އަވަށްޓެރި ލަންކާގައި ފަށާ އޭވީސީ ސެންޓްރަލް އޭޝިއަން ޒޯންގެ ބީޗްވޮލީބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން އަދި ފިރިހެން ބީޗް ވޮލީ ޓީމުގެ ކުޅުންތެރިން ލަންކާގައި ކޭމްޕް ކޮށްފިއެވެ.

މި މުބާރާތުގައި ވާދަކުރަނީ ރާއްޖޭގެ ފިރިހެން ދެ ޕެއާ އާއި އަންހެން ދެ ޕެއާއެވެ. ފިރިހެން ދެ ޕެއާ އަކީ އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) އަދި އެންމެ ފަހުގެ ގައުމީ ޗެމްޕިއަން އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާއެވެ.

އަންހެން ދެ ޕެއާ އަކީ މަރިޔަމް އަޒުމާ އާއި އައިޝަތު މާޖިދާގެ ޕެއާ އާއި އައިމިނަތު ރުދައިނާ އާއި ހައްވާ ނާޒިމާގެ ޕެއާއެވެ.

މިފަހަރުގެ މުބާރާތާއި ރާއްޖޭގެ ޓީމުތަކުން ކުރިމަތިލާނީ ދާދިފަހުން އައްޔަންކުރި ބްރެޒިލްގެ ކޯޗު ވިނީޝިއުސް މާޓިންގެ އިރުޝާދުގެ ދަށުންނެވެ. ޓީމުގެ ކޯޗު ވިނީޝިއުސްގެ އެހީތެރިއެއްގެ ގޮތުގައި އެސިސްޓަންޓް ކޯޗަކަށް ހުރީ މުހައްމަދު ރިޝްވާން އެވެ.

އުމުރުން 37 އަހަރުގެ ކޯޗަކީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބީޗު ވޮލީ ކޯޗުކަމާއި ހަވާލުވާާ އެންމެ ތަޖުރިބާކާރު އެއް ކޯޗެވެ.

ރާއްޖޭގެ ހެޑް ކޯޗު ހަމަޖައްސާފައިނީ ދުނިޔޭގެ ވޮލީބޯޅައިގެ މައި އިދާރާ އެފްއައިވީބީންނެވެ. އޭނާ ވަނީ ބީޗު ވޮލީގެ އިތުރުން އިންޑޯ ވޮލީބޯޅައިގައި ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެއިތުރުން ބްރެޒިލްގެ ރިއޯ ޑި ޖެނެއިރޯގައި ޖުޖިޓްސޫ ކިޔަވައިދިނުމުގަިއ ވެސް އޭނާ ވަނީ ހަރަކާތްތެރިވެފައެވެ.

ބްރެޒިލް ކޯޗު ވަނީ ފިޒިކަލް ޓްރެއިނިން އާއި ސްޓްރެންތު ޓްރެއިނިން އިން އެންމެ މަތީ ފާސް ހާސިލްކޮށްފައިވާ އެކަކެވެ. އޭނާ ވަނީ ބްރެޒިލްގެ އަންހެން ބީޗު ވޮލީ ޓީމުތަކަށް 2013 ވަނަ އަހަރު ވޯލްޑް ޓުއާގެ އެއްވަނަ އަދި ދެވަނަ ހޯދައިދީފައެވެ. އަދި 2014 ވަނަ އަހަރުގައި ކޮންޓިނެންޓަލް ކަޕްގައި ބްރެޒިލްގެ އަންހެން ޓީމަށް އެއް ވަނަ ހޯދައިދިނެވެ.

މި ފަހަރުގެ އޭވީސީ ސެންޓްރަލް އޭޝިއަން ޒޯން ބީޗްވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އިތުރުން ހޯސްޓް ސްރީ ލަންކާ އާއި ދެން ބައިވެރިވެފައިވަނީ އީރާން، ޕާކިސްތާން، އުޒްބެކިސްތާން އަދި ނޭޕާލް ކަމަށް ލަންކާގެ ވޮލީބޯޅަ ފެޑެރޭޝަނާއި ހަވާލާދީ އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.