ދުނިޔޭގެ ބީޗުވޮލީ ބޯޅައިގެ ރޭންކިންގައި ރާއްޖޭގެ ގައުމީ ބީޗް ވޮލީ ބޯޅަ ޓީމުގެ އެއް ވަނަ ޕެއަރ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް) ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

މިދިޔަ ހަފްތާގައި ބަންގްލަދޭޝްގައި ނިމުނު ކާވާ ސެންޓްރަލް ޒޯން ބޯޗްވޮލީބޯޅަ ޓުއާގެ ރަން މެޑަލް ހޯދި ދެ ކުޅުންތެރިންނަށް އެންމެ ފަހުން ނެރުނު ދުނިޔޭގެ ރޭންކިންގައި ބޮޑު ކުރިއެރުމެއް މި ލިބުނީ މިދިޔަ އަހަރު ބައިވެރިވި މުބާާރާތްތަކުގައި ދެއްކި ކުޅުމަށް ބަލައިފަ އެވެ.

ރޭންކިންގައި ކުޑަކާއްޓޭއާއި އެޑަމް އޮތީ 744 ޕޮއިންޓާއެކު، 218 ވަނާގައި ރޭންކްކުރެވިފައެވެ. މި ޕެއަރއަކީ މިވަގުތު ސާކް ސަރަހައްދުންވެސް ދުނިޔޭގައި އެންމެ ރޭންކިންގ ރަނގަޅު ޕެއަރއެވެ. މި ޕެއަރއިން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޖުމުލަ ދެ މެޑަލެއްވެސް ހޯދާފައެވެ. އެއީ އެންމެ ފަހުން ހޯދި ރަން މެޑަލްގެ އިތުރުން، ކޮމަންވެލްތު ގޭމްސް ކޮލިފައިންގގައި ހޯދި ރިހި މެޑަލެވެ.

ކުޑަކާއްޓޭ އާއި އެޑަމްގެ ޕެއާ އަކީ ސާކް ސަރަހައްދުގެ ގައުމުތަކަށް ބަލާއިރުވެސް ދުނިޔޭގެ ރޭންކިންގައި މި ވަގުތު އެންމެ މަތީގައި އުޅޭ ޕެއާ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމްގައި ހިމެނިގެން މުބާރާތްތައް ކުޅުނު އަހުމަދު މުހައްމަދު (ކޯކޭ) އާއި މުހައްމަދު އަލީ (ޑެންޒޯ)ގެ ޕެއާ އުޅެނީ 66 ދަރަޖައިގެ ކުރިއެރުމަކާ އެކު ރޭންކިންގެ 458 ވަނައިގަ އެވެ. މި ދެ ކުޅުންތެރިންނަށް ވަނީ 364 ޕޮއިންޓް ލިބިފަ އެވެ.

ދާދި ފަހުން ނިމުނު ކާވާ ސެންޓްރަލް ޒޯން ބޯޗްވޮލީބޯޅަ ޓުއާގައި ވާދަކުރި ރާއްޖޭގެ ޕެއާ ކަމަށްވާ ކޯކޭ އާއި ޝަމާއިލް ހުސައިންގެ ޕެއާ އުޅެނީ 544 ވަނައިގަ އެވެ. އެއީ 290 ޕޮއިންޓާ އެކުގަ އެވެ.

ދުނިޔޭގެ ރޭންކިންގެ އެއް ވަނާގައި އޮތީ ނޯރވޭގެ ދެ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއަން ސޮރަމްއާއި އެންޑާސް މޮލްއެވެ. މި ޕެއަރއިން ވަނީ މިދިޔަ އަހަރު އޮތް ތިން މުބާރާތަކުން ރަން މެޑަލް ހޯދާފައެވެ.