އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ކުޅުނު ދެވަނަ މެޗުގައި ބަންގްލަދޭޝް 2-0 ގެ ނަތީޖާއަކުން ބަލިކޮށް ރާއްޖެއިން މުބާރާތުގައި ކުރިޔަށްދިއުމުގެ އުއްމީދު އާކޮށްފިއެވެ.

މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ވަނީ 1-0 އިން ނޭޕާލް އަތުން ބަލިވެފައެވެ. މުބާރާތުން ކުރިޔަށްދާން މި މެޗުން ރާއްޖެއަށް ކޮންމެހެންވެސް މޮޅެއް މުހިއްމެވެ.

ދިވެހިރާއްޖޭގެ ދާދު ބަންގްލަދޭޝް ކުޅުންތެރިއެއް ކައިރިން ބޯޅަ ހޯދަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

މެޗު ދެ ޓީމުންވެސް ފެށީ ވަރުގަދަކޮށެވެ. ދިވެހި ޓީމުން މި މެޗު ފެށީ ފުރަތަމަ މެޗުގައި ނޭޕާލާއި ދެކޮޅަށް ގާތްގަނޑަކަށް ނެރުނު ޓީމެވެ. މެދުތެރެއިން އަސްހަދު އަލީ (އަޑުބަރޭ) ހިމަނައިގެން މި މެޗު ފެށިއިރު ބަންގްލަދޭޝް އިންވެސް ފެށީ އެ ޓީމުން އާންމުގޮތެއްގައި ނެރޭ ފުރަތަމަ އެގާރައެވެ. އެ ޓީމުން މި މެޗު ފެށީ އެންމެ ވަރުގަދަ ފުރަތަމަ އެގާރަ ހިމަނައިގެންނެވެ.

ބަންގްލަދޭޝް އާއި ދިވެހި ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރަނީ: ދިވެހިންގެ ފަރާތުން މިމެޗްގައި ފެނުނީ އާދަޔާއި ހިލާފު ސަޕޯޓެއް-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

މެޗު ފަށައިގެން ދިވެހި ޓީމުން މަސައްކަތްކުރީ ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅޭށެވެ. ނަމަވެސް ބަންގްލަދޭޝް ޓީމުން ކުޅުނީ ވަރަށް ޑިފެންސިވް ކުޅުމެކެވެ. ދިވެހި ކުޅުންތެރިން ބޯޅައާއެކު އަރާ ކޮންމެ ދަނޑިވަޅެއްގައި ފައުލު ކުރިއެވެ. މާ މޮޅު ކުޅުމެއް ބަންގްލަދޭޝްއަށް ދިވެހި ޓީމު ކައިރިން ނުކުޅެވުނެވެ. ދިވެހި ޓީމުން ބަންގްލަދޭޝްގެ ފައުލްތަކުގެ ޝިކާރައަކަށް އެންމެ ގިނައިން ވި އެއް ކުޅުންތެރިއަކީ ހަމްޒާ މުހައްމަދު (ހަމްޕު) އެވެ.

ބަންގްލަދޭޝް އިން މި މެޗުގައި އަލީ އަޝްފާގު (ދަގަނޑޭ) ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިއަކީ ބަންގްލަދޭޝްގެ ކެޕްޓަން ޓޯޕޫ އެވެ. އޭނާ ހުރީ ދަގަނޑޭއާއި ވިއްދާފައެވެ.

ދިވެހިރްޖޭގެ ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނަ ނުދިނުމަށް ބަންގްލަދޭޝް ކީޕަރު މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ދިވެހިރްޖޭގެ ސެންޓޭ ފޮނުވާލި ބޯޅަ ގޯލަށް ވަނަ ނުދިނުމަށް ބަންގްލަދޭޝް ކީޕަރު މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރާއްޖެ ޓީމުން މެޗުގެ ވަރަށް ކުރީކޮޅު ބަދަލެއް ގެންނަން ޖެހުނެވެ. މެޗުގެ 24 ވަނަ މިނެޓުގައި އަސްހަދު އަލީ (އަޑުބަރޭ) އަށް އަނިޔާވުމުގެ ސަބަބުން 24 ވަނަ މިނެޓުގައި އޭނާ ބަދަލުކުރި އެވެ. ބަދަލުގައި ކުޅެން އެރީ އިބްރާހިމް އައިސަމް އެވެ. އައިސަމް އެރުމާއެކު ރާއްޖޭގެ މެދުތެރެ އިތުރަށް ވަރުގަދަވެ ކުރިޔަށް ލިބޭ ބޯޅަަތައް ގިނަވިއެވެ. ފުރަތަމަ ހާފުގައި ރާއްޖެއަށް ލަނޑުޖަހާނެ އެންމެ ރަނގަޅު ފުރުަސަތެއް ލިބުނީ އަލީ އަޝްފާގު (ދަގަނޑޭ) އަށެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ދަގަނޑޭ ފޮނުވާލި ހަމަލާ ކީޕަރު އަނީސުރް ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

ބަންގްލަދޭޝް ކުޅުންތެރިއެއްގެ ކިބައިން ސަލާމަތްވެ އަލީ އަޝްފާގު ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ބަންގްލަދޭޝް ކުޅުންތެރިއެއްގެ ކިބައިން ސަލާމަތްވެ އަލީ އަޝްފާގު ބޯޅަ ގޯލަށް ފޮނުވާލަން މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރާއްޖެއިން ދެވަނަ ހާފަށް ނުކުތީ އިބްރާހިމް މަހުދީ (ފޭދޫއިއްބެ) ގެ ބަދަލުގައި ނާއިޒް ހަސަން (ދާދު) އާއެކު އެވެ. އެއާއެކު ރާއްޖޭގެ ފޯވާޑް ލައިނުގައި ބޯޅަ އިތުރަށް ހިފެހެއްޓުނެވެ. ދާދު ދިޔައީ ލިބުނު ކޮންމެ ފުރުސަތެއްގައި ކުރިޔަށްއަރާ ބަންގްލަދޭޝް ޕްރެޝަރަށް ވައްޓަމުންނެވެ.

ދިވެހިރާއްޖޭގެ ސަޕޯޓަރުން ގައުމީ ކުލަތަކުން ޒީނަތްތެރިވެތިބެ ޓީމަށް ފޯރިއާއިއެކު ސަޕޯޓް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ދިވެހިރާއްޖޭގެ ސަޕޯޓަރުން ގައުމީ ކުލަތަކުން ޒީނަތްތެރިވެތިބެ ޓީމަށް ފޯރިއާއިއެކު ސަޕޯޓް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ދެވަނަ ހާފު ފަށައިގެން ދިވެހި ޓީމު ދިޔައީ އަވަސް ގޭމެއް ކުޅެމުންނެވެ. ލިބުނު ފުރުސަތުތައް ގެއްލުވާނުލާ ދިވެހި ޓީމު ދިޔައީ ފުލުފުލުން ބަންގްލަދޭޝްއަށް ބާރުބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 54 ވަނަ މިނެޓުގައި ރާއްޖެއިން ލީޑުނެގިއެވެ.

މިއީ ހަސަން ނިހާން (ނިހާޓް) މަތިން ނަގައިދިން ބޯޅަައެއް އޯވަހެޑް ކިކަކުން ހަމްޕު ކާމިޔާބުކުރި ލަނޑެކެވެ. ހަމްޕުގެ ކެރިއަރުގެ ފުރަތަމަ ލަނޑުވެސް ޖެހީ ބަންގްލަދޭޝް ކޮޅަށެވެ. އެއީ 2016 ވަނަ އަހަރު ރާއްޖޭގައި ކުޅުނު އެކުވެރިކަމުގެ މެޗުގައެވެ. މިއީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ޖެހި ފުރަތަމަ ލަނޑެވެ.

ދިވެހިރާއްޖޭގެ ދާދު އަތުން ބޯޅަ ހޯދަން ބަންގްލަދޭޝް ކުޅުންތެރިޔަކު މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ދިވެހިރާއްޖޭގެ ދާދު އަތުން ބޯޅަ ހޯދަން ބަންގްލަދޭޝް ކުޅުންތެރިޔަކު މަސައްކަތް ކުރަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރާއްޖެއިން ދިޔައީ ފަހަރަކަށް ފަހު ފަހަރެއް ކުޅުން ވަރުގަދަކުރަމުންނެވެ. ލިބޭ ބޯޅަތަކުގެ ބޭނުން ހިފަމުންނެވެ. ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ވަނީ މެޗުގެ 74 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ނާއިޒް ހަސަން (ދާދު) އަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީން ކާމިޔާބުކުރި ލަނޑެކެވެ.

ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި ފޯރިގަދަ މެޗްގައި ދިވެހިރާއްޖޭގެ ހަމްޕް ބަންގްލަދޭޝްގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު
ދިވެހިރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި ފޯރިގަދަ މެޗްގައި ދިވެހިރާއްޖޭގެ ހަމްޕް ބަންގްލަދޭޝްގެ ހަތަރު ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ކުރިއަށް ދަނީ - ވަގުތު އިމޭޖްސް: އަބްދުﷲ އަބީދު

ރާއްޖެއިިން ދިޔައީ މެޗުގެ ފަހުކޮޅު ގާތްގަނޑަކަށް ކޮންޓްރޯލްކުރަމުންނެވެ. މުޅި ދަނޑު ވަނީ ދިވެހި ސަޕޯޓަރުން ފުރިފައެވެ. މިއީ ރާއްޖެއަށް ވަރަށް މުހިއްމު މޮޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ރަދީފް

    ދިވެހިން ކުޅުނީ ފުޓްބޯޅަ ތަ؟ ބަނގުލަދޭޝް މާ މޮޅު

    13
    43
    • ރަދީފް އަމާ

      ފެނުނީ 90 މިނިޓް ބަނގްލަދޭޝް ހާފުގައި ބޯޅަ އޮއްވާ. އެއީ ފުޓްބޯޅަ ތަ؟ ކެކެ

    • ކޭ

      ބަންގްލަދޭޝް ފަރާތުން މުޅިންވެސް ފެނުނީ ދިވެހި ކުޅުންތެރިއަކު ބޯޅަހިފައިން ދުވަން ފަށާއިރަށް ފައިއަޅުވާފަ ވައްޓާލުން.

  2. 12ވަނަ

    ދެން އަންނަ މެޗުގައި އަޑުބަރޭ ނާރުވާތި. މި މެޗު ވަރަށް ރީތި. ދެރައީ ބޯޅަ ހިފައިގެން ގޮސް ނިންމާ ނުލެވޭތީ. އިންޝާﷲ ދެން އޮތް ދެ މެޗުން މޮޅުވާނެ. މީ މަގޭ ދިވެހި ރާއްޖެ. (މަހަލްދީބެކޭ ކިޔާކަށް ބޭނުމެއް ނޫން)

    37
    3
  3. ނޫނު

    ﷲ އަށް ޙަމްދު ކުރަން

    43
  4. ބެލި މީޙާ

    ކޮންމެ ސަބަބަކާ ހެދި ކަމަށް ވިއަސް އަޑުބަރޭ ބަދަލުކޮށް މެދުތެރެއިން ކުޅެން އެރުވި ކުޅުން ތެރިއާ އެރުވުމުން މެޗުގެ އޮއިވަރު ރާއްޖެ ކޮޅަށް ބަދަލުވެގެން އައީ

    37
    1
  5. އުންމީދުގެ ސިއްރު

    އުންމީދުގެ އަލިކަން އެގެނައި ކުޑަކުޑަ ސިއްރުން،
    އުންމީދު އުފައްދައިފިޔެ މުޅި ދޭހަށަ ރަމްޒުން.
    އިރު އޭގެ ޝުޢާއަށް އިވުނޭ ބުނިއަޑު ސިއްރުން،
    ދިރުވާށެ ހަވީރާ ހެނދުނާ ރީތި ޚިޔާލުން.
    ޖައްވާއި ފަޒާގައި އަނބުރާ ދޯދިތަކުން އައު،
    ދަށްކާށެ ދުވަސްތައް ބަޔަކަށް ސާފު މިސާލުން.
    ހޫނުން ކެކި ހީނަރުވެދިޔަސް ބަލިވެެ ބައެއްގަސް،
    ހޫނުން ހަމަ ތިޔަ ދޭށެ ދިރުން އާވެ ޙަޔާތުން.
    އާފާޤުޤެ އެކި އަލިއަލިކުލަ އެއްކުލަ ވެވިގެން،
    އާފާޑަކަށޭ ފެށިއަޑު އިވުނީ މި ޖަވާބުން.

    30
    1
  6. މުހައްމަދު އަހްމަދު

    ނޭޕާލު އަތުން ބަލިވީ ވެސް ނުކުޅެވިގެންނނުން.. މި މުބާރާތުގައި ކުޅޭ އެންމެ ރަނގަޅު ޓީމަކީ ދިވެހީން.. އެކަމަކު ސުޒަިނު ނެރެނީ ބެސްޓް 11 އެއް ނުން.. މި މުބަރާތުގައި އަޑުބަރޭ ބޭނުން ނުކުރެއްވުން އެދެން. ދިވެހި ޤައުމުގެ ޙައްޤުގައި ވެސް އަޑުބަރޭ މަޑުކުރެއްވުން އެދެން.

  7. ފަޔާޒު

    ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކުޅުންތެރިންގެ ހުނަރު ރަނގަޅު. އެކަމަކު ކުރިއަށް އަދި އިންޑިޔާ އާއި ދެކޮޅަށް ކުޅޭ މެޗް އެބައޮތް. އިންޑިޔާ ޓީމުގެ ގިނަ ކުޅުންތެރިން ގެ ސްޕީޑް ވަރަށް ރަނގަޅު ފިޒިކަލް ވެސް. އެއީ ރާއްޖޭގެ ކުޅުންތެރިންގެ އޮތް ވަރަށްބޮޑު ނުރައްކަލެއް. އުއްމީދަކީ ޓީމުވަންތަ ކުޅުމެއް ފެނިގެން ދިޔުން