ފްރާންސްގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުން ސްޕެއިންގެ ދެ ތަރިން ކަމަށްވާ ރަފައެލް ނަޑާލް އަދި ކާލޮސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.

ދުނިޔޭގެ ފަސްވަނަ ރޭންކުގައި އޮތް އަދި ފްރެންޗް އޯޕަންގެ އެންމެ ކާމިޔާބު ކުޅުންތެރިއާ ނަޑާލް، 36، ކުއާޓާ އިން ޖާގަ ހޯދީ ހަތަރު ވަނަ ބުރުގެ މެޗުގައި ކެނެޑާގެ ފެލިކްސް އޯގާ އަލިއާސިމޭ ބަލިކުރުމަށްފަހުއެވެ. ހަތަރު ގަޑި އިރާއި 21 މިނެޓަށް ދިގުދެމިގެންދިޔަ މި މެޗު ނަޑާލް ކާމިޔާބުކުރީ ތިން ސެޓު ދެ ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 6-3 އިން އަލިއާސިމޭ ކާމިޔާބުކުރި ނަމަވެސް ދެވަނަ އަދި ތިންވަނަ ސެޓު 6-2 އަދި 6-3 އިން ކާމިޔާބުކުރީ ނަޑާލް އެވެ. ހަތަރު ވަނަ ސެޓުގައި ނަޑާލްގެ ފަރާތުން ވަރުބަލިކަން ފެނިގެންދިޔައިރު އަލިއާސިމޭ ވަނީ މި ސެޓު 6-3 އިން ކާމިޔާބުކޮށްފައެވެ. ފަހު ސެޓުގައި ނަޑާލްގެ ފަރާތުން އިތުރު ހިތްވަރެއް ފެނިގެންދިޔަ އިރު މި ސެޓު އޭނާ ކާމިޔާބުކުރީ 6-3 އިންނެވެ.

ކުއާޓާގައި ނަޑާލް ވާދަކުރަން ޖެހޭނީ ދުނިޔޭގެ އެއްވަނަ ރޭންކުގައި އޮތް ސާބިއާގެ ނޮވަކް ޖޮކޮވިޗާ އެވެ. ޖޮކޮވިޗް އަކީ މި މުބާރާތުގެ ޑިފެންޑިންގެ ޗެމްޕިއަނެވެ. އޭނާ ކުއާޓާ އިން ފުރުސަތު ހޯދީ އާޖެންޓީނާގެ ޑިއޭގޯ ޝްވާޓްޒަމަންއާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ފްރެންޗް އޯޕަންގައި ނަޑާލް އަދި ޖޮކޮވިޗް މިހާތަނަށް 9 ފަހަރަކު ވާދަކޮށްފައިވާއިރު 7-2 އިން ލީޑު ކުރަނީ ނަޑާލް އެވެ.

މިފަހަރުގެ ފްރެންޗް އޯޕަންގެ ކުއާޓާ އިން މިހާތަނަށް ފުރުސަތު ހޯދާފައިވާ ކުޅުންތެރިންނަކީ ޖަރުމަނުގެ އެލެކްސަންޑާ ޒްވެރެވް އަދި ސްޕެއިންގެ ކާލޮސް އަލްކަރާޒެވެ. ސްޕެއިންގެ 19 އަހަރުގެ އަލްކަރާޒް ވަނީ ތިންވަނަ ބުރުގެ މެޗުގައި ރަޝިއާގެ ކަރެން ކަޝްނޯވް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. އަލްކަރާޒް ސެޓުތައް ކާމިޔާބުކުރީ 6-1، 6-4 އަދި 6-4 އިންނެވެ.

ޒްވެރެވް ކުއާޓާ އަށް ދަތުރު ކުރީ ސްޕެއިންގެ ބަރްނާބް ޒަޕާޓާ މިރާޔެސް ބަލިކުރުމަށްފަހުއެވެ. ޒްވެރެވް ސެޓުތައް ގެންދިޔައީ 7-6، 7-5 އަދި 6-3 އިންނެވެ. ކުއާޓާގެ ބާކީ ޖާގަތައް ކަށަވަރުވާނީ މިއަދު ކުޅޭ ހަތަރު ވަނަ ބުރުގެ ފަހު މެޗުތަކަށް ފަހު އެވެ.