ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ސޮއިކޮށްފިއެވެ.

މީގެކުރިންވެސް އަކޫ ވަނީ މާޒިޔާއަށް 2011 ވަނަ އަހަރު ކުޅެފައެވެ. އެފަހަރު އޭނާ ވަނީ މާޒިޔާއަށް 16 މެޗު ކުޅެ ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

އެންމެފަހުން އަކޫ ކުޅުނީ ކުލަބް އީގަލްސްއަށެވެ. އެ ޓީމާއެކު އަކޫ ވަނީ މިއަހަރު އޮތް އޭއެފްސީ ކަޕުގެ ޕްލޭއޮފް ބުރުގައި އެ ކުލަބަށް ކުޅެފައެވެ. މިދިޔަ ސީޒަނުގައި އޭނާ ކުޅެފައިވަނީ ކުލަބް ވެލެންސިއާ އަށެވެ.

ކުލަބް ވެލެންސިއާ އިން 2006 ވަނަ އަހަރު ކެރިއަރު ފެށި ކުޅުންތެރިޔާ ވަނީ މިހާތަނަށް މާޒިޔާއާއި އީގަލްސްގެ އިތުރުން ނިއުރޭޑިއަަންޓް ސްޕޯޓްސް ކުލަބް، ޓީސީ ސްޕޯޓްސް ކުލަބް، ވީބީ އައްޑޫ އެފްސީ، ވިކްޓްރީ ސްޕޯޓްސް ކުލަބަށްވެސް ކުޅެ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ގައުމީ ފުޓުބޯޅަ ޓީމުގައިވެސް އަކޫ ވަނީ 2008 އަދި 2018 ގައި ސާފް ޗެމްޕިއަންޝިޕް ހޯދި ދިވެހި ޓީމުގައި ހިމެނިފައެވެ. 2018 ގެ މުބާރާތް ރާއްޖެ ކާމިޔާބުކޮށްފައިވަނީ އަކޫގެ ކެޕްޓަންކަމުގެ ދަށުންނެވެ.

އަންނަ ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން މާޒިޔާއިން ދާދިފަހުން ވަނީ ނޭޕާލްގެ ކެޕްޓަން އަދި ކީޕަރު ކިރަންގެ ސޮއި ހޯދާފައެވެ. އޭނާ ވަނީ މާލޭގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިިޕުގައި މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން އެ ޓީމުގެ ކޯޗުކަމުގެ މަގާމަށް މުޙައްމަދު ޝިޔާޒް (މޯހަން) ވެސް ވަނީ ހަމަޖައްސާފައެވެ.