ސްޕެނިޝް ލީގުގެ ފިނި މޫސުމުގެ ބްރޭކަށް ދިއުމުގެ ކުރިން ރެއާލް މެޑްރިޑް ކުޅުނު ފަހު މެޗުން މޮޅުވެ އެއްވަނައިގައި ލީޑު ފުޅާކޮށްފިއެވެ.

ރަށުންބޭރުގައި ކުޅުނު މެޗުން ރެއާލް މެޑިޑް މޮޅުވީ އެތްލެޓިކް ބިލްބާއޯ އާއި ވާދަކޮށް 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ރެއާލް ވަނީ އެއްވަނައިގައި 8 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 19 މެޗުން ލިބުނު 46 ޕޮއިންޓާއެވެ. ދެވަނައިގައި ސެވިއްޔާ އޮތީ 18 މެޗުން 38 ޕޮއިންޓާ އެކުއެވެ. ރެއާލް ބެޓިސް 18 މެޗުން 33 ޕޮއިންޓާއެކު ތިންވަނަ ލިބޭއިރު ބާސެލޯނާ އޮތީ ތާވަލުގެ ހަަތްވަނައިގައެވެ. އެއީ 18 މެޗުން 28 ޕޮއިންޓާއެކު އެވެ.

ރެއާލުން މެޗު ފެށީ ވަރަށް ވަރުގަދަކޮށެވެ. ފުރަތަމަ ހަތް މިނެޓުގެ ތެރޭގައި ރެއާލުން ވަނީ މި މެޗުގައި އެ ޓީމުގެ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި ޓޯނީ ކްރޫސް ތަނަވަސްކޮށްދިން ފުރުސަތަކުން ބެންޒެމާ ލީޑު ނަގައިދިން އިރު އޭގެ ތިން މިނެޓުފަހުން ދެވަނަ ލަނޑުވެސް ޖެހީ ބެންޒެމާ އެވެ.

ބެންޒެމާ ރެއާލަށް ދެ ލަނޑުގެ ލީޑެއް ނަގައިދިންތާ ތިން މިނެޓުފަހުން އެތްލެޓިކް ބިލްބާއޯ އިން ވަނީ މި މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮއިހާން ސަންކޭޓް އެވެ.

ދެވަނަ ހާފުގައި ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ކުޅުނުއިރު ބިލްބާއޯއަށް ނަތީޖާ ހަމަހަމަކުރަން ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.