ޔޫރޯ ކޮލިފައިންގައި ޕޯޗުގަލްއަށް ކުޅެދިން 200 ވަނަ މެޗްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ގިނެސް ވޯލްޑް ރިކޮޑް ފޮތުގައި އައު ރިކޯޑެއް ގާއިމުކޮށްފިއެވެ. މި އަދަދާއިއެކު މިހާރު ރޮނާލްޑޯއަކީ ދުނިޔޭގައި އަމިއްލަ ގައުމީ ފުޓްބޯޅަ ޓީމަށް އެންމެ ގިނަ މެޗްތައް ކުޅެދިން ކުޅުންތެރިޔާއެވެ.

މި މެޗްގައި ބައިވެރިވެގެން އުމުރުން 38 އަހަރުގެ ރޮނާލްޑޯ ވަނީ ކުވައިތްގެ ގައުމީ ޓީމަށް ކުޅޭ ބަދްރް އަލް މަތަވާގެ 196 ކެޕްގެ ރިކޯޑް މުގުރާލާފައިއެވެ. މިޑްފީލްޑަރު ޖޮއާއޯ މޫޓީންޔޯ މިހާރު ޕޯޗުގަލްގެ ދެވަނައަށް އެންމެ ގިނައިން ކުޅުނު ފިރިހެން ކުޅުންތެރިޔާގެ ގޮތުގައި 146 މެޗު ކުޅެފައިވާއިރު، ޑިފެންޑަރު ޕެޕޭ އޮތީ 133 މެޗުން ތިންވަނައިގައެވެ.

އެންމެ ފަހުން ޔޫރޯ ކޮލިފައިންގެ ގްރޫޕް ޖޭގައި ޕޯޗުގަލްއާއި އައިސްލޭންޑް ބައްދަލުކުރި މެޗްގެ 89 ވަނަ މިނެޓްގައި ރޮނާލްޑޯ ވަނީ ލަނޑެއް ޖަހައިގެން 1-0 ގެ ނަތީޖާއަކުން އައިސްލޭންޑް ބަލިކޮށްފައިއެވެ. އަންގާރަ ދުވަހުގައި ކުޅުނު މި މެޗްގައި އައިސްލޭންޑުން ޕޯޗުގަލްއާއި ބައްދަލުކުރީ 10 ކުޅުންތެރިންނާއި އެއްކޮށެވެ.

ރޮނާލްޑޯ ޖެހި ލަނޑަކީ އޮފް ސައިޑް ލަނޑެއް ކަމަށް ބެލެވިގެން ވީއޭއާރް އިން ޗެކް ކުރުމަށް ފަހު އެ ލަނޑަކީ ޕޯޗުގަލްއަށް ކާމިޔާބު ކުރެވުނު ލަނޑެއްގެ ގޮތުގައި ކަނޑައެޅުނެވެ.

ރޮނާލްޑޯއަކީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ މަގާމް ހާސިލުކޮށްފައިވާ ތަރިއެއްވެސް މެއެވެ. މީގެ ކުރީގައި ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑަށް ކުޅެދީފައިވާ ރޮނާލްޑޯ އޭނާގެ ގައުމީ ޓީމަށް ޖަހާދީފައިވަނީ ޖުމްލަ 123 ލަނޑެވެ. މީގެ އިތުރަށްވެސް، މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި ރޮނާލްޑޯ ވެގެން ދިޔައީ ފަސް ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ފިރިހެން ކުޅުންތެރިޔާ އަށެވެ.

ޕޯޗުގަލްގެ ސީނިއާ ޓީމްގައި ރޮނާލްޑޯ އެންމެ ފުރަތަމަ ފެނިގެންދިޔައީ 2003 ވަނަ އަހަރުގެ އޮގަސްޓް މަހުގައި ޕޯޗުގަލްއާއި ކަޒަކިސްތާންއާއި ބައްދަލުކުރި މެޗްއިންނެވެ. ރޮނާލްޑް ވަނީ 2016 ވަނަ އަހަރުގައި ޕޯޗުގަލްއަށް ޔޫރޯ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދީފައިއެވެ.