ރާއްޖޭގެ ކުޅިވަރު ދާއިރާ އާއި ޒުވާނުން ކުރިއެރުވުމަށް ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް، ބަހްރެއިންގެ ޔޫތު މިނިސްޓަރު އައިމަން ތައުފީގް އަބްދުލްރަހްމާންއާ މަޝްވަރާ ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ ބަހްރެއިންގައެވެ.

ޔޫތު މިނިސްޓްރީން ބުނީ މި މަޝްވަރާ ބައްދަލުވުމުގައި ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

މި މަޝްވަރާ ބައްދަލުވުމަށް ފަހު ޔޫތު މިނިސްޓަރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޒުވާނުން ކުރިއެރުމަށް ކުރެވިދާނެ ކަންކަމާއި ކުޅިވަރު ދާއިރާގެ ތަރައްގީ އަށް ކުރެވިދާނެ ކަންކަމާ މެދުގައި ރަނގަޅު މަޝްވަރާތަކެއް ބަހްރެއިންގެ ޔޫތު މިނިސްޓަރާއެކުގައި ކުރެއްވި ކަމަށެވެ.

ހާއްސަކޮށް ފުޓްބޯޅަ، ވޮލީބޯޅަ، ޓޭބަލް ޓެނިސް އަދި ހޭންޑްބޯލް ކުރިއެރުވުމަށް ބަހްރައިންގެ މިނިސްޓަރާއެކު މަޝްވަރާތައް ބޭއްވެވި ކަމަށް މަހްލޫފް ވިދާޅުވިއެވެ.

މަހްލޫފް ވަނީ ބަހްރެއިންގެ ޔޫތު މިނިސްޓަރަށް ރާއްޖެ އަށް ވަޑައިގެންފި ނަމަ މަރުހަބާ ދަންނަވާނެ ކަމަށް ވިދާޅުވެ، ޝުކުރު އަދާކުރައްވައިފައެވެ.