ބެލްޖިއަމްގެ ކެޕްޓަން އެޑެން ހަޒާޑް ފްރާސްގެ ޒުވާން ފޯވާޑް ކައިލިއަން އެމްބާއްޕޭއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފިއެވެ.

ވޯލްޑްކަޕްގެ ސެމީފައިނަލްގައި އަންގާރަ ދުވަހު ބެލްޖިއަމް އާއި ފްރާންސް ބައްދަލުކުރާ މެޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކެޕްޓަން ހަޒާޑް ބުނީ ފްރާންސްގައި އޮތީ ވަރުގަދަ ޓީމެއް ކަމަށާއި ހާއްސަކޮށް ދުވެލިބާރު ކުޅުންތެރިން އެ ޓީމުގައި ހިމެނޭ ކަމަށެވެ.

އަދި އެމްބާއްޕޭގެ ނަން ފާހަގަކުރަމުން ހަޒާޑް ބުނީ އެމްބާއްޕޭއާއި ފޯނުން ގުޅައިގެން ދެތިން ފަހަރު މީގެ ކުރިން ވާހަކަ ދައްކާފައިވާނެ ކަމަށާއި އެމްބާއްޕޭ ކުޑައިރު އޭނާގެ ފުޓްބޯޅަ ވީޑިއޯތަށް ބަލާ ހެދިކަމަށެވެ. ނަމަވެސް މިއަދު އެމްބާއްޕޭގެ ވީޑިއޯތަށް ބަލަނީ ހުދު އޭނާ ކަމަށް ހަޒާޑް ވަނީ ބުނެފައެވެ. އަދި އެމްބާއްޕޭގެ އުމުރުގައި އެ ދައްކާ މޮޅު ކުޅުމަށް އިހްތިރާމް ކުރާ ކަމުގައިވެސް ހަޒާޑް ވަނީ ބުނެފައެވެ.

" އެމްބާއްޕޭ ކުޑައިރު އަހަރެންގެ ވީޑިއޯތަށް ބެލި. ނަމަވެސް މިއަދު އެމްބާއްޕޭގެ ވީޑިއޯތަށް ބަލަނީ އަހަރެން. އެމްބާއްޕޭގެ އުމުރުގައި އޭނާ ދައްކަމުންދާ މޮޅު ކުޅުމަށް އިހްތިރާމް ކުރަން ' ބެލިން ސްޕޯޓްސް އަށް ދިން އިންޓަވިޔުއެއްގައި ހަޒާޑް ބުނެފައިވެއެވެ.

އެމްބާއްޕޭގެ އިތުރުން ފްރާންސްގެ މިޑްފީލްޑަރ ކަންޓޭއަށްވެސް ހަޒާޑް ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

ހަޒާޑް އާއި އެކު ޗެލްސީއަށް ކުޅެމުން އަންނަ ކަންޓޭއަށް ތައުރީފް ކުރަމުން ހަޒާޑް ބުނީ ކަންޓޭއަކީ އޭނާ ކުޅޭ މަގާމަށް ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމުގައެވެ. އަދި ކަންޓޭ އޭނާގެ އެންމެ ފުރިހަމަ ކުޅުން ދައްކައިފި ނަމަ އެ މެޗަކުން އެޓީމެއް މޮޅުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ހަޒާޑް ވަނީ ބުނެފައެވެ.