ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިމަހުގެ 20 ވަނަ ދުވަހު ފެށި ފީފާ ވިމެންސް ވޯލްޑް ކަޕްގައި ސްޕެއިން ކުޅުނު ފުރަތަމަ މެޗުން ކޮސްޓަ ރިކާ އަތުން 3-0 އިން މޮޅުވެއްޖެއެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ސްޕެއިން އިން ޖެހި ތިން ގޯލު ވެސް ކާމިޔާބު ކުރީ ފުރަތަމަ ހާފުގަ އެވެ. ތިން ގޯލު ޖަހާފައިވަނީ ހަ މިނިޓެއްހާއިރު ތެރޭގަ އެވެ.

ސްޕެއިން އިން ލީޑުނެގީ، މެޗުގެ 21 ވަނަ މިނިޓްގައި ކޮސްޓަ ރިކާގެ ވަލެރިއާ ޑި ކަމްޕޯ ޖެހި ބައި ގޯލުންނެވެ. އޭގެ ދެ މިނިޓް ފަހުން، އައިޓާނާ ބޮންމަޓީ ވަނީ ސްޕެއިންގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި އެ ޓީމުގެ ތިން ވަނަ ގޯލު ޖެހީ، 27 ވަނަ މިނިޓްގައި އެސްތާ ގޮންޒާލޭޒް އެވެ.

މި މެޗުގެ ފަހުކޮޅުގައި ސްޕެއިން އިން ވަނީ ބަދަލަކަށް އެ ޓީމުގެ ތަރި، އަލެކްސިއާ ޕުޓޭޔާސް ކުޅެން ނެރެފަ އެވެ. މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން ޕުޓޭޔާސް އަށް މި ފަަހަރުގެ ވޯލްޑް ކަޕްގައި ނުކުޅެވިދާނެެ ކަމާ މެދު ވެސް ސުވާލު އުފެދުނެވެ.

ވިމެންސް ވޯލްޑް ކަޕްގައި މިހާތަނަށް ކުޅެވުނު މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް އޭގައި ނިއު ޒީލެންޑުން ވަނީ 1-0 އިން ނޯވޭ ބަލިކޮށް ވޯލްޑް ކަޕެއްގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން، ފިލިޕީންސް އަތުން ސްވިޒަލެންޑް 2-0 އިން މޮޅުވިއިރު، ގްރޫޕް ބީގައި އޮސްޓްރޭލިއާ ވަނީ 1-0 އިން އަޔަލެންޑްގެ މައްޗަށް ކުރިހޯދައިފަ އެވެ. އަދި އެ ގްރޫޕްގައި ނައިޖީރިއާ އާއި ކެނަޑާ މިއަދު ކުޅުނު މެޗު ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ.

ގުރޫޕް ސީގެ ދެ ވަނަ މެޗުގައި ޒަމްބިއާ އާއި ޖަޕާން ކުޅޭ މެޗު އޮންނާނީ މިއަދުއެވެ. ދެން މިއަދު އޮންނާނީ ގުރޫޕް އީގެ ފުރަތަމަ މެޗުއެވެ. މި މެޗުގައި ބައްދަލު ކުރާނީ ވިއެޓްނާމް އާއި އެމެރިކާއެވެ. އެމެރިކާ އަކީ މި މުބާރާތް އެންމެ ގިނަ ފަހަރު ކާމިޔާބު ކުރި ގައުމެވެ.