ވޯލްޑްކަޕް ކޮލިފައިންގެ ގްރޫޕުން ނާކާމިޔާބީއާއި ކުރިމަތިވި ނަމަވެސް އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑްކަޕް އިޓަލީއަށް ކާމިޔާބުވާނެކަމަށް ގަބޫލުުކުރާ ކަަމަށް އެ ގައުމުގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނެފިއެވެ.

އިޓަލީން ވަނީ ރޭ ނޮދަން އަޔަލޭންޑާއި 0-0 އިން އެއްވަރުވެ މުބާރާތުގެ ޕްލޭއޮފް ބުރުގައި ވާދަކުރަން ޖެހިފައެވެ. އެ ޓީމު ކޮލިފައިން ނިންމާލީ ގްރޫޕް ސީގެ ދެވަނައިގައެވެ.

ވޯލްޑްކަޕަށް ކޮލިފައިވުމަށް އިޓަލީއަށް ދެން ކުރިޔަށްއޮތީ ޕްލޭއޮފް މެޗުތަކުން މޮޅުވުމެވެ. އިޓަލީގެ ކޯޗު ގަބޫލުކުރާ ގޮތުގައި ޕްލޭއޮފް ބުރުން ފަސޭހަކަމާއެކު މޮޅުވެ މިފަހަރުގެ ވޯލްޑްކަޕަށް އިޓަލީއަށް ކޮލިފައިވާނެއެވެ. އަދި ވޯލްޑްކަޕް ކާމިޔާބުކުރެވޭ ފެންވަރު ހުރި ޓީމުތަކުގެ ތެރޭގައި އިޓަލީ ގުނަން ޖެހޭނެކަމަށްވެސް ބުންޏެވެ.

"އަހަރެމެންނަށް މިހާރު އަދި ކުރެވޭނެކަމެއް ނެތް، މި ދަނޑިވަޅު އަހަރެމެންގެ މައްސަލައަކީ ލަނޑު ނުޖެހުމުގެ މައްސަލަ، އެއީ ކިތަންމެ ގިނަވަގުތު ބޯޅަ ގެންގުޅުނު ކަމުގައި ވިޔަސް، އަޔަލޭންޑުން ކުޅުނީ މުޅި ޓީމު ޑިފެންސަށް ފައިބައިގެން، އެހެންވެ އުނދަގޫވީ" މަންޗިނީ ބުންޏެވެ.

މަންޗިނީ ބުނީ އަންނަ މާރޗް މަހު ފަށާ ޕްލޭއޮފް މެޗުތަކުން މޮޅުވާނެކަމުގެ ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

މުބާރާތުގެ ޕްލޭއޮފް ބުރުގައި ވާދަކުރާނީ 12 ގައުމެވެ. އެއީ ކޮންމެ ގްރޫޕަކުން ރަނަރަޕްކަން ހޯދާފައިވާ 10 ޓީމުގެ އިތުރުން ނޭޝަންސް ލީގުގެ އެންމެ ރަނގަޅު ދެ ގްރޫޕެއްގެ އެއްވަނަ ޓީމު މި ބުރުގައި ވާދަކުރާނެއެވެ. މީގެތެރެއިން ވޯލްޑްކަޕަށް ކޮލިފައިވާނީ ތިން ގައުމެވެ. މިހާތަނަށް ޕްލޭއޮފްގައި ވާދަކުރަންޖެހޭ ބޮޑެތި ގައުމުތަކުގެ ތެރޭގައި ޕޯޗުގަލްއާއި އިޓަލީ ހިމެނެއެވެ.