އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލް މެޗުގައި އިންޑިއާ އާއި ނޭޕާލް ބައްދަލުކުރާއިރު މި މެޗުގައި ދެ ޓީމުގެ ހެޑު ކޯޗުންނަށް ވެސް ބެންޗުގައި ނީނދެވޭކަން ހާމަވެއްޖެ އެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ރޭގަނޑުއެވެ. މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ހެޑް ކޯޗުން ބައިވެރިނުވެއެވެ.

މިއީ ނޭޕާލްގެ ގައުމީ ކޯޗުކަމުގައި އަބްދުﷲ އަލް މުތައިރީ ފެންނާނެ ފަހު މެޗެވެ. އޭނާ ވަނީ ބަންގްލަދޭޝް އަތުން މޮޅުވެ ނޭޕާލް ފައިނަލަށް ދިޔަ މެޗަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުބާރާތަށްފަހު ކޯޗުކަމުން އިސްތިއުފާދޭނެ ކަމަށް ބުނެފައެވެ. އަނެއްކުން އިންޑިއާގެ ކޯޗަށް ފައިނަލް މެޗުގެ ބެންޗުގައި ނީނދެވޭ އެއް ސަބަބަކީ ރާއްޖެއާއި ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތްކާޑުގެ ސަބަބުންނެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް ފައިނަލްގައި މާދަމާރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ނޭޕާލްގެ ކޯޗު ކުވޭތުގެ އަބްދުﷲ އަލް މުތައިރީގެ ފަހު މެޗު ނަމަވެސް އޭނާ އަށް ޓީމަށް އިރުޝާދުދޭން ބެންޗުގައި ހުރުމުގެ ނަސީބު ގެއްލިއްޖެ އެވެ.

ނޭޕާލް ފައިނަލަށް ދެވުނުކަން ޔަގީންވުމާއި އެކު އެ ޓީމުގެ ކޯޗު އުފަލުން ރޮނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ނޭޕާލްގެ ކޯޗަށް ބެންޗުގައި ނުހުރެވޭނެ ސަބަބަކީ ދެ ރީނދޫ ކާޑު ހަމަވުމުގެ ސަބަބުންނެވެ. މުބާރާތުގެ ގަވާއިދުގައިވާ ދެ ރީނދޫ ކާޑު ހަމަވެއްޖެ ނަމަ ބެންޗުގައި ނުހުރެވޭނެއެެވެ. ނޭޕާލްގެ ކޯޗަށް ވަނީ ލަންކާ އާއި ދެކޮޅަށް ކުޅުނު މެޗާއި އެންމެފަހުން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު މެޗުގައި ރީނދޫ ކާޑެއް ދައްކާފައެވެ.

ފައިނަލް މެޗުގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ބޭއްވީ ޒޫމް މެދުވެރިކޮށެވެ. އެއީ މިދުވަސްކޮޅު ރާއްޖޭގެ ކަނޑުތައް ގަދަވުމާއި ގުޅިގެން ދެ ޓީމަށްވެސް މި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުވާން ދަތިވުމުންނެވެ.

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޭޕާލުގެ ފަރާތުން ބައިވެރިވީ އެސިސްޓަން ކޯޗު ކިރަން ސްރެޝްތާ އަދި ކެޕްޓަން ކިރަން ކުމާރް އެވެ.

މެޗުގެކުރިން ވާހަކަދައްކަމުން ނޭޕާލުގެ ކޯޗު ބުނީ މުބާރާތުގެ ކުރިން އަމިއްލަ ގައުމުގައި އިންޑިއާ އާއި ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުތަކުގެ އަސަރު މި ފައިނަލް މެޗަށް ނުކުރާނެ ކަމަށާއި މި ފައިނަލް ވެގެންދާނީ މުޅިން ތަފާތު ފައިނަލަކަށް ކަމަށެވެ. އަދި ކުޅުންތެރިންވެސް ތިބީ މީގެކުރީގެ ނަތީޖާތައް ހަނދާން ނައްތާލާ މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުމުގެ އަޒުމުގައި ކަމަށެވެ.

މިއީ ސާފް ޗެމްޕިއަންޝިޕުގެ ތާރީހުގައި ނޭޕާލް ޓީމު ކުޅޭ ފުރަތަމަ ފައިނަލެވެ. އެހެންކަމުން މިއީ އެ ޓީމަށް ވަރަށް ހާއްސަ ފައިނަލެކެވެ.