މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕުގެ ސެމީ ފައިނަލުގައި ރޭ އިންގްލެންޑް ކަޓައިގެން ދިޔައީ ހިތްދަތި ގޮތަކަށެވެ. ފަހު ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ކްރޮއޭޝިޔާ ޖެހި ލަނޑާއެކު، އިންގްލެންޑް ވަނީ މުބާރާތުން އަލްވަދާއު ކިޔަން ޖެހިފައެވެ.

އެހެންނަމަވެސް، މިއީ ކްރޮއޭޝިޔާގެ ރައްޔިތުންނަށް ލިބުނު ބޮޑު އުފަލެކެވެ. މިއީ އެޤައުމު ރައްޔިތުންނަށް، ވޯލްޑް ކަޕުގެ ތަށި ކާމިޔާބު ކުރެވުންހާ އުފާވެރި ކަމެކެވެ. މިކަން ރޭ، އެޤައުމުގެ އެކި ސަރަޙައްދުތަކުގެ މަގުތަކުން ވަނީ ފެނިގެން ގޮސްފައެވެ.

ފުރަތަމަ ފަހަރަށް ކްރޮއޭޝިޔާގެ ޓީމު، ވޯލްޑް ކަޕުގެ ފައިނަލަށް ދިއުމުން އެޤައުމުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ އެޤައުމުގެ ވެރިކަން ކުރާ ޒަގުރެބުގެ މަގުތަކަށް ނިކުމެފައެވެ. މަގުތަކަށް ނިކުމެ ތިބި މީހުން ދިޔައީ އެކި ގޮތްގޮތަށް އުފާ ފާޅު ކުރަމުންނެވެ. އެޤައުމުގެ ދިދަތަކާއި އަލިފާނުގެ ކުޅިވަރުން، މުޅި ތަންވަނީ އެއްގޮތް ކުރުވާފައެވެ. އަދި، އަޅުވަމުން ދިޔަ ލައިޓުތަކުގެ ސަބަބުން މުޅި ސަރަޙައްދުވަނީ ރަތް ކޮށްލާފައެވެ.

ފަހު ވަގުތު މަންޑްޒުކިޗް ޖެހި ގޯލުން އެޓީމު މޮޅުވުމާއެކު، މަގުތަކަށް އެއްވެ ތިބި ހުރިހާ ފަރާތްތަކެއްގެ ޝުކުރެއްވެސް އަދާކުރަމުން ދިޔައީ އޭނާއަށެވެ. ރޭ މީޑިޔާއަކަށް މައުލޫމާތު ދެމުން މަންޑްޒުކިޗް ބުނެފައިވަނީ ރޭ އިންގްލެންޑް ބަލިކޮށްލެވުމަކީ، އެޓީމުގެ ހިތްވަރުކަމަށާއި އެގޮތަށް ހިތްވަރުކޮށް ވަރުގަދަ ޓީމެއް ބަލިކޮށްލެވޭނީ މަދު ބަޔަކަށްކަމަށެވެ.

ރޭ ހޯދުނު ކާމިޔާބާ ގުޅިގެން އެޓީމުގެ ކޯޗު މީޑިޔާއަށް މައުލޫމާތު ދެމުން ބުނެފައިވަނީ މުޅި މުބާރާތުގެ ހުރިހާ މެޗެއްގައިވެސް އެޓީމު ކުޅުނީ ހިތްވަރާއިއެކުކަމަށެވެ. އަދި، ހޯދުނު ނަތީޖާއަށް ވަރަށް ބޮޑަށް އުފާކުރާކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ވޯލްޑް ކަޕުގެ ފައިނަލުގައި ކްރޮއޭޝިޔާ ބައްދަލު ކުރަން ޖެހޭނީ ފްރާންސް އާއެވެ. އެމެޗު އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ.