ޔޫރޯ 2024 މުބާރާތުގެ ކޮލިފައިންއަށް އެކުލަވާލި އިންގްލަންޑް ޓީމުން, އަނިޔާގެ ސަބަބުން ޖޫޑް ބެލިންހަމް އާއި ލުވިސް ޑަންކް ބާކީކޮށްފިއެވެ.

އަންނަ ހަފްތާގެ މެޗުތައް ނުކުޅެވުނު ނަމަވެސް، ޓީމާއެކު ބެލިންހަމް ސެއިންޓް ޖޯޖް ޕާކަށް ރިހެބިލިޓޭޝަން ފުރިހަމަ ކުރުމަށް ދަތުރުކުރާނެއެވެ. ސައުތު ގޭޓުގެ ޓީމުން ފަރިތަކުރުންތަކަށް ރިޕޯޓު ނުކުރާނެ ހަމައެކަނި ކުޅުންތެރިޔަކީ ބްރައިޓަންގެ ލެވިސް ޑަންކް އެވެ.

އުމުރުން 19 އަހަރުގެ ބެލިންހަމް މިއަންނަ ސީޒަންގައި ފެނިގެން ދާނީ ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑުންނެވެ. އިންގްލަންޑްގެ ކޯޗު ގެރެތު ސައުތު ގޭޓް އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑްގައި ހިމެނޭ ވެސްޓް ހޭމް ޔުނައިޓެޑުގެ ޑެކްލަން ރައިސް އާއި މެންޗެސްޓާ ސިޓީއަށް ނިސްބަތްވާ ކުޅުންތެރިން ކަމަށްވާ ޖެކް ގްރީލިޝް، ޖޯން ސްޓޯންސް، ފިލް ފޯޑެން، ކައިލް ވޯކަރ އަދި ކެލްވިން ފިލިޕްސް އެ ޓީމާ ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓީމާއި ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބެއެވެ. މި ކުޅުންތެރިން މި ވަގުތު އަންނަނީ ޔޫރަޕްގައި ހޯދި ތާރީހީ ކާމިޔާބުތަކަށްފަހު ޓީމާއެކު އުފާފާޅުކުރަމުންނެވެ.

ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވި ނަމަވެސް ޓީމުން އަދި އިއުލާން ނުކުރާ ބެލިންހަމް އަށް އަނިޔާގެ ސަބަބުން ސީޒަނުގެ ފަހު މެޗުގައި ނުކުޅެވުނެވެ. އޭނާގެ ކަކުލަށް ލިބުނު އަނިޔާ އާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިދާނެކަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ.

ޔޫރޯ ކޮލިފައިންގައި މި މަހު 16 ގައި އިންގްލެންޑު ނިކުންނާނީ މަލްޓާ އާ ދެކޮޅަށެވެ. އެޔަށްފަހު ނޯތު މެސަޑޯނިއާ އާ ބައްދަލުކުރާނީ 19 ވަަނަ ދުވަހުއެވެ.