ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ އަންހެން ބައިގެ ފައިނަލްގެ ފުރަތަމަ ޖާގަ ދުނިޔޭގެ އެއްވަނަ އަންހެން ޓެނިސް ކުޅުންތެރިއާ ޕޮލަންޑުގެ އަރަމުން އަންނަ ތަރި އީގާ ޝްވަޔަޓެކް ހޯދައިފިއެވެ.

އީގާ ޝްވަޔަޓެކް، 21، ފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު އަންހެން ބައިގެ ސެމީގެ ފުރަތަމަ މެޗުގައި ރަޝިއާގެ ޑާރިއާ ކަސަޓްކީނާއާ ވާދަކޮށް ސީދާ ދެ ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. ޝްވަޔަޓެކް ސެޓުތައް ކާމިޔާބުކުރީ ފަސޭހަކަމާއެކު 6-2 އަދި 6-1 އިންނެވެ. މިއީ މި ދެ ކުޅުންތެރިން މި އަހަރު ވާދަކުރި ތިންވަނަ މެޗެވެ. މީގެ ކުރީ ދެ މެޗް ވެސް ޝްވަޔަޓެކް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފައެވެ.

ޝްވަޔަޓެކް ވަނީ މީގެ ދެ އަހަރު ކުރިން އުމުރުން އެންމެ 19 އަހަރުގައި ފްރެންޗް އޯޕަން ކާމިޔާބުކޮށްފައެވެ. އެފަހަރު އޭނާ ތަށި ހޯދީ ފައިނަލުގައި އެމެރިކާގެ ސޯފިޔާ ކެނިން އަތުން މޮޅުވެގެންނެވެ. ރަނގަޅު ފޯމެއްގައި ހުރެ ދެވަނަ ފްރެންޗް އޯޕަން ތައްޓާއި ފިޔަވަޅަކަށް ގާތަށް ޝްވަޔަޓެކް ޖެހިލާފައިވާއިރު މި އަހަރަކީ އޭނާގެ ކެރިއަރުގައި ވެސް އެންމެ ކާމިޔާބު އަހަރެވެ. މި އަހަރުގެ މިހާތަނަށް ޝްވަޔަޓެކް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. އެއީ އޮސްޓްރޭލިއަން އޯޕަންގެ ސެމީ ފައިނަލާއި ދުބާއި ޓެނިސް ޗެމްޕިއަންޝިޕުގެ ގަދަ ސޯޅައިން ބަލިވި މެޗެވެ.

ދުބާއީ މުބާރާތުން ކެޓުމަށްފަހު މިހާތަނަށް ބަލިނުވެ ޝްވަޔަޓެކް ވަނީ 34 މެޗު ހަމަކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި އޭނާ ވަނީ ފަސް މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ގަތަރު އޯޕަން، މިއާމީ އޯޕަން، އިންޑިއަން އޯޕަން، ސްޓަޓްގާޓް އޯޕަން އަދި އިޓާލިއަން އޯޕަން އެވެ.

ފްރެންޗް އޯޕަންގެ ފައިނަލުގައި ޝްވަޔަޓެކް ވާދަކުރަން ޖެހޭނީ އިޓަލީގެ މާޓީން ޓްރެވިސަން އަދި އެމެރިކާގެ ކޮކޯ ގޯފް ވާދަކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ކުޅުންތެރިއަކާއެވެ.