އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އަންނަ ބުރާސްފަތި ދުވަހުގެރޭ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗުގައި ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކޮށް ދޫކުރަން ހަމަޖެހިފައިވާ ޓިކެޓުތައް ވިކި ހުސްވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތުދެެއްވަމުން އެފްއޭއެމްގެ އޮފިޝަލަކު ބުނީ ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަކޮށް ވިއްކަން ހަމަޖެހިފައިވާ ޓިކެޓުތައް ވިކި ހުސްވެފައިވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށެވެ.

މި މެޗަށް ދަނޑަށް ވެއްދުމަށް ހަމަޖެހިފައިވަނީ 5000 ސަޕޯޓަރުންނެވެ. މީގެތެރެއިން ހޯމް ޓީމުގެ މެޗުތައް ކުޅޭއިރު އަވޭ ޓީމަށް ވިއްކަން ހަމަޖެހިފައިވަނީ 350 ޓިކެޓެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރުންތަކެއް-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އެފްއޭއެމުން ބުނީ މިއަދު ހެނދުނު ޓިކެޓުތައް ވިއްކަން ފަށާފައިވާ ކަމަށާއި މެންދުރު ވުމުގެ ކުރިން ބަންގްލަދޭޝް ސަޕޯޓަރުންނަށް ހާއްސަ ޓިކެޓުތައް ވިކި ހުސްވެފައިވާ ކަމަށެވެ. އެހެންކަމުން އިތުރު ބަންގްލަދޭޝް ސަޕޯޓަރުންނަށް ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗުގެ ޓިކެޓު ނުވިއްކާނެ ކަމަށް އެފްއޭއެމުން ބުންޏެވެ.

ރާއްޖެެއާއި ދެކޮޅަށް ކުޅޭ މި މެޗުގެ ޓިކެޓު ދިވެއްސަކު ގަނެ ބަންގްލަދޭޝް މީހަކަށް ވިއްކައިފިނަމަ އެކަން އެނގިގެންދާނެ ކަމަށާއި ބަންގްލަދޭޝް ސަޕޯޓަރުން ތިބެން ހާއްސަ ޒޯނެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އެއީ ދަނޑަށް ވައްދަނީ އައިޑީކާޑު ބެލުމަށްފަހު ކަމަށާއި އެގޮތަށް ބަލާއިރު ގޯހެއް އުޅޭނަމަ އެމީހަކަށް ނުވަދެވޭނެ ކަމަށެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރުންތަކެއް-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ ދެ ޑޯޒު ޖެހިކަން ހާމަވާ ވެކްސިން ކާޑާއި އައިޑީ ކާޑު ހުށައެޅުމުން ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

"ވެކްސިން ކާޑާއި އައިޑީ ކާޑު ގެނައުމުން އެ މީހަކަށް ޓިކެޓު ދޫކުރާނެ، ކުޑަކުއްޖެއް ނަމަ ވެކްސިން ޖެހޭ އުމުރުފުރާ ނަމަ ދެ ޑޯޒު ފުރިހަމަކޮށްފައި ވޭތޯ ބަލާނެ، އައިޑެންޓިފައި ކުރެވޭނެ ގޮތެއް އޮންނަން ޖެހޭނެ ޓިކެޓު ގަންނައިރު، މިގޮތަށް އަމަލު ކުރަނީ އެންމެންގެ ވެސް ސަލާމަތަށް، މިކަމަށް ފުރިހަމަ އެއްބާރުލުމަށް އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން" ވަގުތު އާއި ވާހަކަދައްކަވަމުން ޖަވާ ވިދާޅުވިއެވެ.

ބަންގްލަދޭޝްގެ ސަޕޯޓަރުންތަކެއް-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މީގެކުރިން 2016 ގައިވެސް ބަންގްލަދޭޝް އާއި ރާއްޖެ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ގަލޮޅު ދަނޑު ފުރާލިއެވެ. މީގެއިތުރުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވެސް ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު އިންޑިއާ އާއި ސްރީލަންކާ ކޯޗުވެސް އެ ގައުމުގެ ސަޕޯޓަރުންގެ ވާހަކަ ފާހަގަކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަންްނި

    ބަންގާޅު ހަބޭސް

  2. ޢަލިބެ

    ޓިކެޓު ތިވިއްކަނީ އިންސާފުންނެއްނޫން. އަވޭޓީމަށް ދެބައިކުޅަ އެއްބައި ވިއްކަންޖެހޭނެ

  3. ހެހެހެ

    އަލިބޭ ދެބައި މީހުންވެސް ކުޅެނީ ހޯމް ގައި