ފީފާ ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕް ޖޭ ގައި މިރޭ ނޯތް މެސެޑޯނިއާ އަތުން ހޯދި ފަސޭހަ މޮޅާއެކު ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑްކަޕަށް ކޮލިފައިވި ފުރަތަމަ ޓީމަކަށް ޖަރުމަނުވިލާތް ވެއްޖެއެވެ.

މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ގަތަރަށް ވަނީ ވޯލްޑްކަޕުން ޖާގައެއް ލިބިފައެވެ. ޖަރުމަނު ވެފައިވަނީ މި މުބާރާތަށް ކޮލިފައިން ބުރުން މޮޅުވެ މުބާރާތަށް ހޮވުނު ޓީމަށެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގަތަރުގައި 2022 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕްގައި ޖުމްލަ 32 ގައުމު ވާދަކުރާނެ އެވެ. މިފަހަރު ޔޫރަޕު ބައްރުން މި މުބާރާތަށް ކޮލިފައިވާނީ 13 ގައުމެވެ.

ޖަރުމަނުވިލާތުން ވޯލްޑްކަޕަށް ކޮލިފައިވީ މުބާރާތުގެ ކޮލިފައިން ބުރުގައި ބާކީ ދެ މެޗު އޮއްވައެވެ. ނޯތް މެސެޑޯނިއާ އަތުން ޖަރުމަނުވިލާތް މެޗު ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޖަރުމަނުން ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ޖަރުމަނުން ވަނީ ތަނަވަސްކޮށްފައެވެ.

ނޯތް މެސެޑޯނިއާ އާއި ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ލަނޑެއް ފެނިގެނެއް ނުދެއެވެ. ނަމަވެސް ދެވަނަ ހާފުގައި ޖަރުމަނުން ވަނީ ތަފާތު ދައްކާފައެވެ. ދެވަނަ ހާފު ފެށިތާ މާގިނައިރުތަކެއް ނުވަނީސް ލީޑުނެގި ލަނޑު ޖެހީ ކައި ހަވެޓްޒް އެވެ.

އޭގެ ފަހުން ޖަރުމަނުގެ ދެވަނަ އަދި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޓިމޯ ވާނާ އެވެ. ޖަރުމަނުގެ ހަތަރުވަނަ ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 18 އަހަރުގެ ޖަމާލް މުސިއާލާ ކާމިޔާބުކޮށްދިން ލަނޑެވެ. މި ލަނޑާއެކު އޭނާ ވެފައިވަނީ ޖަރުމަނު ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ހަނގު ކުޅުންތެރިޔާއަށެވެ.

ޖަރުމަނުން ވޯލްޑްކަޕް ކަށަވަރުކުރީ ޖުމްލަ 21 ޕޮއިންޓް އެއްކޮށްގެންނެވެ. މި ގްރޫޕުގެ ދެވަނައިގައި ހިމެނޭ ރޫމޭނިއާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ. ނޯތް މެސެޑޯނިއާ އާއި އަރުމީނިއާ އަށް 12 ޕޮއިންޓް ލިބިފައިވި ނަމަވެސް ފައިދާ ލަނޑުން ތިންވަނައިގައި ހިމެނެނީ ނޯތް މެސެޑޯނިއާ އެވެ.