އަންނަ އަހަރުގައި ބާއްވާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ޔޫރޯގެ ކޮލިފިކޭޝަނުން ބައްދަލުކުރި މެޗްގައި ބޮސްނިއާ އެންޑް ހާރޓްޒަގަވީނާ އަތުން 3-0 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވެއްޖެއެވެ. ހޮނިހިރު ދުވަހު ކުޅުނު މި މެޗްގައި ޕޯޗުގަލްއަށް ބްރޫނޯ ފާނަންޑޭސް 2 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ބެނާޑޯ ސިލްވާ ވެސް ވަނީ ޕޯޗުގަލްއަށް އެއް ލަނޑު ޖަހާދީފައިއެވެ.

މެޗްގެ ފުރަތަމަ ހާފްގައި ޕޯޗުގަލްއިން ދިޔައީ ބޯޅައިގެ ކޮންޓްރޯލް ހިފަހައްޓަމުންނެވެ. ނަމަވެސް، ޕޯޗުގަލްއަށް ލަނޑެއް ޖެހުމުގެ ފުރުޞަތު ލިބުނީ ހާފްޓައިމް ފެށުމަށް ސިކުންތުކޮޅަކަށް ވެފައިވަނިކޮށް ފާނަންޑޭސް ފޮނުވާލި އެސިސްޓެއްގެ އެހީގައި ސިލްވާ ޖަހާދިން ލަނޑުންނެވެ. މިއީ ބައިނަލްއަގްވާމީ މެޗެއްގައި ސިލްވާއަށް ކާމިޔާބުކުރެވުނު 11 ވަނަ ގޯލްއެވެ.

މެޗްގެ 77 ވަނަ މިނެޓްގައި ޕޯޗުގަލްއަށް ލީޑް އިތުރަށް ފުޅާކުރެވުނީ ރޫބެން ނާވޭސް ފޮނުވާލި ބޯޅައިގެ ބޭނުންހިފައިގެން ފާނަންޑޭސް ޖަހާދިން ދެވަނަ ލަނޑުންނެވެ. އޭގެ ފަހުން، ދެ ވަނަ ހާފް ނިމުމަކާއި ގާތްވެފައިވަނިކޮށް، ފާނަންޑޭސް ކާމިޔަބުކޮށްދިން ތިން ވަނަ ލަނޑާއިއެކު، ޕޯޗުގަލްއަށް ބޮސްނިއާ ބަލިކުރެވުނެވެ.

މި މެޗްގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯވެސް ބައިވެރިވެފައިވެއެވެ. މިއީ ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރިކޯޑް ހޯދާފައިވާ ރޮނާލްޑޯ ޕޯޗުގަލްއަށް ކުޅެދިން 199 ވަނަ މެޗެވެ. ރޮނާލްޑޯ ވަނީ ޕޯޗުގަލްއަށް ޖުމްލަ 122 ލަނޑު ޖަހާދީގެން ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކަށް ވުމުގެ ރިކޯޑް ގާއިމްކޮށްފައިއެވެ.

މިހާތަނަށް ކުޅެވުުނު 3 މެޗްއިން ލިބުނު މޮޅާއިއެކު ޕޯޗުގަލްއަށް 9 ޕޮއިންޓް ހާސިލުކުރެވިފައިވެއެވެ. މި ނަތީޖާއާއިއެކު، މި ވަގުތު ޕޯޗުގަލް އޮތީ ގްރޫޕް ޖޭ ގެ އެއްވަނައިގައިއެވެ. އަދި ބޮސްނިއާ އޮތީ 3 ޕޮއިންޓާއިއެކު ގްރޫޕް ޖޭގެ 4 ވަނައިގައިއެވެ.

އަންގާރަ ދުވަހުގައި ޕޯޗުގަލްއިން އައިސްލޭންޑާއި ވާދަކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ބޮސްނިއާއިން ލަކްސަމްބާގްއާއި ވާދަކުރުމަށް ހަމަޖެހިފައިވެއެެވެ.