ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު ސެމީގެ ދެވަނަ މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ ބަލިކޮށް އިންގްލެންޑުން ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން އެ ޓީމު މޮޅުވީ 3-1 އިންނެވެ.

މިއީ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލަށް އިންގްލެންޑުން ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، މިއީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލްގައި އިންގްލެންޑުގެ ފިރިހެން ޓީމު ކުޅުނު ފަހުން އެ ގައުމަށް ނިސްބަތްވާ ސީނިއަ ޓީމެއް ކުޅޭ ފުރަތަމަ ފަހަރު ވެސް މެއެވެ.

ސްޓޭޑިއަމް އޮސްޓްރޭލިއާގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑްނެގީ އެލާ ޓޫން ކާމިޔާބުކުރި ގޯލުންނެވެ.

އޮސްޓްރޭލިއާ އިން އެއްވަރުކުރި ލަނޑު، 63 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސޭމް ކާ އެވެ. އޭގެ 8 މިނެޓުފަހުން، އިންގްލެންޑަށް އަލުން ލީޑްނަގައިދިނީ ލޯރެން ހެމްޕް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ މިލީ ބްރައިޓް އެވެ.

މި މެޗުން އިންގްލެންޑަށް މޮޅު ކަށަވަރުކޮށްދިނީ އަލެސިއާ ރުސޯ އެވެ. މެޗުގެ 86 ވަނަ މިނެޓުގައި އޭނާ މި ލަނޑުޖެހީ ހެމްޕް ދިން ބޯޅައަކުންނެވެ.

މިއީ އިންގްލެންޑުގެ މިހާރުގެ ކޯޗު ސަރީނާ ވިއެގްމަންގެ އިރުޝާދުގެ ދަށުން އެ ޓީމު ނިކުންނަ ބޮޑު ދެވަނަ ފައިނަލެވެ. މީގެކުރީން، އިންގްލެންޑުން ވަނީ އެންމެ ފަހުގެ ޔުއެފާ ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

އިންގްލެންޑާ ސްޕެއިން ބައްދަލުކުރާ މި ފަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 20 ވާ އާދީއްތަ ދުވަހު އެވެ. މިއީ މި ދެ ޓީމުން ވެސް އަންހެނުން ވޯލްޑް ކަޕެއްގެ ފައިނަލްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.