އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ޖެހިޖެހިގެން ދެވަނަ ފަހަރަށް އާސެނަލަށް ކުޅެމުން އަންނަ ވިންގް، ބުކާޔޯ ސަކާ ހޯދައިފިއެވެ.

މިދިޔަ އަންގާރަ ދުވަހުގައި 22 ވަނަ އުފަންދުވަސް ފާހަގަކުރި ސަކާ އަށް ސަޕޯޓަރުންގެ ވޯޓާއެކު މި އެވޯޑް ލިބިގެންދިޔައިރު، އޭނާ ވަނީ މިދިޔަ އަހަރުގައި އިނގިރޭސި ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ސަކާ ވަނީ ގައުމީ ޓީމަށް ކުޅެދިން 10 މެޗުގައި ހަތް ލަނޑުޖަހައިފައެވެ. އޭގެތެރޭގައި، އުތުރު މެސެޑޯނިއާ އަތުން 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އިންގްލެންޑް މޮޅުވި މެޗުގައި އޭނާ ހެދި ހެޓްރިކް ހިމެނެއެވެ.

މި އެވޯޑަށް ސަކާއާ އެންމެ ގާތުން ވާދަކުރީ، ދެވަނަ އަށް ދިޔަ ޖޫޑް ބެލިންހަމް އާއި ތިންވަނަ މަގާމަށް ހޮވުނު އިނގިރޭސި ކެޕްޓަން، ހެރީ ކޭން އެވެ.

މިދިޔަ އެއް އަހަރުގެ ތެރޭގައި ސަކާގެ ފަރާތުން ގައުމީ ޓީމަށާއި، އޭނާގެ ކުލަބް އާސެނަލަށް މޮޅު ކުޅުމެއް ދައްކާފައިވާއިރު، އެންމެ ފަހުގެ ފީފާ ވޯލްޑް ކަޕްގައި ތިން ލަނޑުޖަހައިފައިވެއެވެ.

ސަކާ ވަނީ މިދިޔަ ސީޒަނުގައި އާސެނަލަށް މޮޅު ކުޅުމެއް ދައްކައި އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް ކުޅުނު 28 މެޗުގައި 11 ލަނޑުޖަހައިފައެވެ.