އިން ވަނީ ސުން ކަނޑުވާލާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިންގްލޭންޑަށް އުފަން ލަންކާއަށް ނިސްބަތްވާ ކުޅުންތެރިޔާ މާވިން ހެމިލްޓަން އެވެ. މިއީ ލަންކާ ގައުމީ ޓީމަށް އޭނާ ޖަހައިދިން ފުރަތަމަ ލަނޑެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ ފަހުކޮޅަށް ދިޔަ ވަރަކަށް ސްރީލަންކާ ފެނުނީ ވަރަށް ނުރައްކާކޮށެވެ. ފުލުފުލުން ނޭޕާލް ހާފަށް ބާރުބޮޑުކުރުމުގެ ނަތީޖާާއެއްގެ ގޮތުން އެ ޓީމަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްވެފައެވެ. ހާއްސަކޮށް ލަންކާ ގައުމީ ޓީމަށް ކުޅެމުން އަންނަ އިނގިރޭސިވިލާތުގެ ކުއީން ޕާކް ރޭންޖާސް (ކިއުޕީއާރު) އަށް ކުޅެމުން އަންނަ ޑިލިއަން ޑި ސިލްވާގެ ހަމަލާތައް ފާހަގަކޮށްލެވެއެވެ.

ނޭޕާލް ޕްރެޝަރަށް ވެއްޓި އެ ޓީމު އަތުން ގިނަ ބޯޅަތަކެއްވެސް ގެއްލިގެންދިޔަ ތަން ފެނިގެންދިޔައެވެ. ނަމަވެސް ލިބުނު މަދު ފުރުސަތުތަކުގެ ތެރެއިން ފުރުސަތެއްގައި ނޭޕާލުން ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައިވަނިކޮށް ތިންވަން ލަނޑު ޖަހާފައެވެ. ތަޖް ތަމަންގް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 17 އަހަރުގެ އަޔޫޝް ގަލަންގް އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ތެރޭގައި ސްރީލަންކާ އަށް ޕެނަލްޓީއެއް ލިބިގެންދިޔަ އެވެ. މިއީ އޭރިއާ ތެރެއިން ނޭޕާލްގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ ޑިލިއަން ޑި ސިލްވާއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަޙްމަދު

    މޯލްޑިވްސް އޮތީ ކިހާ ހިސާބެއްގައިތޯ؟

    • އަބޫ

      އަދި ފަހަތުން 2 ވަނަ. އެކަމަކު ނިމޭނީ ކުރިން އެއްވަނަ ނޫނީ ދެވަނަ ލިބި ފައިނަލަށް ގސް ތަށިލިބިގެން އިންޝާﷲ

      1
      2
  2. ޕަސްކާ

    ކޮބާ ރެފުރީ ގޯސްވީދޯ މިފަހަރުވެސް؟