2030 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ސްޕޭނާއި ޕޯޗްގަލް ގުޅިގެން ހުށަހަޅާ ބިޑްގައި ޔޫކްރޭނުން ވެސް ބައިވެރިވާނެ ކަން ހާމަކޮށްފިއެވެ.

ޔޫކްރޭން، ސްޕޭން އަދި ޕޯޗްގަލް ގުޅިގެން ވޯލްޑް ކަޕް ބާއްވަން ބިޑް ކުރަން ނިންމިކަން އިއުލާން ކުރީ މިއަދު ޔޫއެފާގެ ހެޑްކްއާޓަރުގައެވެ.

ދުނިޔޭގައި ބާއްވާ އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތް ބާއްވަން ބިޑް ކުރަން ޔޫކްރޭނުން ނިންމާފައި މިވަނީ އެގައުމަށް ތާރީޚްގައި ވެސް ކުރިމަތިވެ އެންމެ ބޮޑު ގޮންޖެހުމާއި ކުރިމަތިވެފައި ވަނިކޮށެވެ. ފެބްރުއަރީ މަހު ރަޝިއާ އިން ޔޫކްރޭނަށް ހަމަލާ ދޭން ފެށިފަހުން ޔޫކްރޭންގެ އެތައް ހާސް ބަޔަކު މަރުވެ، އެތައް އިމާރާތެއް މިހާރު ވެސް ވަނީ ސުންނާފަތިވެފައެވެ.

ސްޕޭން އާއި ޕޯޗްގަލް ގުޅިގެން ވޯލްޑް ކަޕް ބާއްވަން ބިޑް ކުރާނެކަން ފުރަތަމަ އިއުލާން ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ. ސްޕޭންގެ ފުޓްބޯޅަ ފެޑްރޭޝަންގެ ރައޯސް ލުއިސް ރުބިއަލެސް މިއަދު ވިދާޅުވީ ތިން ގައުމު ގުޅިގެން ހުށަހަޅާ ބިޑަކީ މިހާރު މުޅި ޔޫރަޕްގެ ބިޑެއް ކަމަށެވެ.

"ފުޓްބޯޅަ އަކީ މުޅި ދުނިޔޭގެ ކުޅިވަރެއް. ފުޓްބޯޅައިގެ ސަބަބުން އެތައް ކަމެއް ބަދަލު ވެގެންދޭ. އެތައް ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތައް ގެނެވޭ. އަޅުގަނޑުމެން ކުރިމަތިމިލަނީ އެމަސައްކަތާއި." ރައޯސް ވިދާޅުވިއެވެ.

ޕޯޗްގަލްގެ ފުޓްބޯޅަ ފެޑްރޭޝަނުން ބުނީ ތިން ގައުމު ގުޅިގެން ހުށަހަޅާ ބިޑަށް ޔޫއެފާގެ ފުރިހަމަ ތާއީދާއި ސަޕޯޓް ވެސް ލިބެމުން އަންނަ ކަމަށެވެ.

ޕޯޗްގަލް ފުޓްބޯޅަ ފެޑްރޭޝަންގެ ރައީސް ފެރްނާންޑޯ ސޮއާރެސް ވިދާޅުވީ އުއްމީދަކީ 2030 ވަނަ އަހަރު އަންނައިރު ޔޫރަޕަށް ސުލްހަވެރިކަން އައިސް މުބާރާތް ބޭއްވުމުގެ ފުރުސަތު ޔޫކްރޭނަށް ވެސް ލިބިގެން ދިއުމެވެ.

2030 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން އުރުގުއޭ، އާޖެންޓީނާ ޕެރަގުއޭ އަދި ޗިލީ ގުޅިގެން ބިޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސްރު، ގްރީސް، ސައުދީ އަރަބިއްޔާ ގުޅިގެން ބިޑް ކުރުމަށް ވަނީ ހަމަޖެހިފައެވެ،