އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުން ފެންނާނީ ވަރުގަދަކޮށް ކަމަށް ރާއްޖޭގެ އެއްވަނަ ކީޕަރު މުހައްމަދު ފައިސަލް ބުނެފިއެވެ.

ލަންކާއާއި ދެކޮޅަށް ކުޅުނު މެޗުގެ 30 ވަނަ މިނެޓުގައި ފައިސަލް ބަދަލުކުރަން ޖެހުނީ ފައިގެ މަސްގަނޑަށް ލިބުނު ގެއްލުމެއްގެ ސަބަބުންނެވެ. އެ މެޗުގެ ބާކީބައިގައި ރާއްޖޭގެ ގޯލު ބެލެހެއްޓީ މުހައްމަދު ޝަފީއު (ޗެކް) އެވެ. މިއީ އޭނާ ގައުމީ ޖާރޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

އަނިޔާ ބޮޑުވަރު ނުވާކަން ފައިސަލް ހާމަކޮށްފައިވަނީ ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ. ފައިސަލް ބުނީ ހެދި ޓެސްޓުތަކުން އެންމެންގެ ހެޔޮދުއާ އާއެކު ނަތީޖާ ލިބުނީ ރަނގަޅަށް ކަމަށެވެ. އެެހެންކަމުން އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުން އޭނާ ފެނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"އެނބުރި އަންނާނީ މިއަށްވުރެ ވަރުގަދަކޮށް، އިންޝާ ﷲ" ފައިސަލްގެ ފޭސްބުކް ޕޯސްޓުގައިވެއެވެ.

މި މުބާރާތުގައި ކީޕަރު ފައިސަލްގެ ފަރާތުން މިހާތަނަށް ފެނުނީ މޮޅު ކުޅުމެކެވެ. ކުޅުނު ތިން މެޗުގެތެރެއިން މިހާތަނަށް ރާއްޖެކޮޅަށް ވަދެފައިވަނީ އެއް ލަނޑެވެ. އެއީ ނޭޕާލާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައެވެ. އޭގެފަހުން ބަންގްލަދޭޭޝް މެޗުވެސް ފުލްކޮށް ކުޅުނެވެ.

ސްރީލަންކާ މެޗުގައި ފައިސަލް ބަދަލުކޮށްފައިވަނީ ޕްރެޝަރު ދަނޑިވަޅެއްގައެވެ. އެއީ ރާއްޖެ ކޮންމެހެން މޮޅުވާންޖެހޭ މެޗެއްގައި ރާއްޖެ ލީޑުގައިވަނިކޮށެވެ. ކީޕަރު ޝަފީއު ކުޅެންއަރާ އޭނާ ދަނޑުމަތީގައި ދެއްކި ކޮންފިޑެންސް އަށް ގައުމީ ކޯޗު އަލީ ސުޒެއިންވެސް ވަނީ ތައުރީފުކޮށްފައެވެ. ޝަފީއު އަކީ ވެލެންސިއާގައި ވެސް ކީޕަރު ފައިސަލްއަށް އަނިޔާވުމުން ބަދަލުގައި ކުޅުނު ކީޕަރެވެ.

ސަރަހައްދުގެ ގަދަބާރު އިންޑިއާ އާއި ވާދަކުރާ މެޗު ކުޅޭނީ އަންނަ ބުދަދުވަހުގައެވެ. މި މެޗު އެއްވަރުކޮށްލައިގެން ވެސް ރާއްޖެއަށް ފައިނަލުގެ ޖާގައެއް ލިބެން އެބައޮތެވެ.