އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އާދީއްތަ ދުވަހުގެ ހަވީރު ލަންކާ ކުޅޭ މެޗުގައި ހުރިހާ ޕްރެޝަރެއްވެސް އޮތީ ރާއްޖެއަށް ކަމަށާއި މުބާރާތުގެ ރެފްރީންގެ ނިންމުންތައް ބަރާބަރުކަމަށް ބުނެ ލަންކާގެ ކޯޗު އާމިރް އަލަޖިކް ރެފްރީންނަށް ތައުރީފުކޮށްފި އެވެ.

މުބާރާތުގައި މިއީ ރާއްޖެ ކުޅޭ ތިންވަނަ މެޗެވެ. ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ނޭޕާލް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ވަނީ ބަަންގްލަދޭޝް ބަލިކޮށްފައެވެ. ފައިނަލަށް ގާތްވާން ރާއްޖެއަށް މި މެޗުން މޮޅެއް ހޯދުން މުހިއްމެވެ.

އަނެއްކޮޅުން މިއީ ސްރީލަންކާއަށް މި މުބާރާތުގައި ވާދަކުރަންޖެހޭ ހަތަރުވަނަ މެޗެވެ. ފުރަތަމަ ދެ މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އެއީ ބަންގްލަދޭޝް އަދި ނޭޕާލް އަތުންނެވެ. ތިންވަނަ މެޗުގައި އެ ޓީމު ވަނީ އިންޑިއާ އާއި އެއްވަރުކޮށްފައެވެ. ފަސް ޓީމު ވާދަކުރާ ލީގުގަައި އެ ޓީމު ވާދަކުރަން ޖެހޭ ފަހު މެޗެވެ.

ރާއްޖެއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ލަންކާގެ ކޯޗު އަލަޖިކް ބުނީ މި މެޗުން ކޮންމެފަދަ ގޮތަކަށް ނަތީޖާ ނުކުތަސް ލަންކާ ޓީމަށް ގެއްލޭނެ އެއްޗެއް ނެތްކަމަށެވެ. އަދި ރާއްޖެ ނޭޕާލް އަތުންވެސް ބަލިވީ ޕްރެޝަރު އޮތުމުންކަމަށް ގަބޫލުކުރާ ކަމަށްވެސް ބުންޏެވެ.

ލަންކާ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް އަހަރެމެންނަށް ގެއްލޭނެ އެއްޗެއް ނެތް، އެންމެ ހަމަޖެހިގެން ކުޅުމުގެ ފުރުސަތު އޮތީ އަހަރެމެންނަށް، އެއީ ގެއްލޭނެ އެއްޗެއް ނެތް، އަހަރެން މާ ބޮޑު އިރުޝާދެއްވެސް ނުދެން ކުޅުންތެރިންނަށް ރާއްޖެއާ ދެކޮޅަށް ވަކި ގޮތަކަށް ކުޅެން" ކޯޗު ބުންޏެވެ.

ކޯޗު ބުނީ މި މެޗާއި ރާއްޖެ ކުރިމަތިލާނީ ލަންކާ އަތުން ކޮންމެހެން ވެސް މޮޅެއް ހޯދުމަށް ކަމަށާއި އެހެންކަމުން މި މެޗަށް ޓީމު ތައްޔާރުވާނީ އެކަމަށް ވިސްނައިގެން ކަމަށް ކޯޗު ބުންޏެވެ. އަދި ރާއްޖޭގެ އެންމެ ވަރުގަދަ ބަޔަކީ ފޯވާޑް ލައިން ކަމަށާއި ޑިފެންސްލައިން ބަލިކަށި ކަމަށެވެ. އަދި އެއީ ލަންކާއަށް ފައިދާއަށް ނެގޭނެ ކަމެއް ކަމަށްވެސް ކޯޗު ބުންޏެވެ.

މުބާރާތުން ސްރީލަންކާ ވަނީ މި މުބާރާތުގައި ކުރިޔަށްދިއުމުގެ ދޮރު ބަންދުވެފައެވެ. ކޯޗު ބުނީ މިއީ ލަންކާގެ ފަރާތުން ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދިޔަ މުބާރާތެއްކަން ފާހަގަކޮށްފައެވެ.

ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި މިހާތަނަށް ރާއްޖޭގެ މައްޗަށް ލަންކާއަށް ކުރިއެއް ނުހޯދެއެވެ. ރާއްޖެ އަތުން ލަންކާ އެންމެ ތަފާތު ބޮޑު ބަލިވެފައިވަނީ 2013 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އެފަހަރު ރާއްޖެ މޮޅުވީ ލަންކާ ކޮޅަށް 10 ލަނޑު ޖަހައިގެންނެވެ. އެ މެޗުގައި ދަގަނޑޭ ހެޓްރިކް ހެދިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮރިލް

    ކޫލް ކޯޗެއް !!

  2. ސަޒަން

    ކޯޗަކު ބުނި އެއްޗަކަށްބަލާ ޑިފެންސްލައިން ވަރުގަދަ ކުރުން ބުއްދިވެރި ހާއްސަކޮށް ބަލިކަށި ކަމަށް އޭނާވެސް ފާހަގަކޮށް ވިސްނާލުން އެއީ ބުއްދިވެރި ކަމެއް ....

  3. ބެއްޔާ

    ހަމަރަނގަޅަށްވެސް ރާއްޖެއިން ލަންކާއާ ޑީލް ހަދައިފި. ކޯޗްގެ ވާހަކައިން ވަރަށްސާފު. މިއަދު ފަސޭހަ ކަމާއެކު ގިނަ ލަނޑުޖަހައިގެން ރާއްޖެ މޮޅުވާނެކަމަށް ބަލަނީ. ލަންކާބޭނުންވަނީ ބަންގާޅު ވަޓުވާލަން.