ކޮމަންވެލްތް ބީޗް ވޮލީބޯލް ކޮލިފައިންގައި ވާދަކޮށް ރާއްޖޭގެ އާދަމް ނަސީމް (އެޑަމް) އަދި އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) ގެ ޕެއާ ރިހިމެޑަލް ހޯދައިފިއެވެ.

މި ކޮލިފައިންގައި ވާދަކޮށް ކޮމަންވެލްތް ބީޗް ވޮލީބޯލް ބޮޑު މުބާރާތަށް ކޮލިފައިވާގޮތަށް އޮތީ ހަމައެކަނި ޗެމްޕިއަން ޓީމެވެ. ރާއްޖެއަށް ރިހިމެޑަލް ލިބުނީ ލަންކާ އަތުން ބަލިވުމުންނެވެ.

ރާއްޖެއަށް ފައިނަލުން ފުރުސަތު ލިބުނީ ކޮލިފައިންގައި ވާދަކުރި ތިން ގައުމު ކަމަށްވާ ސިންގަޕޫރާއި މެލޭޝިއާ އާއި ޕޮއިންޓުގެ ގޮތުން ރާއްޖެ އެއްވަރުވުމުން، ރޭންކިންއަށް ބެލުމަށްފަހު އެވެ.

ސްރީލަންކާގެ ނެގޮމްބޯ ބީޗު ވޮލީބޯޅަ ކޯޓުގައި ކުރިޔަށްދިޔަ މި މުބާރާތުގެ ފައިނަލުގައި ރާއްޖޭގެ ޕެއާ ބައްދަލުކުރި ލަންކާގެ ޕެއާއަކާއެވެ. މި މެޗު ލަންކާ އިން ކާމިޔާބުކުރީ 12-21 އަދި 13-21 އިންނެވެ.

މި ކޮލިފަައިންގައި ރާއްޖެއިން ފައިނަލުގެ ކުރިން ތިން މެޗެއް ކުޅުނެވެ. ފުރަތަމަ މެޗުގައި ލަންކާގެ ޕެއާ އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި ވަނީ ސިންގަޕޫރުގެ ޕެއާ ބަލިކޮށްފައެވެ. ނަމަވެސް މެލޭޝިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ވަނީ ބަލިވެފައެވެ.

މިއީ ދެ އަހަރުގެ ކޮންޓްރެކްޓެއްގެ ދަށުން ރާއްޖޭގެ ގައުމީ ބީޗު ވޮލީ ކޯޗަކަށް ހަމަޖެއްސި ބްރެޒިލްގެ ތަޖުރިބާކާރު ކޯޗު ވިނިޝަސް މާޓިންގެ ކޯޗުކަމުގެ ދަށުން ގައުމީ ޓީމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.