ސާފް ޗެމްޕިއަންޝިޕުގައި ސްރީލަންކާ އާއި ނޭޕާލް ރޭ ބައްދަލުކުރި މެޗަކީ ފާހަގަކޮށްލެވޭ މެޗެކެވެ. މެޗުގެ ނަތީޖާ 3-2 އިން ނޭޕާލް ކާމިޔާބުކުރުމުން އެކަނި ނޫނެވެ. މެޗު ކުރިޔަށްދިޔަ ވަގުތު ގަލޮޅު ދަނޑު ސަހަރާވީ ފަޅީގެ ސިޑިބަރި ފަޅިން ފެނުނު ސަޕޯޓުންނެވެ. އުމުރުން 10 އަހަރުންމަތީގެ ކުޑަކުއްޖެކެވެ. އޭނާގެ އެ ޖޯޝާއި ފޯރިއަކީ ގަލޮޅު ދަނޑުން މި މުބާރާތުގައި މަދުވި އެއް ކަމެވެ.

ގަލޮޅު ދަނޑަށް ވަދެފައިވާ ދެ ގައުމުގެ ސަޕޯޓަރުންގެ އަދަދުވެސް ފުރަތަމަ ދެ ދުވަހުގެ މެޗުތަކާއި އަޅާބަލާއިރު މަދެވެ. މެޗު ފަށައިގެން ފުރަތަމަ ކަށިގަނޑު ފުމުމާއެކު ދެން އިވެން ފެށީ މި ކުއްޖާގެ އަޑެވެ. ސްޓޭޑިއަމްގެ މީޑިއާ ބޮކްސް ހުންނަނީ ސަހަރާފަޅީގެ ގޮނޑިބަރިތަކުގެ މަތީގައިކަމުން އެތަނުގައި ތިބި ހުރިހާ މީޑިއާތަކަށް އެ އަޑު ސާފުކޮށް އިވުނެވެ.

ދެ ޓީމުގެ ގިނަ ސަޕޯޓަރުން ތިބީ ގޮނޑިބަރިތަކާއި ރޮސްޓަމް ކުރިމައްޗަށްވާ ގޮތަށް ހުރި ސިޑިބަރިތަކުގައެވެ. ސަހަރާފަޅި ސިޑިބަރީގައި މި ކުޑަކުއްޖާއާއެކު މެޗު ބަލަން އައީ ކުއްޖާގެ މަންމަ އަދި ބައްޕައެވެ. މާގިނަ ބަޔަކު މި ސިޑިބަރިއަކު ނެތެވެ. ކުރިމަތީގައި ތިބީ މެޗުގެ ފޮޓޯގްރާފަރުންނަށެވެ.

މި ކުއްޖާގެ އަޑު އިވުމާއެކު ބޭރުގެ މީޑިއާތަކުގެ މީހުންވެސް ތިބީ ކަންބޮޑުވެފައެވެ. އެއީ ކުޑަކުއްޖެއްގެ އަޑު އެހާ ބާރަށް އިވެން ފެށުމުންނެވެ. އެއީ ކޮން އަޑެއްތޯ ބެލި މީހުންވެސް މަދެއް ނޫނެވެ. އޭނަ ހަޅޭއްލަވާ ކޮންމެ ފަހަރަކު ކުރިމަތީގައި ތިބި ފޮޓޯގްރާފަރުންވެސް ދިޔައީ ސިއްސަ ސިއްސައިގެންނެވެ.

މި އަޑު މާ ގިނައިން އިވެން ފެށުމާއެކު އެއީ ކޮން އަޑެއްތޯ ބެލުމުގެ ޝައުގު އުފެދުނެވެ. އޭރު ނޭޕާލް އޮތީ އެއް ލަނޑުގެ ލީޑަކާއެކުއެވެ. ގޮސް ބެލިއިރު ފެންނަނީ ތުވާލިކޮޅެއް ކޮނޑުމަތީގައި އަޅުވާލައިގެން ރަތް ޓީޝާޓަކާއެކު ސަޕޯޓުކުރަމުންދާ ކުޑަކުއްޖެކެވެ. އެ ކުޑަކުއްޖާގެ މަންމަ އަދި ބައްޕަވެސް އެ ކުއްޖާއަށް އެކަން ކުރަން ހިތްވަރުދިން ތަނެވެ. ސަޕޯޓުކުރި އަޑުތަކުން އެއީ ސްރީލަންކާގެ ސަޕޯޓަރެއްކަން ކަށަވަރުވިއެވެ.

ވަރުބަލިވުމުން މަންމަ އަތުން ފެންފުޅި ނަގައިގެން ފެންފޮދެއް ބޯލުމަށްފަހު މިނެޓެއްހާއިރަށް ރެސްޓެއް ކޮށްލުމަށްފަހު އަނެއްކާވެސް ހަޅޭއްލަވަން ފަށަނީއެވެ. ކިޔާ އެއްޗެއް ސާފުނުވި ނަމަވެސް އަތުގައި އޮތް ތުވާލިކޮޅު ހިއްލާލުމަށްފަހު ހަޅޭއްލެވިއެވެ.

ލަންކާއިން މި މެޗުގައި ލަނޑުޖެހީ ދެވަނަ ހާފުގައެވެ. އެ ޓީމަށް ލަނޑުޖަހައިދިން ކުޅުންތެރިންނަކީ މާވިން ހެމިލްޓަން އާއި ޑިލިއަން ޑި ސިލްވާއެވެ. މި ދެ ކުޅުންތެރިންނަކީ އެ ގައުމަށް ނިސްބަތްވާ ރަށުންބޭރުގެ ދެ ކުޅުންތެރިންނެވެ. ލަންކާ މިހާތަނަށް ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.

ސަޕޯޓަރުންގެ ވާހަކަ ދައްކާނަމަ މި ކުޑަކުއްޖާގެ ހިތްވަރަށް ތައުރީފު ހައްގެވެ. ދިވެހި ޓީމަށްވެސް މިފަދަ ސަޕޯޓަރެއް ހުރުމަކީ ކޮންފަދަ އުފަލެއް ލިބޭނެ ކަމެއް ހެއްޔެވެ. ޔަގީނުންވެސް މިވަރަށް ތަރުހީބުދޭނެ ކުޑަކުދިން ރާއްޖޭގައިވެސް ތިބޭނެކަން ކަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ދިހަ އަހަރުން މަތީގެ ކުއްޖެކޭ ބުނުމުގެ ބަދަލުގައި ދިހަބާރަ އަހަރުގެ ކުއްޖެކޭ ލިޔެލިނަމަ ރީތި ވީސް ކަންނޭނގެ.
    ދެން އޮތް ވާހަކަޔަކީ ފޯރިދިނުމުގެ ވާހަކަ. ފޯރި ދިނުމު ގައި ވެސް ވަކި ހަމަތަކަކާއި އުސޫލުތަކެއް އޮވޭ. އެ ހަމައިން ނެއްޓިގެން ގޮއްސި ނަމަ ވަރަށް ދެރަ ގޮތްތަކެއް މެދުވެރިވުމަކީ ވެސް އެކަށީގެންވާ ކަމެއް.
    އަހަރުމެންނަކީ މުސްލިމުން. މި ބާވަތުގެ ކޮންމެ ކަމެއްގާ ވެސް އިސްލާމީ އަޚްލާޤާއި ސުލޫކު ގައި ހިފެހެއްޓުމަކީ އެންމެ ރިވެތި ގޮތްކަމުގައި އަޅުގަނޑު ދެކެން.

    3
    2
  2. އެހެންޏަ

    އާން ދިވެހި ޓީމަށް ސަޕޯރޓަރެއް ނެތިގެން ޓީމު ބަލިވީވެސް. އަހަރުން އިނީ ގޭގަ އެކަމު އަދިވެސް އެރޭ ލިހަޅޭކުން އަޑުހަލާކުވި ގޮތަށް ފެންފޮދެއްވެސް ނުދިރިގެން މިއުޅެނީ.