ފަހު ވަގުތު 2-3 އިން ޖަޕާން ބަލިކުރުމަށްފަހު ވޯލްޑް ކަޕްގެ ކުއާޓާފައިނަލަށް ބެލްޖިއަމް ދަތުރުކޮށްފިއެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ބެލްޖިއަމް އިން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާ ކުރަން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލުކާކޫ އާއި ހަޒާޑް ފޮނުވާލި ދެ ހަމަލާތަކެއް ޖަޕާނުގެ ޑިފެންޑަރުން ވަނީ ދިފާއުކޮށްފައެވެ. މީގެއިތުރުން ޖަޕާނުގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ހަޒާޑް ފޮނުވާލި އިތުރު ހަމަލާއެއް ޖަޕާނުގެ ކީޕަރު ކަވަޝިމާ ވެސް ވަނީ ދިފާއުކޮށްފައެވެ.

މި ހާފުގައި ކައުންޓަ އެޓޭކުތަކުގައި ބެލްޖިއަމްގެ ގޯލަށް ނުރައްކާ ކުރަން ޖަޕާނުން ވެސް ވަނީ މަސައްކަތްކޮށްފައެވެ.

ގޯލަށްފަހު އިނޫއި އުފާފާޅުކުރަނީ - ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 48 ވަނަ މިނެޓްގައި ގެންކީ ހަރަގޫޗީ ވަނީ ޖަޕާނަށް ލީޑު ނަގާދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ހަޒާޑް ވަނީ ނުރައްކާތެރި ހަމަލާއެއް ބެލްޖިއަމްގެ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ އަމާޒުވީ ޖަޕާނުގެ ގޯލުގެ ދަނޑި އަށެވެ.

ނަތީޖާ އެއްވަރުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ބެލްޖިއަމް އަށް ނުހިފުނުއިރު މެޗުގެ 52 ވަނަ މިނެޓްގައި ޓަކާޝީ އިނޫއީ ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްދީ ޖަޕާނުގެ ލީޑު ފުޅާކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ޖަޕާނުން ލީޑު ފުޅާކުރުމާއެކު ބެލްޖިއަމް އިން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މެޗުގެ 69 ވަނަ މިނެޓްގައި ވެޓޮންގެން ވަނީ ބެލްޖިއަމް އަށް ގޯލެއް ކާމިޔާބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފައެވެ. އޭނާ މި ގޯލު ކާމިޔާބުކުރީ ޖަޕާނުގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. އަދި މެޗުގެ 74 ވަނަ މިނެޓްގައި ޖަޕާނުގެ ޕެނަލްޓީއޭރިއާ ތެރެއަށް ހަޒާޑް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެން ފެލައިނީ ވަނީ ބެލްޖިއަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ބެލްޖިއަމް މޮޅުވި ގޯލު ޗެޑްލީ ކާމިޔާބުކޮށްދިނީ - ފޮޓޯ: އޭއެފްޕީ

އަދި ލީޑު ނަގަން މެޗުގެ 86 ވަނަ މިނެޓްގައި ބެލްޖިއަމް އަށް ވަނީ ރަނގަޅު ދެ ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް ޗެޑްލީ އާއި ލުކާކޫ ފޮނުވާލި ދެ ހަމަލާގެ ހުރަހަކަށްވީ ޖަޕާނުގެ ކީޕަރެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ މެޗުގެ 90 މިނެޓްގެ ކުޅުން ހަމަވާން ދަނިކޮށް، މެޗުގެ އެންމެފަހު މިނެޓްގައި ބެލްޖިއަމް އިން އުފެއްދި ކައުންޓަ އެޓޭކެއްގައި ޗެޑްލީ ވަނީ ބެލްޖިއަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ މުބާރާތުގެ ކުއާޓާފައިނަލުން އެޓީމަށް ޖާގައެއް ކަށަވަރުކޮށްދީފައެވެ.

މިރޭގެ މޮޅާއެކު ބެލްޖިއަމް ވެގެން ގޮސްފައިވަނީ 1966 ވަނަ އަހަރަށްފަހު ދެ ގޯލުން ބަލިވެފައި އޮއްވާ ފަހަތުން އަރާ ވޯލްޑް ކަޕްގެ މެޗެއް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.

މުބާރާތުގެ ކުއާޓާގައި ބެލްޖިއަމް ބައްދަލުކުރާނީ މެކްސިކޯ ބަލިކުރުމަށްފަހު ކުއާޓާއަށް ދަތުރުކުރި ބްރެޒިލްއާއެވެ.