އަންނަ އަހަރު ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކުޅޭ ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރޭ އަމިއްލަ ދަނޑުގައި 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލަގްޒެމްބޯގް ބަލިކޮށް، ޕޯޗުގަލް ސައްތައިން ސައްތައިގެ ރެކޯޑް ދަމަހައްޓައިފިއެވެ.

މި ނަތީޖާއާއެކު ޕޯޗުގަލް ވަނީ ކުޅުނު ހަ މެޗުން ލިބުނު 18 ޕޮއިންޓާއެކު އެއްވަނައިގައި ހަމަޖެހިލައިފައެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި ސްލޮވޭކިއާ އޮތްއިރު، ތިނެއްގައި އޮތް ލަގްޒެމްބޯގަށް ލިބިފައިވަނީ 10 ޕޮއިންޓެވެ. ހަތަރުވަނައިގައި އޮތް ބޮސްނިއާ އެންޑް ހާޒެގޮވީނާ އާއި ފަހެއްގައި އޮތް އައިސްލެންޑަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ލީޗްޓެންސްޓެއިން އަށް ޕޮއިންޓެއްނުލިބެއެވެ.

މި މެޗަށް ނިކުތްއިރު ޕޯޗުގަލްގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ދެ ރީނދޫ ކާޑު ހަމަވުމުން ސަސްޕެންޑްވެފައެވެ. މި ދެ ޓީމު އެންމެ ފަހުން ކުޅުނު މެޗުގައި ލަގްޒެމްބޯގްގެ ދަނޑުގައި ޕޯޗުގަލް 6-0 އިން މޮޅުވިއިރު ރޮނާލްޑޯ ދެ ލަނޑުޖެހިއެވެ.

ރޭގެ މެޗުގައި ޕޯޗުގަލް އިން ޖެހި ނުވަ ލަނޑުގެ ތެރެއިން ހަތަރު ގޯލްޖެހީ ފުރަތަމަ ހާފުގައެވެ. އެ ޓީމަށް މި ލަނޑުތައް ޖަހައިދިނީ ގޮންކާލޯ އިނާސިއޯ އާއި ގޮންކާލޯ ރާމޯސް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލެވެ.

ފަހު ހާފުގައި ޕޯޗުގަލްގެ އަނެއް ލަނޑުތައް ޖަހައިިދިނީ ޑިއޯގޯ ޔޮޓާ ދެ ގޯލާއި، ބްރޫނޯ ފެނާންޑޭސް އާއި ރިކާޑޯ ހޯރްޓާ އަދި ޔާއޯ ފެލިކްސް އެވެ. ފެނާންޑޭސް ވަނީ މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑުޖެހުމަށް އެހީތެރިވެދީފައެވެ.

ލަގްޒެމްބޯގް ކޮޅަށް ލަނޑުޖެހުމަށްފަހު ޕޯޗުގަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --

މިއީ ޕޯޗުގަލްގެ ކޯޗުކަމާ ރޮބާޓޯ މާޓިނޭޒް ހަވާލުވިފަހުން ކޮލިފައިންގައި އެ ޓީމު ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވި ހަވަނަ ފަހަރެވެ. އެ ޓީމުން ވަނީ ހަ މެޗުގައި ޖުމްލަ 24 ލަނޑުޖަހައިފައެވެ.

އަންނަ ހޫނު މޫސުމުގައި ޖަރުމަނުގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ޕޯޗުގަލް އަށް ދެން އޮތީ އަންނަ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ސްލޮވޭކިއާ އާ ބައްދަލުކުރާ މެޗެވެ. އެ މެޗުން ޕޯޗުގަލް މޮޅުވެ، ތިންވަނައިގައި އޮތް ލަގްޒެމްބޯގް އެ ދުވަހު އައިސްލޭންޑް އަތުން މޮޅުނުވެވިއްޖެނަމަ ބާކީ ތިން މެޗު އޮއްވާ ޕޯޗުގަލ އެ މުބާރާތަށް ކޮލިފައިވާނެއެވެ.

މި ގްރޫޕުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އައިސްލޭންޑުން 1-0 އިން ބޮސްނިއާ ބަލިކުރިއިރު، ސްލޮވޭކިއާ ވަނީ 3-0 އިން ލީޗްޓެންސްޓެއިން އަތުން މޮޅުވެފައެވެ.

ކޮލިފައިންގެ ގްރޫޕް ޑީ ގައި ރޭ ރަށުން ބޭރުގައި އަރުމީނިއާ އަތުން 1-0 އިން ކްރޮއޭޝިއާ މޮޅުވިއިރު، ލެޓްވިއާގެ ދަނޑުގައި ވޭލްސް މޮޅުވީ 2-0 އިންނެވެ. މި ގްރޫޕުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ކްރޮއޭޝިއާ އެއްވަނައިގައި އޮތީ ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ތުރުކިޔޭ އަށް އެއް މެޗު އިތުރަށް ކުޅެގެން މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ކްރޮއޭޝިއާ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިނެއްގައި އޮތް އަރުމީނިއާ އާއި ހަތަރުވަނައިގައި އޮތް ވޭލްސް އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.