ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް އީގައި ސްޕެއިންގެ ބާސެލޯނާ ކުޅުނު ތިންވަނަ މެޗުގައި ޔޫކްރެއިންގެ ޑައިނަމޯ ކިއޭވް ބަލިކޮށް މިފަަހަރުގެ މުބާރާތުން ބާސެލޯނާ ފުރަތަމަ މޮޅު ހޯދައިފިއެވެ.

މުބާރާތުގައި ބާސެލޯނާ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ ދެ މެޗުން ބެންފީކާ އަދި ބަޔާން މިއުނިކް އަތުން 3-0 އިން ބަލިވެފައެވެ. ލަނޑުޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާ ބާސެލޯނާއިން ތިންވަނަ މެޗުން ޑައިނަމޯ ކިއެވް އަތުން މޮޅުވި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޖެރާޑް ޕީކޭ އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ބަޔާން މިއުނިކް ވަނީ ބެންފީކާ އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކުރި ލަނޑުތަކާއި އެކު 4-0 އިން މޮޅުވެފައެވެ.

މި ނަތީޖާތަކާއި އެކު ގްރޫޕް އީގެ އެއްވަނައިގައި އޮތީ ބަޔާން މިއުނިކް އެވެ. އެއީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބެންފިކާ އޮތީ ތިން މެޗުން ހަތަރު ޕޮއިންޓާއެކު އެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު ބާސާ އޮތްއިރު ފުލުގައި ޑައިނަމޯ ކިއޭވް އޮތީ ތިން މެޗުން އެއް ޕޮއިންޓް ހޯދައިގެންނެވެ.

ބާސެލޯނާ މޮޅުވި މި މެޗުގައި ޖެރާޑް ޕީކޭ ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައެވެ. މިއީ ޖޯޑީ އަލްބާ ނަގައިދިން ހިލޭޖެހުމަކުން ޕީކޭ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑުގެ އިތުރުން ބާސެލޯނާއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް މި މެޗުގައި ލިބިގެންދިޔަ އެވެ.

ޗެލްސީން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ

ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ޗެލްސީ ވަނީ މަލްމޯ 4-0 އިން ބަލިކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޖޯޖީނިއޯ އާއި ކްރިސްޓެންސެން ގެ އިތުރުން ކައި ހަވާޓްޒް އެވެ. މީގެތެރެއިން ދެ ލަނޑަކީ ލިބުނުު ޕެނަލްޓީން ކާމިޔާބުކުރި ލަނޑުތަކެކެވެ. މި ދެ ޕެނަލްޓީވެސް ޖެހީ ޖޯޖީީނިއޯ އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ޔުވެންޓަސް ވަނީ ރަޝިއާގެ ޒެނިތް 1-0 އިން ބަލިކޮށްފައެވެ. ޔުވެންޓަސްގެ ހަމައެކަނި ލަނޑު ޖެހީ ޑޭޖާން އެވެ. މޮޅާއެކު މި ގްރޫޕުގެ އެއްވަނައިގައި އޮތީ ޔުވެންޓަސް އެވެ. އެއީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ދެވަނައިގައި ޗެލްސީ އަދި ތިންވަނައިގައި އޮތީ ޒެނިތް އެވެ.