ސްޕައިންގެ ޑިފެންޑަރ ސާޖިއޯ ރާމޮސް ގައުމީޓީމަށް ކުޅުން ހުއްޓާލައިފިއެވެ.

ރަސްމީކޮށް ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފައި ވަނީ ރޭ ސާޖިއޯ ރާމޮސް ނެރުނު ބަޔާނެއްގައެވެ. ބަޔާނުގައި ބުނެފައިވާ ގޮތުން އޭނާ ކުޅުން ހުއްޓާލަން ޖެހުނީ މިހާރުގެ ކޯޗްގެ ފަރާތުން ލިބުނު މެސެޖަކުންނެވެ.

ރޭ ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ، 180 ފަހަރު ގައުމީ ޓީމަށް ފަހުރު ވެރިކަމާއެކު ކުޅުނު ކުޅުންތެރިޔެއްގެ ހައިސިއްޔަތުން އަބަދުވެސް ޓީމަށް ހިއްވަރު ދިނުމުގައި ދެމި ހުންނާނެ ކަމަށެވެ.

ގައުމީ ޓީމަށް ކުޅުން ހުއްޓާލި މައިގަނޑު ސަބަބެއް ކަމަށް ބަޔާނުގައި ބުނެފައި ވަނީ މިހާރުގެ ގައުމީ ކޯޗު އޭނަގެ ޕްލޭނުގައި ސާޖިއޯ ނުހިމަނާނެކަން އެންގުމުންނެވެ. އަދި ކޯޗުު ހިތްހަމަ ޖެހޭވަރުގެ ކުޅުމެއް އޭނާއަށް ނުދެއްކޭ ކަމަށްވެސް ކޯޗު ބުނެފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ މީހާގެ އުމުރަކީ ސުވާލު އުފައްދަން ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ހެއްކެއް ގޮތުން މެސީ، ޕެޕެ އަދި މޮޑްރިޗްމެން ފަދަ ކުޅުންތެރިން ނަމޫނާއެއް ގޮތުގައި ބަލަން ޖެހޭކަމަށެވެ.

މިހާރު ފުރާސްގެ ޕީ.އެސް.ޖީއަށް ކުޅެމުން އަންނަ 37 އަހަރުގެ ސާޖިއޯ ރާމޮސް އަކީ ސްޕެއިންގެ ތާރީހުގައި މިހާތަނަށް އުފެދުން އެންމެ ހުނަރުވެރި އެއް ޑިފެންޑަރެވެ. ގައުމީ ޓީމަށް ކުޅެދިން 180 މެޗުގައި އޭނާވަނީ 23 ގޯލު ޖަހާދީފައެވެ. މީގެ އިތުރުން 2010ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ސްޕެއިންގެ ޓީމުގައިވެސް މުހިންމު ދައުރެއް އަދާ ކޮއްދީފައިވެއެވެ. އަދި ސްޕެއިންގެ ގައުމީ ޓީމާއެކު ދެފަހަރު ޔޫރޯ ވެސް ވަނީ ކާމިޔާބު ކޮއްދީފައެވެ.

2005 ވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ޓީމަށް ކުޅެމުން އަންނަ ސާޖިއޯ ރާމޮސްވަނީ ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ގިނަ ދުވަސް ތަކެއް ވަންދެން ކޮއްދީފައެވެ. ބަޔާން ނިންމާލަމުން ސާޖިއޯ ވަނީ ވޭތުވެދިޔަ ތަނުގައި އޭނާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮއްދިން އެންމެންގެ އިތުރުން ހުރިހާ ސަޕޯޓަރުންނަށްވެސް ޝުކުރު އަދާކޮއްފައެވެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    އިދިކޮޅު ކުޅުންތެރިންނަށް ވަރަށް ބޮޑެތި އަނިޔާ ތަކެއް ކުރަމުން އައި އަނިޔާވެރިއެއް.

    10
    6
  2. ކޯޗު

    ތިއީ ފުޓުބޯޅަ ކުޅޭ މީހެއްނޫން ފުޓުބޯޅަ ދަނޑުގައި ރެސްލިން ތަޅާ މީހެއް ، ގިނަ ފޯވާޑުން ތީނަ ހުއްޓުވަނީ ބަގުޑި ބައްދައިގެން ، ބޯޅަ ނޫނީ މީހާގެ ކަށިމަތި

    7
    5