އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ނޭޕާލް އަތުން މޮޅުވި ލަނޑު ޖެހުމަށްފަހު އިންޑިއާގެ ކޯޗު އުފާފާޅުކުރުމުގެ ތެރޭގައި ނޭޕާލުގެ ކޯޗަށް މަލާމާތް ރައްދުވާގޮތަށް އަމަލުތައް ހުރިކަމަށް ބުނެ ނޭޕާލްގެ ކޯޗު ނުރުހުންފާޅުކޮށްފި އެވެ.

މި މެޗުގައި އިންޑިއާގެ ސުނިލް ޗެތްރީ ލަނޑު ޖެހުމާއެކު އިންޑިއާގެ ކޯޗު ކްރޮއޭޝިއާގެ އީގޯ ސްޓިމަކް ވަނީ ، ލަންކާ އަތުން ނޭޕާލް މޮޅުވި މެޗުގައި ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީ އުފާފާޅުކުރި ގޮތަށް ނަށާފައެވެ.

މިކަމާއި ހިތްހަމަނުޖެހި އިންޑިއާ އަތުން ބަލިވި މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މުތައިރީ ބުނީ ސްޓިމަކް އުފާފާޅުކުރިއިރު ކުރީ މަލާމާތެއް ކަމަށެވެ. މިކަން ސްޓިމަކް ކުރީ ނޭޕާލް ސަޕޯޓަރުންނަށް އިޝާރާތްކޮށް ކަމަށްވެސް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އަދި މިކަން ކުށްވެރިކުރާ ކަމަށްވެސް ބުންޏެވެ.

މިއީ މި މުބާރާތުގައި އިންޑިއާ ހޯދި ފުރަތަމަ މޮޅެވެ. އިންޑިއާ މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު ދެ މެޗު ނިމުނީ އެއްވަރުވެގެންނެވެ. އެއީ ލަންކާ އާއި ބަންގްލަދޭޝް އަތުންނެވެ.

ނޭޕާލްގެ ކޯޗު މުތައިރީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

"ފެނުނީ 12 އަހަރުން ދަށުގެ ކުޑަކުދިން އުޅޭހެން އުޅޭތަން. އަހަރެމެންނަކީ ޓީނޭޖް ބައެއް ނޫން. އަހަރެމެން ޖެހޭ އިހުތިރާމް ކުރަން. އަހަންނަށް އެ އަށް ވުރެ ހަޑިކޮށް ވެސް ކަންތައް ކުރެވިދާނެ" މެޗަށްފަހު އިންޑިއާގެ ކޯޗަށް އިޝާރާތްކުރަމުން ނޭޕާލް ކޯޗު ބުންޏެވެ.

ނޭޕާލް ކޯޗު ބުނީ އިންޑިއާ ކޯޗު އެހެން ޖޯކު ޖެހުމަކީ ލަދުވެތިކަމެއް ކަމަށާއި މިއީ އިންޑިއާގެ ފުޓުބޯޅައަށް ވެސް ލަދެއްކަމަށް ކޯޗު ބުންޏެވެ.

"ތި މީހުންނަށް ހީވޭތަ އަހަރެން އެ ގޮތަށް އުފާފާޅުކުރާނެއޭ. ނުވާނެ އެހެނެއް. އެއީ އަހަރެންގެ މަންމަ އަހަރެން މަރާލާނެ. އެއީ އެ ގޮތަށް އުޅެން އޭނަ ގަބޫލުނުވާނެ،" ނޭޕާލްގެ ކޯޗު ބުންޏެވެ.

ނަމަވެސް އިންޑިއާގެ ކޯޗު މިކަން ގަބޫލެއްނުކުރެއެވެ. އެކަމާއި ގުޅޭގޮތުން އިންޑިއާގެ ކޯޗާއި ސުވާލުކުރުމުން އޭނާ ބުނީ ގޯސްކޮށް ކަމެއް ކުރެވުނު ކަމެއް ނޭނގޭ ކަމަށާއި އެއްވެސް މީހަކަށް ޖޯކު ނުޖަހާ ކަމަށެވެ.