ކްރިސްޓަލް ޕެލަސް މޮޅުވާން ދަނިކޮށް މެޗުގެ އެންމެ ފަހުވަގުތުގެ ތެރޭގައި ކާމިޔާބުކުރި ލަނޑާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ބަލިނުވެ ސަލާމަތްވެއްޖެ އެވެ.

އާސެނަލުގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ. މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއަރ ލީގުގައި އާސެނަލް ވަނީ ބަލިނުވެ ހަ މެޗު ހަމަކޮށްފައެވެ. ކްރިސްޓަލް ޕެލަސް ވެސް ދަނީ ފަހަަކަށް އައިސް ލީގުގައި ރަނގަޅަށް ކުޅެމުންނެވެ.

ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލް ވަނީ ލީޑުނަގާާފައެވެ. އެގޮތުން މެޗު ފަށައިގެން އަށްވަނަ މިނެޓުގައި އާސެނަލްއަށް ލީޑުނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއަރ އެމެރިކް އޮބަމަޔަންއެވެ. މިއީ އޭރިއާ ތެރެއަށް ލިބުނު ބޯޅައަކުން އޮބަމަޔަން ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑަށްފަހު ކްރިސްޓަލް ޕެލަސް ވަނީ މެޗުގައި އެ ޓީމުގެ ނުރައްކާ ބޮޑުކޮށްފައެވެ. އަދި އާސެނަލް ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސްއަށް އާސެނަލްގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ކްރިސްޓަލް ޕެލަސް ވަނީ ނަތީޖާ އެއްވަރުކޮށްފަައެވެ. ދެވަނަ ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސްއަށް ނަތީޖާ ހަމަހަމަކޮށްދިނީ ކްރިސްޓިއަން ބެންޓެކޭ އެވެ. މިއީ އާސެނަލް ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

ކްރިސްޓަލް ޕެލަސް މި މެޗުގައި ލީޑުނެގި ލަނޑު ޖެހީ މެޗުގެ 73 ވަނަ މިނެޓުގައެވެ. މިއީ ކައުންޓަރ އެޓޭކެއްގައި އުޑްސަން ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

އާސެނަލް މި މެޗުން ބަލިނުވެ ސަލާމަތްވި ލަނޑު މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލެކްސެންޑަ ލަކަޒޭޓްއެވެ.

މި މެޗުން އެއްވަރުވުމާއި އެކު އާސެނަލް ވަނީ އެ ޓީމު ކުޅުނު އަށް މެޗުން ލިބުނު އެގާރަ ޕޮއިންޓާއެކު ލީގު ތާވަލުގެ 12 ވަނައަށް ޖެހިލާފައެވެ.