ރޭ ޔުއެއްފާ ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިންނާއި ކުރޮއޭޝިއާ ބައްދަލު ކުރި ފައިނަލް ޕެނަލްޓީ ޖަހައިގެން ސްޕެއިން އިން ކާމިޔާބުކޮށްފިއެވެ.

ފޯރި ގަދަ ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެން ދިޔަ ފައިނަލުގެ 90 މިނެޓު ހަމަވި އިރު އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އެހެން ނަމަވެސް މި ދެ ހާފުގައި ވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. ޕެނަލްޓީގައި ސްޕެއިން ކުރި ހޯދީ 4-5ގެ ނަތީޖާއަކުންނެވެ.

އުމުރުން 37 ގެ ލޫކް މޮޑްރިޗްގެ ތާރީހީ މި ފައިނަލުގައި ގިނަ ބަޔަކު ދެކެން ބޭނުންވި މަންޒަރު ނުފެނުނު ނަމަވެސް ކުރޮއޭޝިއާ ޓީމުގައި އެންމެ މޮޅު ކުޅުމެއް ދައްކާފައި ވަނީ އޭނާއެވެ. އަދި މިހާތަނަށް ގައުމީ ޓީމާއި އެކު އެއްވެސް މުބާރާތެއް ކާމިޔާބު ނުކުރެވުނު ނަމަވެސް މޮޑްރިޗް ވަނީ 2018 ވަނަ އަހަރު ވޯލްޑް ކަޕުގެ ފައިނަލާއި ހަމައަށް އެގައުމު ގެންގޮސްދީފައެވެ. އެއަހަރު ފައިނަލުގައި ބަލިވީ ފުރާންސް އަތުންނެވެ.

މިހާރު ފީފާ ރޭންކިންގެ 10 ވަނައިގައި އޮތް ސްޕެއިންއަށް ޕެނަލްޓީތަށް ކާމިޔާބުކޮށް ދިނީ ޖޯސެލޫ، ރޮޑްރީ، މިކެލް މެރިނޯ، މާކޯ އެސެންސިއޯ އަދި ޑެނިއަލް ކާވަހާލްއެވެ. ސްޕެއިންގެ ލަޕޯޓާ ޖެހި ޕެނަލްޓީ ކާމިޔާބު ނުކުރެވުނެއެވެ. މިއީ ސްޕެއިންއިން މި މުބާރާތް ކާމިޔާބު ކުރި ފުރަތަމަ ފަހަރުއެވެ. 2021 ވަނަ އަހަރުގެ ފައިނަލުގައި 1-2ގެ ނަތީޖާ އަކުން ފުރާންސް ކައިރިން ވަނީ ބަލިވެފައެވެ.

މިކާމިޔާބީއާއި އެކު އެއްމެ ފާހަގަ ކޮޮށްލެވެނީ މެންޗެސްޓާރ ސިޓީއަށް ކުޅެމުން އަންނަ ސްޕެއިންގެ ރޮޑްރީއެވެ. އެކުލަބާއި އެކު މި ސީޒަނުގައި ޓްރިޕަލް ހަދާފައި ވާއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ސިޓީގެ ހަމައެކަނި ގޯލުވެސް ކާމިޔާބުކޮށް ދިނީ ޑިފެންޑަރ ރޮޑްރީއެވެ.