އޮސްޓްރޭލިޔަން އޯޕަން ޓެނިސް މުބާރާތުގައި ކުޅެން ވެކްސިން ނުޖަހާ އެތެރެވުމުން ވިސާ ބާތިލް ކޮށްފައިވާ ދުނިޔޭގެ އެއް ވަނަ ފިރިހެން ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗުގެ ވިސާ ދެވަނަ ފަހަރަށް ބާތިލް ކުރިކުރުމަށް އޮސްޓްރޭލިއާގެ ކޯޓަކުން ތާއިދުކޮށް ސަރުކާރުގެ ނިންމުން ދަމަހައްޓައިފިއެވެ.

ޖޮކޮވިޗްގެ ވިސާ ފުރަތަމަ ބާތިލް ކުރުމުން ކޯޓަށް މައްސަލަ ހުށަހަޅައިގެން ޖޮކޮވިޗް ވަނީ މައްސަލަ ކާމިޔާބު ކޮށްފައެވެ. ކޯޓުން ހުކުމް ކުރީ ޖޮކޮވިޗްގެ ވިސާ ބާތިލް ކުރީ އިޖުރާތްތަކާއި ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާގެ ވިސާ އިއާދަކޮށްދޭން ކޯޓުން އަމުރު ކުރިއެވެ.

ކޯޓުގެ އަމުރާއި އެއްގޮތައް ޖޮކޮވިޗްގެ ވިސާ އޮސްޓްރޭލިއާ ސަރުކާރުން އިއާދަކޮށްދިނުމަށް ފަހު އިމިގްރޭޝަން މިނިސްޓަރު ވަނީ އަނެއްކާވެސް ޖޮކޮވިޗްގެ ވިސާ ބާތިލްކޮށް އޭނާ ޑީޕޯޓް ކޮށްލަން ނިންމާފައެވެ. ފަހުން އެނިންމުން ނިންމީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށް ސަރުކާރުން ބުނެއެވެ. މިއަދު އޮސްޓްރޭލިއާގެ ފެޑްރަލް ކޯޓަކުން ތާއިދުކުރީ އެނިންމުމަށެވެ. މިމައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

ޖޮކޮވިޗް މިހާރު ވެސް ހުރީ މެލްބަންގެ ޑިޓެންޝަން ސެންޓަރެއްގައެވެ. ކޯޓުން މިއަދު ނިންމި ނިންމުމާއިއެކު ޖޮކޮވިޗް ޑީޕޯޓް ކޮށްލެވެންދެން އޭނާ ހުންނާނީ ޑިޓެންޝަން ސެންޓަރުގައެވެ.

ޖޮކޮވިޗް ޑީޕޯޓް ކޮށްލާއިރު އޭނާ ޑީޕޯޓް ކޮށްލާނީ އެންމެ މަދުވެގެން ވެސް ތިން އަހަރު ދުވަސް ތެރޭގައި އޮސްޓްރޭލިއާ އަށް އަނބުރާ އެތެރެނުވެވޭނެ ގޮތައް ކަމަށް ބެލެވެއެވެ. އޮސްޓްރޭލިއާ އިން ޑީޕޯޓް ކޮށްލާ މީހުން އާއްމު ގޮތެއްގައި ޑީޕޯޓް ކޮށްލަނީ ތިން އަހަރު ދުވަސް ތެރޭގައި އަނބުރާ އެގައުމަށް އެތެރެނުވެވޭ ގޮތަށެވެ.

އޮސްޓްރޭލިއާ އަކީ ކޮވިޑްގެ ފިޔަވަޅުތައް އެންމެ ވަރުގަދަ އެއްގައުމެވެ. އެގައުމަށް ދަތުރު ކުރުމާއި އަދި ގައުމުން ބޭރަށް ދަތުރު ކުރުމުގައި ވެސް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައި މިހާރު އޮންނަތާ ދެއަހަރު ވެއްޖެއެވެ. ޖޮކޮވިޗް ވެކްސިން ނުޖަހައި ހުރެ އޮސްޓްރޭލިއާ އަށް އެތެރެވުމުގެ ފުރުސަތު ދިނުމުން އެގައުމުގެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ. އެހެންކަމުން ކޯޓުގެ ނިންމުމާއިއެކު ސަރުކާރަށް ޕްރެޝަރު ކުޑަވެގެން ދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.