ރާއްޖެއަށް ރީތި ނަމެއް ހޯދައިދިނުމުގެ ގޮތުން ދިވެހި ވޮލީބޯޅަ ވެޓަރެންސް އެސޯސިއޭޝަން(ޑީވީވީއޭ) އިން ތައިލެންޑްގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރަން ތައްޔާރުވެއްޖެއެވެ.

ޑީވީވީއޭ އަކީ މީގެ ކުރިން ވެސް ވޮލީބޯޅަ މުބާރާތްތަކުގައި ބައިވެރިވެ ރާއްޖެ ފަހުރުވެރިކޮށްދީފައިވާ އެސޯސިއޭޝަނެކެވެ. މި އެސޯސިއޭޝަނުގައި ރާއްޖޭގެ ފުންނާބު އުސް ވޮލީބޯޅައިގެ ތަޖުރިބާކާރުން މަސައްކަތް ކުރަމުން އަންނަ އިރު ވޮލީބޯޅައިގައި ފާހަގަކޮށްލެވޭ ލެޖެންޑުން މި އެސޯސިއޭޝަނުން އެކުލަވާލައިފައިވާ ޓީމުގައި ހިމެނެއެވެ. ޑީވީވީއޭ އަކީ 2019 ވަނަ އަހަރު އުފެއްދި އެސޯސިއޭޝަނަކަށްވާއިރު، މި އެސޯސިއޭޝަނުން އަންނަނީ ރާއްޖޭގައި އުފެދުނު ލެޖެންޑުންގެ ބޭނުން ރަނގަޅު ގޮތުގައި ހިފާ އަދިވެސް މި ކުޅިވަރުގައި ޝާމިލް ކުރުމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.

ތައިލެންޑްގެ ބެންކޮކްގައި ބާއްވާ ބީޗް ވޮލީބޯޅަ މުބާރާތުގައި ޑީވީވީއޭގެ 13 ޓީމެއް ވާދަކުރުމަށް ވަނީ ނިންމާފައެވެ. މި ޓީމުތަކުގައި ހިމެނެނީ 35 އަހަރުން މަތީގެ ކުޅުންތެރިންނަށްވާއިރު، ގިނަ ކުޅުންތެރިން ވަނީ މީގެ ކުރިން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމަށް ކުޅެފައެވެ. މި މުބާރާތުގައި ޑީވީވީއޭގެ ފަރާތުން އުމުރުން 35 އަހަރުން މަތީގެ ޑިވިޝަނުގައި ޖުމުލަ ހަތަރު ޓީމެއް ވާދަކުރަން ވަނީ ނިންމާފައެވެ. އަދި ފިރިހެން އޯޕަންގައި ދެ ޓީމު ބައިވެރިވެފައިވާއިރު އަންހެން އޯޕަންގައި ވެސް ދެ ޓީމު ބައިވެރިވެފައިވެއެވެ. އަދި އޯޕަން މިކްސްގައި ޑީވީވީއޭގެ ފަސް ޓީމެއް ވާދަކުރަން ވަނީ ނިންމާފައެވެ.

މި ޓީމުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ގޮތުގައި މުހައްމަދު ރަޝީދު، އިސްމާއިލް ރަޝީދު، މުހައްމަދު އަމްރަދު، ސޯދިގު މޫސާ، އަހުމަދު އަބްދުލް ކަރީމް، އިބްރާހިމް ފަލާހު އަބޫބަކުރު، އަބްދުﷲ ހާލިދު، އަހުމަދު ސުނާނު، އިސްމާއިލް ރިފާއުގެ އިތުރުން ހުސައިން ނައީމް ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ރާއްޖޭގެ ވޮލީބޯޅައިގައި ނަން މަޝްހޫރު ގިނަ ކުޅުންތެރިން އެބަ ތިއްބެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އެ އެސޯސިއޭޝަނުން އަންނަނީ މީގެ ދެ މަސް ކުރިން ފަރިތަކުރަމުން ކަމަށްވާއިރު ވަރަށް ރަނގަޅަށް ތައްޔާރުވެފައިވަ ކަމަށް ޑީވީވީއޭ އިން ފާހަގަކުރިއެވެ.

ޑީވީވީއޭ އިން ބުނި ގޮތުގައި ތައިލެންޑްގެ މުބާރާތުގައި ބައިވެރިވި އެންމެ މައިގަނޑު މަގުސަދަކީ ރާއްޖެ ތަމްސީލު ކުރުމެވެ. އަދި މި މުބާރާތުގައި ވާދަކޮށް ރަން މެޑަލް ހޯދޭނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށާއި ރާއްޖެ ފަޚުރުވެރިވާފަދަ ނަތީޖާއެއް ނެރެވޭނެ ކަމަށް ގަބޫލް ކުރާ ކަމަށް ޑިވީވީއޭ ބުނެއެވެ. އަދި ޑީވީވީއޭ އިން ބުނީ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ އިތުރުން ސްޕޮންސާ ދީފައިވާ ކުންފުނި ތަކުގެ އިތުރުން ޓީމަށް އެހީތެރިވެދިން އެންމެންނަށް ޝުކުރުއަދާ ކުރާ ކަމަށެވެ.

ޑީވީވީއޭ އިން އެންމެފަހުން މާލޭ ސިޓީ ކައުންސިލުން ބޭއްވި މުބާރާތުގައި ބައިވެރިވިއިރު، އެމުބާރާތުގެ ތަށި ވަނީ ހޯދާފައެވެ. މީގެ ކުރިން ތައިލެންޑްގައި ދެ މުބާރާތެއްގައި ބައިވެރިވިއިރު، އެންމެ ފަހުން ބޭއްްވި މުބާރާތުގައި ކުއާޓާ ފައިނަލުން ވަނީ ކަޓާފައެވެ. އޭގެ ކުރިން އެޓީމު ކެޓީ ސެމީ ފައިނަލުންނެވެ. ޑީވީވީއޭ އިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީއަކީ ބައިނަލްއަގްވާމީ މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް ރަން މެޑަލް ހޯދުމެވެ.