ސަރަހައްދުގެ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އެއް ބާރަކީ އިންޑިއާ ކަމަށާއި ސަރަހައްދުގެ ކޮންމެ ޓީމަކަށްވެސް މުބާރާތް ކާމިޔާބުކުރެވެން އޮތީ އިންޑިއާ ބަލިކޮށްގެން ކަމަށް ރާއްޖޭގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ރާއްޖެއާއި އިންޑިއާ އަކީ ފުޓުބޯޅައިގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ދެ ގައުމެވެ. އިންޑިއާއަށް މިހާތަނަށް މި މުބާރާާތް ގިނަފަހަރު ކާމިޔާބުކުރެވިފައި އޮތްއިރު ރާއްޖެ މި މުބާރާތް ކާމިޔާބުކުރި ދެ ފަހަރުވެސް ފައިނަލުގައި އިންޑިއާ ވަނީ ބަލިކޮށްފައެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާއިން ވެސް އިންޑިއާގެ ފުޓުބޯޅަ ކުރިއަރުވަން ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފައިވެއެވެ. އަދި އެ ގައުމުގައި ފުޓުބޯޅައިގެ ވަސީލަތްތައް ގާއިމުކުރަން ޔޫރަޕުންވެސް ބޮޑެތި އެހީތެރިކަމެއް ލިބެއެވެ.

ރާއްޖެއާއި އިންޑިއާ މިހާތަނަށް މާލޭގައި ތިން ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައިވެއެވެ. މީގެތެރެއިން އިންޑިއާ މޮޅުވީ އެއް ފަހަރެވެ. އެއީ 2008 ގެ ސާފް ޗެމްޕިއަންޝިޕުގައެވެ. އޭގެފަހުން 2011 ވަނަ އަހަރު މާލޭގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަމިއްލަ ދަނޑުގައި އިންޑިއާ އަތުން ރާއްޖެ މޮޅުވީ އެއް ފަހަރުއެވެ. އެއީ 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބްލީ މުބާރާތުގައެވެ.

އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗުގެކުރިިން ވާހަކަދައްކަމުން ސުޒެއިން ބުނީ ޕޮއިންޓްގެ ގޮތުން މުބާރާތުގެ އެހެން ޓީމުތަކަށްވުރެ ފަހަތުގައި އިންޑިއާ އޮތް ނަމަވެސް އެ ގައުމަކީ ސަރަހައްދީ ބޮޑު ބާރެއް ކަމަށާއި މުބާރާތް ކާމިިޔާބުކުރެވޭނީ އިންޑިއާ ބަލިކޮށްގެން ކަމަށެވެ.

"ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވޭނީ އިންޑިއާ ބަލިކޮށްގެން.މުބާރާތުގެ ހުރިހާ ޓީމެއްގެވެސް އަމާޒަކަށް ވާނީ އިންޑިއާ ބަލިކުރުން، " ސުޒެއިން ބުންޏެވެ.

މެޗުގެކުރިން ވާހަކަދައްކަމުން ސުޒެއިން ބުނީ 12 ވަނަ ކުޅުންތެރިޔާ ކަމަށްވާ ސަޕޯޓަރުންނަކީ މުޅި ޓީމަށްވެސް ލިބޭ އެންމެ ބޮޑު ހިތްވަރު ކަމަށެވެ. އަދި އެ ހިތްވަރު ފެނުމުން ކުޅުންތެރިންނަށް އިތުރު މޯޓިވޭޝަނެއް ލިބިގެންދާ ކަމަށެވެ.

ރާއްޖެއާއި އިންޑިއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަދުވަހުގެ ރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބެއްޔާ

    ސުޒޭން ނުބުންޏަސް އެންމެނަށްވެސް އެނގޭދޯ ރާއްޖެފައިނަލަށްދާނީ އިންޑިޔާ ބަލިވެއްޖިއްޔާކަން.

  2. އާދަނު

    މިގޭގައި ގެންގުޅޭ ބުޅާގަނޑު ސްކޯރ ބުނެދޭގޮތުން މިއަދު މޮޅުވާނީ އިންޑިޔާ.