ސާފް ޗެމްޕިއަންޝިޕުގެ ޓިކެޓު ވިއްކުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާނެ ޖާގައެއް ނެތް ކަމަށާއި އެފަދަ ކަމެއް ހިނގާފާނެ ކަމަށް ގަބޫލްފުޅުނުކުރައްވާ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް މިހެން ބުނެފައިވާއިރު އެންމެފަހުން ލަންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގައި އާންމުންނަށް ކަނޑައަޅާފައިވާ ޓިކެޓުތައް ގަޑިއިރެއްގެ ތެރޭގައި ވިކި ހުސްވުމުން ގިނަ ސަޕޯޓަރުން ވަނީ ރަތަށް އަރާފައެވެ. މައްސަލަ ހޫނުވުމުން އެފްއޭއެމުން ފަހުން ވަނީ ސޯޝަލް ސެންޓަރުގައި ކޮންމެ މީހަކަށް ޓިކެޓެއްގެ މަގުން 1000 ޓިކެޓު ވިއްކާފައެވެ.

އިންޑިއާ އާއި ރާއްޖެ ބައްދަލުކުރާ މެޗުގެ ޓިކެޓުގެ ކަންކަމާއި ގުޅޭގޮތުން މިއަދު ހަވީރު ސޯޝަލް ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބައްސާމް ވަނީ ޓިކެޓު ވިއްކުމުގައި ގޯސް ހަދާފައި ނުވާނެކަމުގެ ޔަގީންކަން ދީފައެވެ. އަދި އެފަދަ ކޮރަޕްޝަންގެ އަމަލެއް ހިނގާފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

ބައްސާމް ވިދާޅުވީ ބޭނުންވަނީ ވީހާ ވެސް ގިނަ ސަޕޯޓަރުންނަށް ޓިކެޓު ލިބުން ކަމަށާއި މިއީ ގައުމީ ކަމެއްގެ ގޮތުގައި އެފްއޭއެމުން ދެކޭ ކަމަށެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕުގައި އަންނަ ބުދަދުވަހު އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ދޫކުރަން ނިންމާފައިވަނީ 3000 ޓިކެޓެވެ. މި ޓިކެޓުތައް ސޯޝަލް ސެންޓަރުގައި ވިއްކަން ފަށާނީ މާދަމާ ހެނދުނު 10 ޖަހާއިރު އެވެ.

އެފްއޭއެމްގެ ރައީސް މިހެން ބުނެފައިވާއިރު މިއަދު ހެނދުނު ގިނަބަޔަކު ވަނީ ގަލޮޅު ދަނޑުގެ އޮލިމްޕަހާއި ވީ ކައުންޓަރާއި ދިމާލަށް ދިގު ކިއުއެއް ހަދާފައެވެ. އެއާއެކު އެވަގުތު އެފްއޭއެމުން ބުނީ މާދަމާ ޓިކެޓު ވިއްކަން ފަށާނެ ކަމަށާއި ވިއްކާނެ ތަނާއި ގަޑި ފަހުން އިއުލާނުކުރާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ މިފަހަރު ކޮންމެ މީހަކަށް ދޫކުރާނީ ދެ ޓިކެޓު ކަމަށާއި ޓިކެޓު ވިއްކުމަށް ސޯޝަލް ސެންޓަރުގައި ތިން ކައުންޓަރު ބަހައްޓަން ނިންމާފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބިންގޯ

    ބައްސާމޫ ހުރިހާ ޓިކެޓެއް އިއްޒަތްތެރި އިކުރާމް އަށް ފޮނުވަބަލަ. އޭނަ އެކަނި ދަބޑަށް ވަށްދާފަ އެހެންމީހުންޓީވީން މެޗުބަލަނަް ގާނޫނަކުން ފާސްކޮއްބަލަ.

  2. ވިސްނާ

    ގައުމުއެއްބައިވަންތަކުރާ މިދަނޑިވަޅުގައި ގައުމުގައި ބައިބައިވުންއުފެދި މުޒާހަރާކޮށް ގައުމުގައިވާ
    އެއްބައިވަންތަކަންނުގެއްލި ހަމަ

  3. އިބޫ

    ހަހަހަހަހަހަހަ…….

  4. އިބޫ

    ހަހަހަހަހަ….

  5. މޮހޮނު

    އެހެން ހުރިހާ ކަ މެއް އޮންލައިންކޮށް ކުރެވޭއިރު ޓިކެޓެއް ގަންނަން މަގު މަތީގައި ކިޔުހެދަން ޖެހު މަކީ ރައްޔިތުންނަށް ދެވޭ ހާދަބޮޑު ތަކުލީފެކޭ، މިއަށްވުރެ ރަނގަޅަށް މިފަދަ ކަންކަ މުގެ އިންތިޒާ މު ހަ މަޖެއްސެންވާނެ، ދެއްތޯ؟ އެއްތަނުން އަނެއްތަނަށް ދަތުރު ކުރާ ޓިކެޓުވެސް އެބަ ގަނެވޭ އޮންލައިން ކޮށް ދެއްތޯ؟

  6. މޮހޮނު

    ތިތަންތަނުން ޓިކެޓު ގަނެގެން ބްލެކް މާކެޓުގަ އަގު ބޮޑުކޮށް ޓިކެޓު ވިއްކާ ފަރާތްތައް ހުއްޓުވަން ޖެހޭ